"ފަހުވިންދާއި ޖެހެންދެންވެސް ލޯބިވާނަން" - ލިޔުންތެރިޔާ، އަލްމާ

މުނިފޫހިފިލުވުން

ވާހަކަ: ފަހުވިންދާއި ޖެހެންދެންވެސް ލޯބިވާނަން (ތިންވަނަ ބައި)

އަލީ އަޒްޔަން - އެހެނިހެން | 4 ޖޫން 2022 , ހޮނިހިރު 22:07   274

"ނަބާ.އަހަރެންގެ އަތުގައި ނަބާގެ ވަރަށް އަގުހުރި އެއްޗެއް އެބައޮތް..." އަހަރެންގެ އަގުހުރި އެއްޗެއް ލަޔާންގެ އަތުގައި އޮތޭ ބުނުމުން ބާރަށް ތެޅެމުން ދިޔަ އަހަރެންގެ ހިތުގެ ތެޅުން އިތުރަށް ބާރުވިއެވެ. ލަޔާން ދިށްކޮށްލި އަހަރެންގެ ފައިގެ އޮތް ރިހި ފަށް ފެނުމުން ހަނދާންވީ އަހަރެންގެ ފައިގެ ފަށް ގެއްލިގެން އުޅޭ ކޮންމެ ފަހަރަކު އެ ފަށް ފެންނަނީ ލަޔާންއަށެވެ . ފަށް ހޯދުމަށް މަސައްކަތް ކުރުމުން އެއް ކަކޫ މައްޗަށް އޭނާ ތިރިވުމާއެކު އަހަރެންނަށް ބޯހޫރާލެވުނެވެ. އެހެނަސް ލަޔާން ހުރި ތަނުން ގުޑިވެސް ނުލިމުން ލަޔާންގެ ފައިމައްޗަށް އަހަރެން ފައި އެރުވީމެވެ. އަދި އޭނާ އަހަރެންގެ ފައިގައި ފަށް އަޅުވާލަދިނެވެ. އަވަސްއަވަހަށް ގޮސް ގެއަށް ވަނީ އިތުރަށް ލަޔާންގެ ކުރިމަތީ ހުރުމަށް ނުކެރޭނެތީއެވެ.

އަހަރެންގެ ހިތުން ބިރު ފިލައި ނުދިޔަ ނަމަވެސް ރައްކާތެރިކަން އިހްސާސްވިއެވެ. ކައިރީގައި ލަޔާން ނެތްނަމަވެސް ލަޔާން ގާތުގައި ވީޙެން ހީވިއެވެ. އަހަރެންގެ ހިތުގައި ހިނގަމުން ދާ އިހްސާސްތައް ކިޔައިދޭންވެސް އަހަރެންނަށް ނުކުޅުދުންތެރިއެވެ. ހިތުގައި ފުރަތަމަ ފަހަރަށް އާއިލާ ނޫން އެހެން މީހެއްގެ ނަން ކަނޑާނެގުނު ކަހަލައެވެ. އެހެންނޫނީ ކުރީގައި ވެސް އެ ނަން ވީ ކަނޑާނެގިފައެވެ. އަހަރެން އަހަރެންގެ ހިތަށާއި އަމިއްލަ ނަފްސަށް ބާރުފޯރުވުމުން މިފަދަ އިހްސާސެއް ނުވީ ކަންނޭގެއެވެ. އަހަރެންގެ ހިތަށް ލޯބި އޭ މިކިޔާ އެއްޗަކީ މީ ބާވައޭވެސް އެރިއެވެ. މަންމަމެންނާއެކު ބޭރަށް ދާން ތައްޔާރުވެގެން ބޭރަށް ނިކުމެލީއެވެ.

އަނބުރައި ގެއަށް އާދެވުނުއިރު 7 ޖަހައި ބޮޑުވެއްޖެއެވެ. ވެފައިވި ވަރުބަލިކަމުން އަވަހަށް ކައިގެން ވަރުބަލިފިލުވައިލަން އޮށޯވެލީމެވެ. އެފްބީ އިން މީގެ 5 އަހަރު ކުރިން ފޮނުވައިފައި އިން ލަޔާންގެ ފްރެންޑް ރިކުއެސްޓް އެކްސެޕްޓް ކުރީމެވެ. ލަޔާން އޮންލައިން ކަމަށް ދެއްކުމުން މީހާ އެއްކޮށް ފިނިވިއެވެ. އަވަހަށް ފޯނު ދުރުގައި ބާއްވައި ނިދޭތޯ ލޯމަރާލީމެވެ. ވީ ނާކާމިޔާބެވެ. އަނެއްކާވެސް ފޯނު ނަގައި އޮންލައިން ވެލީމެވެ. މެސެޖެއް އޮތެވެ. ލަޔާން އޮތީ އަހަރެން މިގޮތަށް ކަންތައް ކުރާނޭކަން އެނގިގެން ކަންނޭގެއެވެ. ދެމީހުން އެކަކު އަނެކަކާ ވާޙާކަ ދައްކަން ތިއްބައި ގަޑިން ރޭގަނޑު 11 ޖެހީއެވެ. ބަރާބަރު 3 ގަޑިއިރުވީއެވެ. ދައްކާނެ ވާޙަކައެއް ނޯނާނެއޭ ހިތަށް އެރި ނަމަވެސް ވާހަކައެއް ހުހެއް ނުވެއެވެ. މާދަމާ ހަވީރު ޑިއުޓީ ނަމަވެސް އާންމުގޮތެއްގައި 12 ޖެހުމުގެ ކުރިން ނިދާތީ ލޮލަށް ބަރުވާންފެށިއެވެ. ނިދި އައިސްފި ކަމަށް ބުނެ އޮފްލައިންވެ ލޯ މަރާލުމާއެކު ހެން ހުވަފެނުގެ ދުނިޔެ އަށް ދެވުނެވެ.

އަހަރެން ހެނދުނު އާރޓިފިޝަލް ބީޗްގެ މަޑު ދޮންވެލިގަނޑުމަޓީ އިށީނދެގެން ހުއްޓާ ކައިރީގައި އިށީން ލަޔާން އިށީނީ ދެމީޙުންގެ ދެމެދަށް ވައިރޯޅި އަކަށްވެސް ނުވަދޭވޭނެހާ ކައިރީގައެވެ. އަދި އަހަރެންގެ އުނގުގައި ބޯ އަޅައި ލައިގެން އޮށޯތެވެ. ލަޔާންގެ މާ ފަންނޫން އަދި މާ ބުޅި ނޫން އިސްތަށިގަނޑުގައި މަޑުމަޑުން ބޭއިހްތިޔާރުން ކުޅެވެން ފެށިއެވެ. ލޯ މަރާއިގެން އޮތް ލަޔާން ފެނުމުން ކުރިން ލަޔާން ދެކެ ލޯބި ނުވެވުނީ ކީއްވެބާއޭ ހިތަށް އެރިއެވެ. މަޑުމަޑުން ލަޔާން ލޯހުޅުވައިލިއެވެ. އަދި ކައިރީގައި އިށިނެވެ. އަދި އަހަރެންގެ މޫނަށް ލަޔާންގެ ހޫނު އިހްސާސް ވާނެހާ ކައިރިވެލިއެވެ. އަދި ނިތްކުރިއަށް "ކިސް" އެއް ދިނެވެ. މަޑުމަޑުން ކައިރިވަމުންދިޔަ ލަޔާންގެ މޫނައި ދުރުވުމަށް މަސައްކަތް ކުރިވަގުތު ކުއްލިއަކަށް ލޯހުޅުވާލެވުނެވެ. ހުވަފެނެކެވެ. ރީތި ހުތްފޮނި ހުވަފެނެކެވެ. އަހަރެންގެ މި ހިތަށް ވަމުން މިދާ ގޮތެއް ނުވިސްނެއެވެ. ލަޔާންގެ ހިޔާލު ނޫނީ އެހެން ހިޔާލެއް މިހާރު ކުރެވޭހެނެއް ހިއެއްނުވެއެވެ.

ޑިއުޓީ އިން ދިމާވެގެން އެކަކު އަނެކަކާ ދިމާލަށް ހިނިތުންވުން ނޫން ކަމެއް ނުކުރެވެއެވެ. އެކަކު އަނެކަކާ ވާހަކަ ދެއްކުމަށް ފަސްޖެހޭތީއެވެ. މީހަކަށް ފެނި މި ވާހަކަތައް އަލިފާންހާ އަވަހަށް ފެތުރުމަށް ދެމީހުން ވެސް ނޭދޭތީއެވެ. އެހެންނަމަވެސް ބަރާބަރަށް އޮންލައިންކޮށް ވާހަކަ ދައްކަމެވެ. ގިނަ ރޭރޭ ނިދެނީ ވާހަކަ ދައްކަން އޮތްވައެވެ.

އެފަދަ ރެއެކެވެ. ދެމީހުން ވެސް ވާހަކަ ދައްކަން ތިއްބައި ލަޔާން ބައްދަލުކުރުމަށް ބޭނުންވާ ވާހަކަ ހާމަކޮށްލިއެވެ. ނޫނެކޭ ބުނާނެ އެއްވެސް ސަބަބެއް ނެތެވެ. ނޫނެކޭ ބުނާކަށް އަހަރެންގެ މި ހިތް އެއްބަހެއް ނުވާނެއެވެ. ދެމީޙުން ވެސް ރޭގަނޑު ޑިއުޓީ ނެތް ރެއަކީ މާދަމާ ރޭ ކަމުން މާދަމާ ރޭ ބައްދަލުކުރުމަށް ނިންމުމަށްފަހު ނިދަން ދިޔައީމެވެ. ނިދަން އެރި އަހަރެންނަށް ވިސްނެމުން ދިޔައީ ލަޔާން އާއި ބައްދަލުވުމުން ދައްކާނެ ވާހަކައަކާ މެދުއެވެ. އަދި ލަޔާން ބުނާނެ އެއްޗަކާ މެދުގައެވެ.

ވަގުތު އައިސް ޖެހިއްޖެއެވެ. ލަޔާން އަށް އެންމެ ކަމުދާ މަޑު ރަތް ކުލައިގެ ހެދުމެއް ލައި މާ ޖެހި ޝޯލް އެއް އެޅީމެވެ. އަދި ތުންފަތުގައި މަޑު މަޑު ރަތް ކުލައިގެ ލިޕްސްޓިކް ކޮޅެއް ހާކައި ލީމެވެ. ސިޓިންގް ރޫމް އަށް ނިކުމެ މަންމަ ގާތުގައި ބުނުމަށްފަހު ބޭރަށް ނިކުމެލީމެވެ. އަހަރެންނަށް ބޭރަށް ނިކުމެވުނު ގަޑި އާއި ލަޔާން ކާރު މަޑުކޮށްލި ވަގުތާއި ދިމާވިއެވެ. ގޮސް ކާރުގެ ފަހަތު ސީޓަށް އެރުމުން ކުރިއަށް އަންނާށޭ ބުނެ ދޮރު ހުޅުވާލަދިނެވެ. ކާރަށް އަރައި ދެމީހުން ހަމަޖެހުމާއެކުހެން ކާރު ދުއްވައިލިއެވެ. ކައިރީގައި ހުރި ޒުވާނަގެ ސެންޓް ވަސް ނޭފަތުގައި ޖެހުމުން ވީ އަރާމެއްގެ ބޮޑު ކަމާއެވެ. އަހަރެންނަށް ލަޔާން އައި ދިމާލަށް ބަލައިލެވުނުއިރު ލަޔާންވެސް އަހަރެންނާއި ދިމާލަށް ބަލައިލިއެވެ.

މަޑު ދުވެލީގައި ގޮސް ކާރު މަޑުކޮށްލީ ސިންފޮނީ ރެސްޓޯރެންޓްއަށެވެ. ކުޑަ ކުއްޖެއްހެން އަހަރެން ދިޔައީ ލަޔާންގެ ފަސްފަހަތުންނެވެ. ގޮސް ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގެ ކައިރީގައި ދެމީޙުން ވެސް އިށީނީމެވެ. ލަޔާން މާ ބޮޑި އެއް ދިއްކޮލުމުން އަހަރެން އޭގައި ހިފައި ލީމެވެ. ކެއުމަށް އޯޑާރ ކުރުމަށްފަހު ލަޔާން އިސްނަގައިގެން ވާހަކަ ދައްކަން ފެށިއެވެ. އެހެން ތިއްބާ ކާއެއްޗެހި ގެނައުމުން އަހަރުމެން ކެއުމާއިގެން ކުރިއަށް ދާން ފެށީމެވެ. ކައި ނިންމުމަށްފަހު ކާރު ގޮސް މަޑުކޮށްލީ އާރޓިފިޝަލް ބީޗް އަށެވެ. ހުވަފެންމަތިން ހަނދާން ވުމުން އިސް ޖަހާލެވުނެވެ. އެހެންނަމަވެސް ހިތަކަށް ބިރުވެރިކަމެއް ނުވަދެއެވެ. ދެމީހުންގޮސް ބެންޗްގައި އިށީނދެގެން ތިބިއިރުގައި އުފް އޭވެސް ނުބުނެއެވެ. އިވެމުންދިޔައީ ޖަހަމުންދިޔަ ކުދި ކުދި ރާޅުތަކުގެ އަޑެވެ. ދެމީހުނގެ ދެމެދުގައި ވި ހަމަހިމޭންކަން ނައްތައިލި އާދައިގެ މަތިން ހަމަ ލަޔާންއެވެ

"ނަބާ އަހަރެން ބޭނުން ވާޙަކައެއް އަހާލަން.. އާ ވާޙަކައެއްނޫން އެކަމަކުވެސް ." ލަޔާން އެހެން ބުނުމުން އަހަރެން ބޯ ޖަހާއިލީމެވެ. "ނަބާ ނަބާ އަށް އިނގޭނެ އަހަރެން ނަބާ ދެކެ ލޯބިވާ މިންވަރު. 8 އަހަރު ވީ އަހަރެންގެ ހިތުގައި ނަބާއަށް ޓަކައި ވީ ލޯބި އިންޗެއްހާ މިންވަރުވެސް މަދެއްނުވޭ. ހިތުގައިވި ލޯތަބަށް ބަދަލެއްއައިނަމަ ލޯބިވީ އިތުރު. ނަބާ އެންމެ ފުރަތަމަ ފަހަރަށް އަހަރެންނަށް ފެނުނީ 1 ޖުލައި 2017 ވަނަ ދުވަހު. ފެނުނީއްސުރެ އަހަރެންގެ ހިތުގައި ނަބާގެ ސޫރަ ކުރެހިގެން ދިޔަ. ނަބާގެ މަޑުމައިތިރިކަން ، ހިތްހެޔޮކަން އަދި ޜީތިކަންވެސް. އަހަރެން އަބަދުވެސް އަހަރެންގެ ބައިވެރިޔެއްގެ ގައިގައި ހުރުމަށް ބޭނުން ހުރިހާ ސިފައެއްގެ ވެރިއެއް ތިއީ. ނަބާ އަހަރެން ނަބާ ބޭނުން ވަރަށް ބޮޑަށް ބޭނުން. ހިއެއް ނުވޭ ނަބާ އާއި އެކީ ނޫން ގޮތަކަށް އުޅެން ފަސޭހަވާނެހެނެއް. އަހަރެންނަށް އިނގޭނީ އަހަރެންގެ މިހިތަށް ނަބާ އަހަރެންގެ ލޯތްބަށް ފުރަގަސްދޭ އިރު ކުރާ އަސަރު. ނަބާ އަހަރެން....."

އަހަރެންނަށް ލަޔާން ގެ ވާޙަކަތައް އަޑުއަހަން ހުރެވުނީ ފެންކަޅިވެފައެވެ. ފެންކަޅިވެފައިވި ލަޔާންގެ ދެލޯ ފެނިފައި އަހަރެން ދެކެ ލަޔާން ވާ ލޯބި އިހްސާސް ކުރެވުނެވެ. 8 އަހަރުވަންދެން ލަޔާންގެ ހިތުގައި އެ ލޯބި ގާއިމްވެފައިވިކަން ޔަގީންވެ ކަށަވަރުވިއެވެ. އަހަރެން ލަޔާންގެ އަތުގައި މަޑުމަޑުން ހިފައިލީމެވެ.

"ލަޔާން އަހަރެން ގަބޫލުކުރަން ލަޔާ އަހަރެންދެކެ ލޯބިވާކަން..އެކަމަކުވެސް އަހަރެންނަށް ވަރަށް ކުޑަވަގުތު ކޮޅެއް ދީ. އަހަރެން ނޭދެން އަހަރެންގެ ހަޔާތުގެ މި ވަރު ބޮޑު ނިންމުމެއް ވިސްނައިނުލައި ނިންމާކަށް. ހަމަ ކުޑަ ވަގުތު ކޮޅެއް.."

އަހަރެންނަށް ލަޔާގެ އަތަށް ބާރުކުރެވުނީ ލަޔާން އާއިއެކު އަބަދުގައި ވާނެކަން އެންގުމަށެވެ. ދެމީހުން ވެސް ވަކިވެލީ މާދަމާ ހޮސްޕިޓަލުން ދިމާވާނެ ކަމަށް ބުނެފައެވެ. އެރޭ މުޅިން ވެސް އަހަރެންނަށް ވިސްނުނީ ލަޔާން އަށް ދޭނެ ޖަވާބަކާއި މެދުގައެވެ. މީހެއްގެ އަތުގައި ހިފައިގެން ކުރިއަށް ދާންވީ ވަގުތު ޖެހިއްޖެބާއޭ ހިތަށް އެރިއެވެ. ލަޔާން އަށް ދޭނެ ޖަވާބު ހިތުގައި ރައްކާ ކޮށްފައި ބޭއްވީމެވެ. އަދި ފޮނި ހުވަފެންތަކުގެ ދުނިޔެއަށް އަރަގު ވެގެން ދިއުމަށް ޓަކައި ލޯ މަރައި ބާރު ކޮށްލީމެވެ. މާދަމާ އިރު އަރާނެ އިރަކަށް އިންތިޒާރު ކުރަމުންނެވެ.

ޓެގްސް: ލޯބީގެ ވާހަކަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.