އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބަރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ތަރުޖަމާން ނުޕޫރު ޝަރުމާ ތަރުޖަމާންކަމުން ވަކިކޮށް، އަދި އިތުރު މީހަކާއި އެކު އެޕާޓީގެ މަސައްކަތުން އެކަހެރިކޮށްފިއެވެ.
ބީޖޭޕީ އަށް މިފިޔަވަޅު އަޅަންޖެހުނީ ހީކުރިވަރަށްވުރެ މުސްލިމްގައުމުތަކުގެ ޕްރެޝަރު ބޮޑުވުމާއި ގުޅިގެންނެވެ.
މޭއި މަހުގެ 26 ވަނަ ދުވަހު ޝަރުމާ ވަނީ އިންޑިއާގެ ޓީވީ ޗެނަލެއްގައި ވާހަކަދައްކަމުން މކީރިތި ރަސޫލާ އާއި ގުރުއާނަށް ފުރައްސާރަ ވާގޮތަށް ވާހަކަ ދައްކާފައެވެ.
މިކަމާއި ގުޅިގެން ގަތަރާއި، ކުވައިތު، އަދި އީރާނުން ވަނީ އެގައުމުތަކުގައި ތިބޭ އިންޑިއާގެ ސަފީރުން ހާޒިރުކޮށްފައެވެ. މީގެ އިތުރުން، ގަލްފް ކޯޕަރޭޝަނުންނާއި، ސައުދިއަރަބިއާ އާއި، ޔޫއޭއީ، އޯއައިސީ އިން މިޢަމަލު ކުށްވެރިކޮށް ބަޔާން ނެރެފައިވެއެވެ.
ޝަރުމާ ވަނީ އެންމެފަހުން ބަޔާނެއް ނެރެ މާފަށްވެސް އެދިވެފައެވެ.
— Nupur Sharma (@NupurSharmaBJP) June 5, 2022
އޭނާ ބުނެފައިވަނީ، "މުސްލިމުން ރުޅިއަރުވާލަން ކުރިކަމެއް ނޫން. އެއްވެސް ފަރާތަކަށް އަހަރެން ދެއްކިވާހަކައިން އުނދަގޫވެފައިވާނަމަ، އަހަރެން މިފުރުސަތުގައި އެއްވެސް ޝަރުތަކާއި ނުލާ މާފަށް އެދެން."
އިންޑިއާގެ ގިނަ ނޫސްތަކުން ޝަރުމާގެ ވާހަކަ ސީދާ އެގޮތަށް ގެނެސްދީފައިނުވެއެވެ.

އިންޑިއާ އަށް މިފަދަ ފިއްތުންތަކެއް މިއައީ މުސްލިމް ގައުމުތަކާއި މަދަހިގުޅުމެއް ގާއިމުކުރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ.
އިންޑިއާ އަށް ބޭނުންވާ ސާފުނުކުރާތެޔޮ (ކްރޫޑް) ގެ 65 ޕަސެންޓް ފޯރުކޮށްދެނީ މެދުއިރުމަތިންނެވެ. މީގެ އިތުރުން އިންޑިއާގެ 8 މިލިއަނަށް ވުރެ ގިނަ ރައްޔިތުން ގަލްފްގެ ގައުމުތަކުގައި މަސައްކަތް ކުރެއެވެ. ޔޫއޭއީގައި ތިބޭ 3.5 މިލިއަން އިންޑިއާ ރައްޔިތުންގެ ފަރާތުން އެކަނިވެސް އެގައުމަށް އަހަރަކު 20 ބިލިއަން ޑޮލަރު ވަދެއެވެ.
އިންޑިއާގެ ތަފާސްހިސާބުތައް ދައްކާގޮތުން ސައުދިއަރަބިއާގައި ވެސް އިންޑިއާގެ 2.2 މިލިއަން ރައްޔިތުން މަސައްކަތް ކުރެއެވެ.