މިހާތަނަށް ދުނިޔޭގައި ބަންނަ އެންމެ ބޮޑު މަތިންދާބޯޓު އުފުލާ މަނަވަރު ބާލަން ތައްޔާރު ވެއްޖެއެވެ.
2018 ވަނަ އަހަރު ޗައިނާއިން ބިނާކުރަން ފެށި މި މަނަވަރަކީ އެމެރިކާ ސިފައިން ބޭނުންކުރާ މަތިންދާބޯޓު އުފުލާ އެންމެ ޒަމާނީ މަނަވަރުތަކަށް ވުރެވެސް ފެންވަރު ރަނގަޅު، ވަސީލަތްތައް ގިނަ އަދި ޓެކްނޮލޮޖީގެ އެތަކެއް ފަސޭހަތަކެއް ލިބޭގޮތަށް ފަރުމާކޮށްފައިވާ މަނަވަރެއްކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ. މި މަނަވަރު ބޭނުމަށް ކުރިން ހަމަޖެހިފައި އޮތީ މި މަހުގެ 3 ގައެވެ. ނަމަވެސް ދިމާވި ޓެކްނިކަލް މައްސަލަތަކަކާއި ގުޅިގެން މަނަވަރު ބޭނުން ވަނީ ފަސްކުރެވިފައެވެ.
މި މަނަވަރުގެ މަސައްކަތް ކުރެވެމުން ދަނީ ޗައިނާގެ ޖިޔާންގަނަންގައި ހުންނަ ޝިޕްޔާޑެއްގައެވެ. ހަމަ އެހެންމެ ޗައިނާއިން މި މަނަވަރާ ގުޅޭގޮތުން މާގިނަ މައުލޫމާތެއް ނުދޭކަން ފާހަގަކޮށްލެވެއެވެ. މިއީ ޗައިނާއިން އެ ގައުމުގައި ތަރައްގީކުރާ ގިނަ ވަސީލަތްތަކާއި، އަސްކަރީ ހަތިޔާރުތަކުގެ ކުރިއެރުންތަކާމެދުވެ އަބަދުވެސް ގެންގުޅޭ ސިޔާސަތެކެވެ.
ކަމާބެހޭ މާހިރުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ތަނުގައި ޗައިނާގެ އަސްކަރީ ގާބިލުކަމާއި ޓެކްނޮލޮޖީގެ ކުރިއެރުމާއި ވާދަކުރުމަކީ ޙުދު އެމެރިކާއަށް ވެސް ގޮންޖެހުންތަކަކާއި ކުރިމަތިވާނެ ކަމެކެވެ.
ހަމައެހެންމެ ދުނިޔޭގެ ޓެކްނޮލޮޖީއާއި ސިނާއަތުގެ ބޮޑުބައި އެމެރިކާއާއި ޔޫރަޕުން އޭޝިއާއަށް ބަދަލުވަމުން ދާކަމަށާއި އޭޝިއާގައި ޓެކްނޮލޮޖީއާއި ސިނާއަތުގެ މައި މަރުކަޒަކަށް ވެގެންދާނީ ޗައިނާކަމަށްވެސް ސްޓްރެޓީޖިކް ދިރާސާތަކާބެހޭ ބައިނަލްއަގްވާމީ މަރުކަޒުން ލަފާކުރެއެވެ.
