އައްޑޫ ސިޓީ ލިންކުރޯޑުގައި ހުރި ތާރީޚީ ރުއްތަކެއް

ހަބަރު

50 އަހަރުން މަތީގެ ހުރިހާ ގަހެއް ހިމާޔަތްކޮށްފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 5 ޖޫން 2022 , އާދީއްތަ 11:01   225

އިއްޔެ އަކީ ބައިނަލް އަގްވާމީ ތިމާވެށީގެ ދުވަހެވެ. މި ދުވަހާއި ގުޅުވައިގެން ރާއްޖޭގެ ރަށްތައް ފެހިކުރުމަށާއި، ޖައްވަށާއި މާހައުލަށް ގެއްލުންދޭ ބާވަތުގެ ޕްލާސްޓިކް ފަދަ ތަކެތި މަދުކުރުމަށް ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

މިފަދަ އެއްފިޔަވަޅަކީ އަންނަ މަހުން ފެށިގެން ޢަމަލުކުރަންޖެހޭ ގޮތަށް, ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ޙިމާޔަތްކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު, ގެ ނަމުގައި ގަވާއިދެއް ނެރެ ގެޒެޓްކުރުމެވެ.

މިގަވާއިދުގެ ދަށުން ދުވަސްވެފައިވާ ރުއްގަސްތައް ބަލަހައްޓާ ހިމާޔަތްކުރުން ވެސް ހިމެނެއެވެ. އެހެންކަމުން އަންނަ މަހުން ފެށިގެން ރުއްގަސް ކެނޑުމާއި އުފުރުމާއި، ކޮނެގެން ނެގުމާއި އެއްތަނުން އަނެއްތަނަށް ގެންދެވޭނީ އެންވަޔަމެންޓް މިނިސްޓްރީގައި އެކަމަށް އެދި، ޚާއްސަ ހުއްދައެއް ލިބުމުންނެވެ. އަދި ކޮންމެހެން ކަނޑަންޖެހޭ ޒަރޫރީ ޙާލަތެއްގައި މެނުވީ ރުއްގަހެއް ދެން ނުކެނޑޭނެއެވެ.

އަދި މިގަވާއިދުގެ ދަށުން، އެފަދަ ގަހަކުން އުނދަގޫވެެން ބައެއް ބުރިކޮށް ކޮށާލަން ޖެހުނަސް ހުއްދަ ނަގަން ޖެހެއެވެ.

މިގަވާއިދުގެ ދަށުން 50 އަހަރުން މަތީގެ ހުރިހާގަހެއް ހިމާޔަތްކޮށްފައިވާ ގަސް ކަމުގައި ވެސް ކަނޑައަޅާފައިވެއެވެ. އަދި ކޮންމެ ކައުންސިލަކުން ވެސް އެފަދަ މައްލޫމާތު ހިމެނޭ ދަފްތަރެއް ހަދައި، ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ 31 ގެ ކުރިން އަޕްޑޭޓްކުރުމަށްފަހު އީޕީއޭ އަށް ހުށަހަޅަންޖެހެއެވެ.

މިގަވާއިދާއި ޚިލާފުވެއްޖެނަމަ ފުރަތަމަ ފަހަރު 50،000 ރުފިޔާ އިން ޖޫރިމަނާ ކުރެއެވެ. ދެވަނަ ފަހަރަށް ނަމަ 100،000 ރުފިޔާ، އަދި ދެން ކޮންމެ ފަހަރަކު 150،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.

އަދި ކަނޑައެޅިފައިވާ މުއްދަތުތަކުގައި މަޢްލޫމާތުތައް ކައުންސިލްތަކުން ހިއްސާނުކޮށްފި ނަމަވެސް ޖޫރިމަނާ ކުރާނެއެވެ.

މިގަވާއިދަށް އަންނަ މަހުން ފެށިގެން ޢަމަލުކުރަން ޖެހެއެވެ.

މިލިޔުމާއި ގުޅޭ:

ގަވާއިދު ނަންބަރު: 92-އާރ/2022 (ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ޙިމާޔަތްކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު)

ޓެގްސް: ތިމާވެށި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.