ފިނޭންސް މިނިސްޓަރ ސައުދީ ފަންޑުގެ އިސްބޭފުޅަކާއި ބައްދަލުކުރައްވަނީ

ހަބަރު

ކޮލަމް: ދިވެހިރާއްޖެ ދަރަނި ދަންތުރައެއްގައި ޖެހިފައި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 25 މެއި 2022 , ބުދަ 19:33 3   339

ދިވެހިރާއްޖޭގެ މަލީ ޙާލަތު ގޯސްވަމުންދާ ކަމުގެ ނިޝާންތައް މީގެ އެތަކެއްމަސް ކުރިން ފެށިގެން ފެންނަން ފަށައިފިއެވެ. އެކަމަށް ތައްޔާރުވެ ފިޔަވަޅު އެޅުމަށް ދިވެހިރާއްޖެ އަށް އެކިފަހަރުމަތިން ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން އަންނަނީ ގޮވައިލަމުންނެވެ.

"ދަރަނި ދަންތުރަ" އަކީ ބޭރުޤައުމުތަކުގައި ވެސް ދިމާވާ މާލީ ކާރިސާއެކެވެ. އިޤްތިޞާދީ އަނދަވަޅެކެވެ. ދަރަންޏަކީ އަނބުރާދެއްކޭނެ ޤާބިލްކަން ސާބިތުކޮށްދީގެން، ނަގާ އެއްޗެކެވެ. އަދި ނަގާ ފަރާތުން ވެސް ނަގަންވާނީ، އެގޮތަށް ވިސްނައިގެންނެވެ.

ދަރަނި ދަންތުރައެއްގައި ޖެހުނީމާ ދެންއެއަކުން، ސަލާމަތްވާން ފަސޭހައެއް ނުވާނެއެވެ. އެއީ އަރައިގަންނަން އުނދަގޫ ހިސާބެކެވެ. މީގެ އެންމެ ބޮޑު ޢަލާމާތަކީ، ދަރަނި ދެއްކުމަށްޓަކައި، އިތުރަ ދަރަނި ނަގަމުން ދިއުމެވެ. މިހާރު ރާއްޖޭގެ މިޞްރާބުހުރީ އެދިމާލަކަށް ނޫންބާއެވެ.

ދިވެހިރާއްޖޭގެ މާލީ ވަޒީރު، މިއަދު މީޑިއާތަކަށް މަޢްލޫމާތުދެއްވަމުން ވިދާޅުވީ، މިއަހަރުގެ ޖޫންމަހު އެކަނިވެސް 250 މިލިއަން ޑޮލަރު (އިންޓްރެސްޓާއި އެކު 254 މިލިއަން ޑޮލަރު) އަނބުރާ ދައްކަންޖެހޭ ދަރަނީގެގޮތުގައި އެބައޮތް ކަމަށެވެ. އެ ފައިސާ ދެއްކުމަށްޓަކައި ސަރުކާރުން ވަނީ ސުކޫކު ވިއްކަން ނިންމާފައެވެ.

ސުކޫކު އަކީ އިސްލާމިކް ބޮންޑެކެވެ. ޢާއްމުގޮތެއްގައި ކުރުމުއްދަތެއްގައި ބޮންޑްގެ މުއްދަތުހަމަވެ ފައިސާ ދައްކަންޖެހެއެވެ. މީގެ އިތުރުން ވެސް ސަރުކާރުން އަންނަނީ ޚަރަދުކުޑަކުރުމުގެ ބަދަލުގައި ޚަރަދުބޮޑުކޮށް ކަންކަން ކުރަމުންނެވެ. މުސާރަތައް ބޮޑުކޮށް، ވަޒީފާތައް އިތުރުކުރަމުންނެވެ. އަދި ދަނީ މެދުނުކެނޑި ފައިސާ ޗާޕްކުރަމުންނެވެ. މިއީ، ރާއްޖެ ކަހަލަ ހުރިހާ ކަމަކަށް އެހެން ޤައުމުތަކަށް ބަރޯސާވާ ޤައުމުކަށް ވަރަށް ނުރައްކާ ކަމެކެވެ.

ދެންއޮތީ އިޤްތިޞާދު ކުރިއަރާ ވާހަކައާއި، ރިޒާވް ބޮޑުވި ވާހަކައެވެ.

ރިޒާވް ބޮޑުވުމަކީ ފައިސާ ގިނަވުން ނޫންކަމަށް ހުރިހާ އިޤްތިޞާދީ މާހިރުން ވެސް އެއްބަސްވެއެވެ.

ރަނގަޅެވެ. އިޤްތިޞާދު ކުރިއަރާކަމަށް އެބަ ދައްކައެވެ. އޭގެ މައިގަނޑު ސަބަބަކީ، ކޮވިޑްތެރޭގައި އިޤްތިޞާދު ވެއްޓުނު މިންވަރު ބޮޑުވުމުންނެވެ. އިޤްތިޞާދާއި ޢާމްދަނީ އަބަދުވެސް އަޅާކިޔަނީ ނިމިދިޔަ މަހާއި ނިމިދިޔަ އަހަރުގެ ޢަދަދުތަކަށް ބަލައިގެންނެވެ. ދުނިޔެ މިހާރު މިއޮތް ޙާލަތަކީ ކުރިން ތަޖުރިބާކޮށްފައި ނުވާ ޙާލަތެކެވެ.

ދުނިޔޭގެ ސުލްޙައަށް ބަލާއިރު ވެސް އޮތީ ނާޒުކު ފައްތަރެއްގައެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި އަހަރުމެންގެ ޙަޔާތުގައި މީގެކުރިން ދެކެފައިނުވާފަދަ، ނުތަނަވަސް ކަމެއް އެބައޮތެވެ. އެމެރިކާ، ރަޝިއާ، ޔޫރަޕް، އަދި ޗައިނާވެސް އޮތީ ދެންމެ ދެންމެ ހަނގުރާމައަކަށް ނިކުމެދާނެހެން ހީވާކަހަލަ ގޮތަކަށެވެ. ވިސްނައިގެން ފިޔަވަޅުތައް ނާޅާއިފިނަމަ ކެހި ލިބިދާނެއެވެ. ފާލުން ކައްސާލަފާނެއެވެ.

ސަރުކާރުން އިތުރަށް ދަރަނި ނަގަމުން ދިއުމާއި ފައިސާ ޗާޕުކުރަމުން ދިއުމަކީ މިޙާލަތުގައި ރަނގަޅުގޮތެއް ނޫނެވެ. ދަރަނި ދަންތުރައިގައި ވާ އިތުރު ތާއްޓަކަށްވުން ގާތެވެ. މިހާރުވެސް ތަކެތީގެ އަގު ވަނީ އެތައް ތަނެއް ބޮޑުވެފައެވެ. އަދި ޑޮލަރުގެ އަގަށް ކުރިއަށް އޮތް ދުވަސްތަކުގައި ބަދަލުގެންނަން ސަރުކާރަށް މަޖުބޫރުވުން ގާތެވެ.

އެހެންވެއްޖެ ނަމަ އެދިޔައީ އަނެއްކާވެސް އަޑިއަށެވެ.

ސްރީލަންކާ އެހާލުގައި ޖެހެމުން ދިޔައިރު ވެސް އޭރުގެ ސަރުކާރުން ބުނަމުން ދިޔައީ ހުރިހާކަމެއް ދަނީ ބަރާބަރަށް ކަމަށެވެ. ގޯހެއް ނެތް ކަމަށާއި ބަނގުރޫޓު ނުވާނެ ކަމަށެވެ.

އެކަމަކު، ނިކަން މިއަދު ބަލައިބަލާށެެވެ. މިއަދު ކަން އޮތީ އެގޮތަށް ހެއްޔެވެ.

ހަމަ ޚަރަދުކުޑަކުރުން ނޫން ގޮތެއް ރާއްޖެއަކަށް ނެތެވެ. ތަރައްޤީގެ ޕްރޮޖެކްޓްތައް ވެސް ކޮންމެހެން ބޭނުންނުވަންޏާމު އިހަށް މަޑުޖައްސާލަންވީއެވެ. މިއީ، ސިޔާސީގޮތުން ކުރަން އުނދަގޫ ކަމެކެވެ. އެކަމަކު، ނުކޮށްފިނަމަ، އަހަރުމެން އެކަކުވެސް ސަލާމަތެއް ނުވާނެއެވެ.

ޓެގްސް: ކޮލަމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.