އުތުރު ކޮރެއާއިން މިދިޔަ މާރިޗު މަހު ތެރޭ ޓެސްޓްކުރި މިސައިލެއް

ދުނިޔެ

އުތުރު ކޮރެއާއިން އެއް ގަޑިއިރުތެރޭ 3 މިސައިލެއް ޓެސްޓުކޮށްފި

ދާނިޝް - އޭޝިއާ | 26 މެއި 2022 , ބުރާސްފަތި 07:15   480

އުތުރު ކޮރެއާ އިން އާ ތިން މިސައިލެއް ޓެސްޓުކޮށްފި އެވެ.

ދެކުނު ކޮރެއާ އާއި ޖަޕާނުން ބުނި ގޮތުގައި އުތުރު ކޮރެއާއިން ގާތްގަނޑަކަށް އެއް ގަޑިއިރަށް ވުރެ ވެސް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި މި ތިން މިސައިލް ވައިގެ ތެރެއަށް ފޮނުވާލައިފަ އެވެ. އެކި ރާސްތާތަކުގެ މިސައިލްތައް ޓެސްޓުކުރުން މި އަހަރު ފެށުމާ އެކު އުތުރު ކޮރެއާ އިން ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައިކަން ފާހަގަކޮށްލެވެއެވެ.

ދެކުނު ކޮރެއާގެ ސިފައިންގެ ވެރިޔާ މީދިއާތަކަށް މައުލޫމާތު ދިން ގޮތުގައި އުތުރު ކޮރެއާ އިން ފޮނުވި ފުރަތަމަ މިސައިލް ވައިގެ ތެރެއަށް ފޮނުވާލި މިސައިލު 540 ކިލޯމީޓަރު އުހަށް އަރައި 360 ކިލޯމީޓަރަށް ދަތުރުކުރިއެވެ. އަދި ދެވަނަ މިސައިލު 20 ކިލޯމީޓަރު އުހަށް އެރުމަށްފަހު ފެއިލްވެގެން ވެއްޓުނު ކަމަށް ބެލެވޭ ކަމުގައެވެ. އަދި ތިން ވަނަ މިސައިލު 60 ކިލޯމީޓާރު އުހަށް އަރައި 760 ކިލޯމީޓަރަށް ދަތުރުކުރިކަމަށެވެ. ހަމައެހެންމެ މި މިސައިލު ތަކުގެ ތެރެއިން ފުރަތަމަ މިސައިލަކީ އިންޓަކޮންޓިނެންޓަލް ބްލެސްޓިކް މިސައިލެއް ކަމަށްވެސް އެނާ މައުލޫމާތު ދިނެވެ.

މި މިސައިލު ޓެސްޓުތަކާއި ގުޅިގެން ޖަޕާނުންނާއި ދެކުނު ކޮރެއާއިން ވަނީ ކަންބޮޑުވުން ފައުޅުކޮށްފައެވެ. އެގޮތުން ދެކުނު ކޮރެއާގެ ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އުތުރު ކޮރެއާގެ މިފަދަ ހަތިޔާރުތަކެއް ތަޖުރިބާކޮށް ޓެސްޓުކުރުމަކީ ސަރަހައްދީ ހަމަޖެހުމަށް އޮތް ބިރެއް ކަމުގައެވެ. މި މޭރުމުން ޖަޕާނުގެ ސަރުކާރުންވެސް ވަނީ ވާހަކަ ދައްކާފައެވެ. ޖަޕާނުގެ ދިފާއީ ވަޒީރު ނޮބުއޯ ކީޝީ ވިދާޅުވީ މި އަމަލަކީ ބަލައިގަނެވޭނެ އަމަލެއް ނޫންކަމަށާއި މިއީ މުޅި ބައިނަލްއަގުވާމީ މުޖްތަމައުގެ ރައްކާތެރިކަމަށް ވެސް ކުރިމަތިވާ ނުރައްކަލެއް ކަމަށެވެ.

އުތުރު ކޮރެއާއިން މި މިސައިލްތައް ޓެސްޓު މިކުރީ އެމެރިކާގެ ރައީސް ޖޯބައިޑެން ދެކުނު ކޮރެއާއަށާއި ޖަޕާނަށް ކުރެއްވި ރަސްމީދަތުރުފުޅު ނިންމާލައި އަނބުރާ ވަޑައިގެންނެވިތަނާ 24 ގަޑިއިރު ނުވަނީ ކަންވެސް ފާހަގަކޮށްލެވެއެވެ.

ދެކުނު ކޮރެއާއަށް ކުރެއްވި ދަތުރުފުޅުގައި ބައިޑެން ވަނީ ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް-ޔެއޯލްއާއި ބައްދަލުކުރައްވާ އުތުރު ކޮރެއާގެ އަސްކަރީ ހަރަކާތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އަދި އެ ޤައުމުގެ އަސްކަރީ ބާރު ވަރުގަދަ ކުރުމަށް އެމެރިކާއިން އިތުރު އެހީތަކެއް ވާނެކަމަށް ބައިޑެން ވަނީ ވިދާޅުވެފައެވެ. މިގޮތުން އެމެރިކާގެ ހަނގުރާމަމަތީ އިތުރު މަތިންދާބޯޓުތަކާއި، ބޮންއަޅާ ބޯޓުތަކާއި މިސައިލްތައް ދެކުނު ކޮރެއާ އަށް ގެނައުމަށާއި އެމެރިކާ ސިފައިންނާއި ދެކުނު ކޮރެއާ ސިފައިން ގުޅިގެން ބާއްވާ އަސްކަރީ ފަރިތަކުރުންތައް އިތުރުކޮށް ދާއިރާ ވެސް ފުޅާކުރައްވާނެ ކަމަށް ރައީސް ބައިޑެން ވިދާޅުވި އެވެ.

ޓެގްސް: ނޯތް ކޮރެއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.