ދުނިޔޭގޭ ބާޒާރުގައި ތެލުގެއަގު އަނެއްކާވެސް އުފުލިއްޖެއެވެ.
މިހެން ދިމާވާން ޖެހުނީ ޔޫރަޕްގެ ގައުމުތަކުން ރަޝިއާގެ ތެޔޮ ބޭނުންކުރުމާއި ދެކޮޅު ގަރާރެއް ފާސްކުރުމާއި ގުޅިގެންނެވެ. އެގަރާރުގައި ވާގޮތުން މިއަހަރު ނިމެންވާއިރަށް ރަޝިއާއިން ޔޫރަޕަށް އެތެރެކުރާ ތެލުގެ 90 ޕަސެންޓް ދޫކޮށްލާނެއެވެ.
މިނިންމުމާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއަކުން 3.46 ޑޮލަރާ ހަމައަށް އެއްދުވަސްތެރޭގައި ބޮޑުވެފައިވެއެވެ.
އަހަރުމެން ބޭނުންވަނީ ރަޝިއާ އަށް ވީ އެންމެ ބޮޑަކަށް ޕްރެޝަރުކުރަން ހަނގުރާމަ ހުއްޓުވަން
~ ޗާލްސް މިޝޭލް، ޔޫރަޕިއަން ކައުންސިލް ޗީފް
މިއީ ޔޫރަޕްގެ އިއްތިހާދުން ރަޝިއާގައި ހަނގުރާމަ ފެށިފަހުން އެޤައުމާއި ދެކޮޅަށް އެޅި 6 ވަނަ ފިޔަވަޅެވެ.
ރަޝިއާއިން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ތެޔޮ ފޯރުކޮށްދިނުމުގައި އެހެން އެއްވެސް ޤައުމަކުން އަދާނުކުރާވަރުގެ ރޯލެއް އަދާކުރެއެވެ. ދުނިޔޭގެ ހަކަތަ އާއި ބެހޭ އިދާރަ (އައިއީއޭ) ބުނާގޮތުން، ދުނިޔޭގެ އެންމެ ގިނައިން ތެޔޮ ބޭރުކުރާ ޤައުމަކީ ރަޝިއާއެވެ. އަދި މުޅި ޔޫރަޕަށް ބޭނުންވާ ތެލުގެ 36 ޕަސެންޓް ޙިއްސާކުރަނީ ސީދާ ރަޝިއާއެވެ.