ޚަރަދަށް ޒިންމާވާ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުން، ދައުލަތުގެ ދަރަނީގެ ނިޞްބަތް ހުންނަން ޖެހެނީ ޖުމުލަ ގައުމީ އުފެއްދުންތެރިކަމުގެ 60 ޕަސެންޓަށް ވުރެ ބޮޑުނުވާގޮތަށެވެ.
ނަމަވެސް، މިއަދު ކަންއޮތީ އެގޮތަށް ހެއްޔެވެ؟ އެންމެފަހުން ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ދައުލަތުގެ ދަރަނި މިއަހަރުތެރޭ ފުރަތަމަ ފަހަރަ 100 ބިލިއަން ރުފިޔާ ފަހަނަޅާ ދާނެއެވެ.
އަނެއް ސުވާލަކީ، މިކަން ބަލަހައްޓާ، ކޮންޓްރޯލްކުރުމުގެ ޒިންމާ އޮތީ ކޮންބައެއްގެ ކޮނޑުގައިތޯއެވެ. މަރުކަޒީ ބޭންކުގެ ބަސްނުވިކޭކަން ކިތަންމެހާ ވެސް ސާފެވެ. އެއީ ދިފާޢުގައި ސަރުކާރުން ވާހަކަދައްކާފައިވާތީއެވެ. އަދި އެކަމާއި ގުޅިގެން ވަކި ޚާއްޞަ ފިޔަޅުތަކެއް އެޅުއްވިކަން އެނގެން ނެތުމެވެ.
ދައުލަތުގެ ދަރަނީގެ ތެރޭގައި، ސުކޫކު ވެސް، ބޮންޑް ވެސް ހިމެނެއެވެ. އަދި އެއީ ދަރަނީގެ ތެރެއިން ވެސް ނުރައްކާ ބާވަތްތަކެވެ. ކަނޑައެޅޭ ކުރު މުއްދަތެއްގައި އެފައިސާ އެއްކޮށް އަނބުރާ ދޭންޖެހެއެވެ.

މިތަފާސް ހިސާބުތަކުން އެނގޭގޮތުގައި ރާއްޖޭގެ ދަރަނި މިވެރިކަން ފެށުނުއިރު ހުރީ 22 ބިލިއަނުގައެވެ. އަދި އެތެރޭގެ ދަރަނި ހުރީ 32 ބިލިއަނުގައެވެ.
ނަމަވެސް ސީދާ އެމްއޭއިން ފޯކާސްޓްތައް ދައްކާގޮތުން ދައުރު ނިމޭއިރު، ބޭރުގެ ދަރަނިތައް ދެގުނައަށްވުރެ ބޮޑުވެ ގާތްގަނޑަކަށް 50 ބިލިއަން ރުފިޔާއަށް އަރާނެއެވެ. އަދި އެތެރޭގެ ދަރަނިވެސް 32 ބިލިއަނުން 53 ބިލިއަނަށް އަރާނެއެވެ.

އަހަރުން އަހަރަށް ބަޖެޓް އެކުލަވާލެވިފައިވާގޮތަށް ބަލާއިރު، ޚަރަދާއި ޢާމްދަނީގެ ފަރަގު (ބަޖެޓް ޑެފިސިޓް) އެންމެ ކުޑައީ 2013 ވަނަ އަހަރުއެވެ. އެއީ ގާތްގަނޑަކަށް 2 ބިލިއަން ރުފިޔާގެ ތަފާތެކެވެ. އޭރު ޖުމްލަ ބަޖެޓަކީ އެންމެ 13 ބިލިއަން ރުފިޔާއެވެ.
އަދި 2018 ވަނަ އަހަރު މިސަރުކާރު ވެރިކަމަށް އައި އިރު ފާސް ކުރީ 28 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި ޑެފިސިޓް ހުރީ 4 ބިލިއަނުގައެވެ. އަދި ރާއްޖޭގެ ތާރީޚްގައި އެންމެ ބޮޑު ޑެފިސިޓެއް ފެނިފައިވަނީ މިދިއަ އަހަރުއެވެ. އެއީ 13 ބިލިއަނުގެ ޑެފިސިޓެކެވެ.
ނަމަވެސް ކޮވިޑާއި އެކު އައި ބަލިމަޑުކަމުގެ ތެރެއިން، ރާއްޖެއަށް ނަސީބު ރަނގަޅުކޮށް ދިމަވެފައި އޮތީ އެންމެ ކަމެކެވެ. އެއީ ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރަކު އ.ދ. ގެ ގެނެރަލް އެސްމްބްލީގެ ވެރިއަކަށް އައުމެވެ. މީގެ ސަބަބުން، ދިވެހިރާއްޖެ އަށް ދަރަނި ހޯދުމުގައި ވަރަށް ބޮޑެތި ފެސޭހަތަކެއް ލިބިގެން ގޮސްފައިވާކަން ލިޔެކިއުންތަކުން ދައްކައެވެ.
ކޮންމެއަކަސް، މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓަކީ 34 ބިލިއަން ރުފިޔާއެވެ. އަދި ޑެފިސިޓް ހުރީ ދިހަ ބިލިއަން ރުފިޔާގައެވެ.
މިއަހަރު ފެށިގެން ކޮންމެ އަހަރަކަށް 10 ބިލިއަން ރުފިޔާގެ ޑެފިސިޓެއް އިތުރުވަމުންދާނެ.
~ އެމްއެމްއޭ، ފިސްކަލް ޓްރެޖެކްޓަރީ ރިޕޯޓް
މަލީ ވާހަކަތަކަކީ ތަންކޮޅެއް ޓެކްނިކަލް ވާހަކަ ތަކެވެ. ބައެއް ފަހަރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވެސް ކޮންމެކޮންމެ ތަނެއްގައި ދައްކަވަން އުނދަގޫފުޅު ވާހަހަކަ ތަކެވެ. ނަމަވެސް މިއީ ދައްކަން ކޮންމެހެން ޖެހިފައިވާ ވާހަކައެކެވެ.
ބައެއް އިގްތިޞާދި މާހިރުން ވިދާޅުވާގޮތުން، މިހާރުކޮށްފައިވާ އަންދާޒާތަކަށް ވުރެ އަދަދުތައް ދެގުނަވުން ގާތެވެ. މިސާލަކަށް މިއަންނަ އަހަރު ދައުލަތުން ބޭރުގެ ދަރަނީގެ ގޮތުގައި އެކަނި 600 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 10 ބިލިއަން) ރުފިޔާގެ ޕޭމެންޓެއް ހަދަންޖެހޭކަމަށް ދާދިފަހުން ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވެއެވެ. ބަޖެޓް ޑެފިސިޓް ޢަދަދުތަކާއި މިއަދުތަކާއި ފުށުއެރުންތައް ހުރިކަމަށް އެފަރާތްތަކުން ބުނެއެވެ.
ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްވަނީ، ފައިސާގެ ދަތިކަން އޮތްކަމަށް ވިދާޅުވެ ހުރިހަ ފަރާތްތަކުން ވެސް އިގްތިސާދުކުރުމަށް ބާރުއަޅުއްވައި ވާހަކަފުޅުވެސް ދައްކަވާފައެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި އެމްއެމްއޭގެ ގަވަރުނަރު ވެސް ވަނީ، މިދަނޑިވަޅަށް ތަރައްގީގެ ޕްރޮޖެކްޓްތައް މަޑުޖައްސާލަންޖެހޭކަމަށް ވިދާޅުވެފައެވެ.
ނަމަވެސް ސަރުކާރުން އެފަދަ އިޝާރާތެއް ކުރައްވާފައި ނުވާއިރު، ރައްޔިތުންގެތެރޭގައި ވަނީ ވަރަށްބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ.