ފިނޭންސް މިނިސްޓަރު ސައުދީ ފަންޑުގެ މެނޭޖިންގ ޑިރެކްޓަރާއި އެކު ވެލާނާ އެއަރޕޯޓުގައި

ހަބަރު

ކަންބޮޑުވަނީ ރިޒާވުން ލޯނުދައްކަން ޖެހިދާނެތީ!

ނިއުސްޑެސްކް - ދިވެހި ރާއްޖެ | 7 ޖޫން 2022 , އަންގާރަ 12:49   243

ފޮރިން ރިސާވެއްގައި ހުންނަ ހުރިހާ ފައިސާއަކި ނަގުދު ފައިސާއެއް ނޫނެވެ. އެރިސާވްގެ ތެރޭގައި ހަރުމުދަލާއި، ރަނާއި މައުދަން ފަދަ ބާވަތްތަކާއި، ކޮށްފައިވާ އިންވެސްޓްމެންޓްތައް ވެސް ހިމެނެއެވެ.

އެފަދަ ރިސާވް އަކީ ކޮންމެހެން ބޭނުންޖެހިއްޖެ ޙާލަތެއްގައި، ގޮތްހުސްވެ ހަދާނެގޮތެއް ނެތުމުން ނޫނީ އަތްލައިގެން ވާނެއެއްޗެއް ނޫނެވެ. ދުނިޔޭގެ އެހެންގައުމުތަކުގައި ވެސް އެކަން އޮންނަކީ އެގޮތަށެވެ. އަދި އޭގައި އަތް ލާން ޖެހިއްޖެ ނަމަ އެއީ ނުރައްކަލާއި ކައިރިއަށް ގައުމދުދާކަމުގެ އިންޒާރެކެވެ.

އަދި އެއީ ބޭނުންވިޔަސް އެހާ ފަސޭހައިން ނަގުދު ފައިސާއަށް ހެދޭ ޒާތުގެ (ލިކުއިޑް) އެއްޗެއް ވެސް ނޫނެވެ. އެފަދަ ފަންޑަކަށް ފައިސާ، 50 ނުވަތަ 100 މިލިއަން ޑޮލަރު އިތުރުވުމަކީ، އަމުދުން ރާއްޖެ ކަހަލަ ބޭރުފައިސާ އަށް އެހާބޮޑަށް ބަރޯވާ އަދި އެހާ ބޮޑެތި ޢަދަދުން ލޯނު ނަގާގައުމަށް އެހާ ބޮޑު ކަމެއްވެސް ނޫނެވެ.

މިދައްކަނީ އަހަރެއްގެ ތެރޭގައި ބިލިއަން ޑޮލަރު ލޯނަށް ނަގާ ގައުމެއްގެ ވާހަކައެވެ. އަދި މަހެއްގެ ތެރޭގައި ބައިބިލިއަން ޑޮލަރު ލޯނުތަކަށް ދައްކަންޖެހޭ ފައިސާގެ ގޮތުގައި ހޭދަކުރަންޖެހޭ ގައުމެއްގެ ވާހަކައެވެ. ދެން ވެސް އޮތީ ހަމަ ފޮރިން ރިޒާވެއްގައި ހުރި ލޮލަށް ނުފެންނަ، އަތުގައި ނެތް، 800 މިލިއަން ޑޮލަރުން ފުއްދާލައިގެން ތިބެވޭނެ ވާހަކަހެއްޔެވެ؟

ދަރަނި މިނެކިރުމުގައި ޢާއްމުގޮތެއްގައި ދެ މިންގަނޑެއް ގެންގުޅެއެވެ. އެއީ ދަރަންޏާއި މުދާ އަޅާކިއުން (ޑެޓް-ޓު-އިކުއިޓީ ރޭޝިއޯ) މިންގަނޑާއި، ދަރަންޏާއި އުފެއްދުންތެރިކަން ނުވަތަ ޢާމްދަނީ އާއި އަޅާކިޔާ (ޑެޓް-ޓު-ޖީޑީޕީ) މިންގަނޑެވެ.

މި ދެ މިންގަނޑުންކުރެ އެއްވެސް މިނގަނޑެއް ހަމަމަގުން ކައްސާލިޔަ ދީގެން ފަރުޖެހޭކަށް ނޯވެއެވެ.

އިގްތިސާދުގެ ތެރޭގައި ހުންނަ މިފަދަ މަޢްލުމާތު ތަކަކީ، އަޅުގަނޑުމެންގެ ގައުމު ހިންގަންތިބޭ ގިނަ މީހުންނަށް ނޭނގޭ މަޢްލޫމާތުތަކެވެ. ޚުދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް އެހާ ފަރިތަ ބާވަތުގެ ވާހަކަތަކެއް ނޫނެވެ. މިފަދަ ޢިލްމު ލިބިވަޑައިގެން ތިއްބެވި ބޭފުޅުންވެސް ނިސްބަތުން އަޅުގަނޑުމެންގެ ތެރޭގައި މަދެވެ. ނަމަވެސް މި ވަގުތަކީ ނޭނގެންޏާމު ދަސްކުރަންވީ ވަގުތެވެ.

ގައުމެއް ބަނގުރޫޓު ވެގެންދަނީ އެގައުމެއްގެ މީޑިއާގައި ކެނޑިނޭޅި އެވާހަކަ ދައްކާތާ އެތަކެއް އަހަރު ދުވަސް ވާފަހުންނެވެ. އިގްދިސާދީ މާހިރުންގެ ލަފާ، މެދުނުކެނޑި، ވެރިކަމުގެ އެންމެ އިސްފަރާތްތަކުން ބޮލާލައި ޖަހަމުންދާތާ އެތަކެއް ދުވަސްވާފަހުންނެވެ.

އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މިވާހަކަ ނުދައްކާ، ކުދިބޮޑު އެކަކުވެސް ނެތެވެ. ކަންބޮޑުނުވާ، ހަމަ އެކަކުވެސް ނެތެވެ. ރައީސުލް ޖުމްހޫރިއްޔާ އާއި ފިނޭންސް މިނިސްޓަރު ފިޔަވައެވެ.

ޢާއްމުގޮތެއްގައި ގައުމެއްގެ މާލީ ސިޔާސަތުތައް ކަނޑައެޅުމުގެ އެންމެ އިސްފަރާތަކީ އެގައުމެއްގެ މަރުކަޒީ ބޭންކެވެ. އޭގެ ސަބަބަކީ، މަރުކަޒީ ބޭންކަށް ނޭނގި އެއް ފައިސާގެ މުޢާމަލާތެއް އެގައުމެއްގައި ނުކުރެވޭނެތީއެވެ. އަދި އެއިދާރާ ހިންގަނީ މިނިވަން ތަނެއްގެ ގޮތުގައި، ސަރުކާރާއި އެކަހެރިކޮށް ކަމަށްވާތީއެވެ.

ސަރުކާރު ފިޔަވައި ދައުލަތުގެ އެންމެ ބޮޑުބާރު ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް ވިދާޅުވެފައިވަނީ ތަރައްގީގެ މަޝްރޫޢްތައް އިހަށް މަޑުޖައްސާލަން ޖެހޭކަމަށެވެ.

ރާއްޖެއަށް ލޯނާއި ފައިސާދޭ ބައެއް އިދާރާތަކުން ވެސް ވަނީ ހުހަނު ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް ރައްދުގައި ސަރުކާރުން ބުނެފައިވަނީ އެއީ އެމީހުން އެހެން ބުނިއެއްޗެއް ނޫންކަމަށެވެ. އެއީ އެތަނުގެ އާދައިގެ މުވައްޒަފަކު ދެއްކި ބުރަދަނެއްނެތް ވާހަކަތަކެއް ކަމަށެވެ. ސުވާލަކީ، ހަމަ އެވާހަކަ ބުނަންޖެހެނީ، އެތަނުގެ އެންމެ އިސްވެރިއަކު ރަސްމީދަތުރެއްގައި ރާއްޖެވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ އާއި އެކު ބޭއްވޭ ފަރިއްކޮޅެއްގެ ތެރެއިންތޯއެވެ؟

ދިވެހިރާއްޖެ ގާނޫނުން އެމްއެމްއޭގެ ދައުރު އެހާ ސާފުކޮށް ބުނެދީފައިނުވެއެވެ. މިފަދަ ނާޒުކު ޙާލަތުގައި ކަންކުރަންވީ ގޮތް ބަޔާންކޮށްދީފައި ނުވެއެވެ. ނަމަވެސް ގާނޫނުގައި ހުރިކަންކަން އެބަހުއްޓެވެ. މިސާލަކަށް، ދައުލަތުގެ ދަރަނި ގައުމީ އުފެއްދުންތެރިކަމާއި އަޅާކިޔާއިރު 60 އިންސައްތައް އަށްވުރެ ބޮޑުވެގެން ނުވާނެކަމަށް ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެބައޮތެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތުގައި އެކަމަށް މަޖިލީސްތެރެއިން ލުއި ދިންނަމަވެސް، މިހާރު މިއޮތީ އެހާލަތު ފަހަނަޅައި ގޮސްފައިކަމަށް ގަބޫލުކުރެވެއެވެ.

ނުފޯރާފޮތިން ފޫގަޅައިގެން ކުރާ ތަރައްގީ ހުއްޓާލަން ވެއްޖެއެވެ.

ދެން އޮތީ އިންޑިއާގެ ސްޓޭންޑެވެ. އިންޑިއާ އަކީ ރާއްޖެއަށް އެންމެ ގިނައިން ފައިސާ ފޯރުކޮށްދީފައިވާ ފަރާތެވެ. ރާއްޖެ އަކީ ހަރު މުދާގަނޑެކެވެ. ރާއްޖެ މާލީގޮތުން ބަލިކަށިކޮށް އޮތުމަކީ ފަހަރުގައި އިންޑިއާ އަށް އޭގެ ނާޖާއިޒު ފައިދާނަގާނެ ފުރުޞަތަކަށް ވުން ވެސް ގާތެވެ. އެއީ އެހެންތަންތާ ވެސް ކަންކަން ހިނގާފަ ހުރިގޮތުންނެވެ. ވިސްނާވަޑައިގެން ބައްލަވާ، ދައުލަތުގެ ރިޒާވަށް 50 މިލިއަން ޑޮލަރު އިތުރުވިއޭ ވިދާޅުވާއިރު، ތިލަފުށީ ބްރިޖް އަވަސްކުރަން ސަރުކާރުން ދަނީ އެޕްރޮޖެކްޓް ހިންގާ އެފްކޮންސް އަށް 50 މިލިއަން ޑޮލަރު ދިނުމުގެ މަޝްވަރާކުރިއަށް ގެންދަވަމުންކަން މީޑިއާ ސުރުޚީތަކުން ސާފުވެއެވެ.

އެންމެފަހުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، ކުރިއަށް އޮތް އަހަރު ދައުލަތުން އެއްއަހަރު ތެރޭ ދަރަނީގެ ގޮތުގައި 600 މިލިއަން ޑޮލަރު ދައްކަން ޖެހޭކަމަށް ވިދާޅުވެފައިވަނީ ފިނޭންސް މިނިސްޓަރު އަމިއްލަފުޅަށެވެ. މިއީކީ މީޑިއާތަކުން ހަދަހަދައިގެން ދައްކާ ވާހަކަތަކެއް ނޫނެވެ.

ގައުމެއް ބަނގުރޫޓުވިކަން އިޢްލާންވަނީ ދައްކަންޖެހޭ ދަރަނިތައް 'ޑީފޯލްޓް' ވާން ފެށުމުންނެވެ. ރިސާވް ރަނގަޅޭ މިހާރު ބުނެވިދާނެއެވެ. އެކަމަކު ރިޒާވުން ދަރަނިދައްކަން ފަށައިފިނަމަ، އެއީ އެގައުމެއް ބަނގުރޫޓުވުމާއި ދިމާލަށް ދަތުރުކުރަމުންދާކަމުގެ 100 ޕަސެންޓް އަލިގަދަ ނިޝާނެކެވެ.

ވުމާއިއެކު، ރައީސުލް ޖުމްހޫރިއް އިގްތިސާދުކުރައްވަން އެދިވަޑައިގަތްގޮތަށް، ދައުލަތުން ވެސް ޚަރަދުތައް ކުޑަކޮށް އިގްތިސާދުކުރަން ޖެހޭ ދަނޑިވަޅު އައިސްފައިވާކަން ހަދާނުގައި ބަހައްޓަން ވެއްޖެއެވެ.

ގެނެވޭ ތަރައްގީއަކީ ދެމެހެއްޓެނިވި ތަރައްގީއަށް ވެސް ވާންޖެހެއެވެ. ކޮލަމްބޯގެ މެދުތެރޭގައި އެގައުމުގެ ސަރުކާރުން އެތައް ސަތޭކަ މިލިއަންޑޮލަރުގެ ލޯނުނަގައިގެން ހެދި ޢާމްދަނީއެއް ނުލިބޭ ޓަވަރުތަކުން އެގައުމުގެ އެއްވެސް ރައްޔިތަކަށް މިއަދު އޮތް ހިތްހަމަޖެހުމަކީ އެބައޮތްތޯއެވެ؟ އެތައް ބިލިއަން ޑޮލަރުގެ ލޯނު ނަގައިގެން ހެދި ބަނދަރަށް މުދަލާއި އެކު ވަންނާނެ ބޯޓުތައް އެބަހުރިބާއެވެ؟

އެމީހުން ވެސް އެންމެ ފަހުވަގުތާއި ޖެހެންދެން ވެސް ބުނަމުން ދިޔައީ ރައްޔިތުން އަދި ކަންބޮޑުވާނެ ނުޖެހޭކަމަށެވެ. އެކަމަކު ޢާޚިރުގައި ކަންވީ އެގޮތަށް ހެއްޔެވެ؟

އިހަށް ނުވި ރައްކަލެއް ފަހަކުން ނުވެވޭނެއެވެ. ވީމާ، ސަރުކާރުން ވެސް ރައްޔިތުންނަށް އިލްތިމާސްކުރި ފަދައިން، ޚަރަދުކުޑަކޮށް އިގްތިސާދު ކުރަންވެއްޖެއެވެ. ކޮންމެހެން ބޭނުންނުވާ ޕްރޮޖެކްޓެއް ނަމަ އިހަށް މަޑުޖައްސާލަން ވެއްޖެއެވެ.

ސަރުކާރުން ވެސް އިގްތިސާދުކުރަން މަސައްކަތްކުރާތަން ރައްޔިތުންނަށް ފެންނަންޖެހެއެވެ. ރައްޔިތުންނަށް ވެސް އިގްތިސާދުކުރަން ދަސްކުރެވޭނީ އޭރުންނެވެ.

ޓެގްސް: ދައުލަތުގެ ބަޖެޓް ދައުލަތުގެ ދަރަނި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.