މިއަދު މެންދުރު މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ބޭއްވުނު އޭޝިއަން ފުޓުބޯޅަ ފެޑެރޭޝަން (އޭފްސީ) ގެ 17 އަހަރުން ދަށުގެ މުބާރާތުގެ ގުރޫޕްތައް ކަނޑައެޅުމަށް ނެގި ގުރުއަތުލުން ބާއްވައިފިއެވެ.
މިމުބާރާތް އޮންނާނީ 2022 ގެ އޮކްޓޫބަރ 1 އިން 9 އަކަށެވެ.
ކޮވިޑްގެ ބަލިމަޑުކަމާއި އެކު އޭފްސީން ވަނީ 2020 އަހަރުގެ މުބާރާތް ކެންސަލްކޮށްފައެވެ. މިއީ ކޮވިޑަށްފަހު މިމުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. ކޮންމެ ގުރޫޕެއްގައި ވެސް ކުޅޭ މަޗުތައް ބާއްވާނެ ޤައުމުތައް ވެސް ވަނީ ކަނޑައަޅާފައެވެ. މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ ބަޙްރޭނުގައެވެ. އެހެންކަމުން އެޤައުމު ވަނީ އޮޓޮމެޓިކުން ކޮލިފައިވެއެވެ.
މިމުބާރާތުގައި ބައިވެރިވެވޭނީ 1 ޖެނުއަރީ 2006 ގެ ފަހުން އުފަންވެފައިވާ ކުޅުންތެރިންނަށެވެ. މީގެކުރިން މިމުބާރާތް ބާއްވާފައިވަނީ 16 އަހަރުން ދަށުގެ މުބާރާތެއްގެ ގޮތުގައެވެ. މިއީ މިމުބާރާތް ބާއްވާ 20 ވަނަ ފަހަރެވެ.

ދިވެހިރާއްޖެ ލައްވާލީ ގުރޫޕް-ޑީ ގައެވެ. ގުރޫޕްގައި ހިމެނޭ އެހެން ޓީމްތަކަކީ ސައުދިއަރަބިއާ، އިންޑިއާ، މިޔަންމާ (ބަރުމާ)، އަދި ކުވައިތެވެ. މިގުރޫޕުގައި ހޯސްޓެއްގެ ގޮތުގައި ޙަރަކާތްތެރިވާނީ އިންޑިއާއެވެ.
ދިވެހި ޓީމް ކުޅޭ ފުރަތަމަ މެޗުގައި ކުވައިތާއި ދެކޮޅަށް ނިކުންނާނީ އޮކްޓޯބަރު 1 ވަނަ ދުވަހުއެވެ. އިންޑިއާ އާއި ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އޮކްޓޯބަރު 3 ގައެވެ.
އޭޝިއާގެ 47 ޤައުމެއްގެ މެދުގައި ކުޅޭ މިމުބާރާތް އެންމެފަހުން ކާމިޔާބުކޮށްފައިވަނީ ޖަޕާނުންނެވެ. އެއީ 2018 ވަނަ އަހަރުއެވެ.
މިމުބާރާތުން އެންމެ ކުރިހޯދާ ހަތަރު ޓީމެއް، ފީފާ 17 އަހަރުން ދަށުގެ ވޯލްޑްކަޕް 2023 އަށް އޭއެފްސީގެ ފަރާތުން ކޮލިފައިވާނެއެވެ.