ކީލިއަން އެމްބާޕޭ

ކުޅިވަރު

ކީލިއަން އެމްބާޕޭ ރެއާލްއަށް ބަދަލުވާން ދެކޮޅު

ދާނިޝް - ޔޫރަޕް | 23 މެއި 2022 , ހޯމަ 22:45   178

ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭ ރެއާލް މެޑްރިޑަށް ބަދަލުވާން ދެކޮޅުހަދައި ޕީއެސްޖީގައި މަޑުކުރަން ނިންމިކަން ހާމަކޮށްފިއެވެ.

އެމްބާޕޭ އެންމެ ފުރަތަމަ ޕީއެސްޖީއާ ގުޅުނީ 2017 ވަނަ އަހަރު ލޯނުއެއްބަސްވުމެއްގެ ދަށުން މޮނާކޯ ދޫކޮށްލުމަށް ފަހުގައެވެ. ނަމަވެސް 2018 ވަނަ އަހަރު ޕީއެސްޖީން ވަނީ 145 މިލިޔަން ޔޫރޯ ދެއްކުމަށްފަހު އެމްބާޕޭގެ އެއްބަސްވުން ދާއިމީ އެއްބަސްވުމަކަށް ބަދަލުކޮށްފައެވެ.

އެމްބާޕޭ ޕީއެސްޖީގައި މަޑުކުރަން ނިންމިކަން އެ ކުލަބުގެ ރައީސް ނާސިރު އެލް-ޚެއްލާފީ އިއުލާން ކުރީ ފްރެންޗް ލީގުގައި ހޮނިހިރު ދުވަހުގެރޭ އަމިއްލަ ދަނޑުގައި ޕީއެސްޖީން މެޓްޒްއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ނޫސްވެރިންނާއި މައުލޫމާތުދެމުންނެވެ. އޭނާ މައުލޫމާތު ދިން ގޮތުގައި އެމްބާޕޭ ވަނީ ފްރާންސްގެ ޗެމްޕިއަން ޓީމާއެކު ތިން އަހަރު ދުވަހުގެ މުއްދަތަށް އައު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެމްބާޕޭ ޕީއެސްޖީގައި މަޑުކުރަން މި ނިންމި ނިންމުމާއި ގުޅިގެން ސްޕެނިޝް ލީގުން ވަނީނުރުހުން ފައުޅުކޮށް، ރުޅިވެރިކަމާއެކު ރައްދުދީ، ޔުއެފާގެ އިތުރުން ފްރާންސް އާއި އީޔޫގެ ކަމާބެހޭ ފަރާތްތަކަށް ޝަކުވާ ހުށަހަޅާނެކަމަށް އިއުލާން ކޮށްފައެވެ.

ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ސްޕެނިޝް ލީގުގެ ރައީސް ހާވިއޭ ޓެބާސް ބުނީ ފާއިތުވި ސީޒަންތަކުގައި 700 މިލިޔަން ޔޫރޯގެ ގެއްލުމާއި، 600 މިލިޔަން ޔޫރޯއަށް ވުރެ ގިނަ އުޖޫރަ ލިބުމުން, ގިނަ އަދަދެއްގެ ފައިސާއިން އެމްބާޕޭގެ އެއްބަސްވުން އާކޮށްގެން ޕީއެސްޖީން ކުރަން އުޅޭ ކަމަކީ ފުޓްބޯޅައަށް ކުރާ ފުރައްސާރައެއް ކަމަށް ސިފަކޮށްފައެވެ. ސްޕެއިންގެ ފުޓްބޯޅަ ތަޖުރިބާކާރު ގުއިލެމް ބަލާގޭ އާއި ހަވާލާދީ މީޑިއާ ތަކުން ރިޕޯޓުކުރާ ގޮތުގައި ޕީއެސްޖީ އޮތީ އެމްބާޕޭ އިތުރު ދެ ސީޒަނަށް ބެހެއްޓުމަށް 150 މިލިޔަން ޔޫރޯގެ ފީއެއް ހުށަހަޅަން ތައްޔާރަށެވެ.

އެމްބާޕޭ ވަނީ މިހާތަނަށް ޕީއެސްޖީގައި ހޭދަކުރި ފަސް ސީޒަނުގައި އެ ޓީމާއެކު ފްރެންޗް ލީގު ހަތަރު ފަހަރު ކާމިޔާބުކޮށްފައެވެ. އަދި ވަނީ އެ ޓީމާއެކު ފްރެންޗް ކަޕް ތިން ފަހަރު އަދި ފްރެންޗް ލީގު ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންގެ ޤައުމީ ޓީމާއެކުވެސް އޭނާ ވަނީ ކުޅެފައެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.