އޮސްޓްރޭލިއާގެ ބޮޑުވަޒީރުކަމަށް އެޤައުމުގެ ލޭބަރ ޕާރޓީގެ ނިސްބަތްވާ އެންތަނީ އެލްބަނީޒް އިސްކުރައްވައިފިއެވެ. މިއީ ދަހަރެއް (ދިހައަހަރު) ތެރޭ ލޭބަރ ޕާރޓީ އިންތިޚާބެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
ސިޔާސީ ދާއިރާގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކުރައްވާފައިވާ އެލްބަނީޒް، އިންތިޚާބުގައި ބޭނުންކުރި ސްލޯގަން އަކީ "ރައްކާތެރި ބަދަލު" [ސޭފް ޗޭންޖް] އެވެ. މައިގަނޑު ގޮތެެއްގައި އޭނާގެ މަސައްކަތް ހުރީ ނޭޝަނަލިސްޓް އަދި ކޮންސަރވޭޓިވް ކޯލީޝަނުން 2013 ފެށިގެން ކުރަމުން އައި ވެރިކަން ނިމުމަކަށް ގެނައުމެވެ.

އަލްބަނީޒް ނުވަތަ ޢާއްމު ބަހުރުވައިން "އަލްބޯ" [ނިކްނޭމް] ގެ ސިޔާސަތުތަކުގެތެރޭގައި ހިލޭބޭސްފަރުވާ ދޭ ނިޒާމެއް ޤާއިމްކުރުން ހިމެނެއެވެ. އޭނާ އަކީ "އެލްޖީބީޓީ" ސަޕޯޓަރެއްގެ އިތުރުން ކުޅިވަރެއްގެ ގޮތުގައި ރަގްބީއަށް ވެސް ޝައުޤުވެރިކަން ބަހައްޓާ ފަރާތެކެވެ.
ބީބީސީ ބުނާގޮތުން، އަލްބޯ، 59 އަހަރު، އަކީ އެކަނިވެރިމަޔަކު އިޖްމާޢީ ބޯހިޔާވހިކަމެއްގައި ބަލާ ބޮޑުކުރި ދަރިއެވެ. އޭރު އޭނާގެ މަންމަ ދިޔައީ ނުކުޅުދުންތެރިކަންހުންނަ ފަރާތްތަކަށްދޭ އެލަވަންސް ހޯދަމުންނެވެ. އެހެންކަމުން އޭނާ ބުނާގޮތުން އޭނާގެ "ޕްރޮގްރެސިވް" ވިސްނުން އައީ ދިރިއުޅުމުގެ ޙާލަތްތަކުގެތެރެއިންނެވެ.
އޭނާ ވިހެއިއިރު ބައްޕަ ދުނިޔޭދޫކޮށްފައިވާކަމަށް ޤަބޫލުކުރިނަމަވެސް 30 އަހަރު ފަހުން އޭނާގެ ބައްޕަ ހޯދައި އިޓަލީއަށް ގޮސް އޭނާއާއި ބައްދަލުކޮށްފައެވެ.
އޭނާއަކީ އޮސްޓްރޭލިއާގެ ޤާނޫނުހަދާ މަޖިލިހުގައި 25 ވަންދެން އިންނެވި ފަރާތެކެވެ.