އޭޝިއަން ކަޕް ކޮލިފައިންސްގައި ރާއްޖެއާއި ތައިލެންޑް ބައްދަލު ކުރި މެޗު ތައިލެންޑުން ކާމިޔާބު ކޮށްފިއެވެ.
މިއަދު ހަވީރު އުޒްބެކިސްތާންގެ މަރްކަޒީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ތައިލެންޑުން ކާމިޔާބު ކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ގިނަ ވަގުތު ބޯޅަ ކޮންޓްރޯލުކޮށް ގިނަ ހަމަލާތަކެއް އުފެއްދީ ތައިލެންޑުންނެވެ. މެޗުގެ 41 ވަނަ މިނިޓުގައި ސަރެޗް ޔޫޔެން ކާމިޔާބު ކޮށްދިން ލަނޑާއެކު ތައިލެންޑުން މެޗުގެ ލީޑު ނެގިއެވެ. އަދި އޭގެ މާގިނަ އިރުތަކެއް ނުވަނީސް، ރާއްޛޭގެ ޑިފެންޑަރުންނަށް ހެދުނު ގޯލެއްގެ ފައިދާ ނަގާ މެޗުގެ 45 ވަނަ މިނިޓުގައި ޓީރަސިލް ޑަންގްޑާ ކާމިޔާބު ކޮށްދިން ލަނޑާއެކު ތައިލެންޑުން ލީޑު ފުޅައު ކުރިއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައިރު ރާއްޖެއަށް ލަނޑު ޖަހުމަށް ތަނަވަސް ވެގެންދިޔައީ އެންމެ ފުރުސަތެކެވެ. އެއީ މެޗުގެ 28 ވަނަ މިނެޓުގައި އޭރިއާ ތެރެއިން މުޅިން ހުހަށްހުރެ އިބްރާހީމް މަހުދީ ފޮނުވާލި ހަމަލާއެވެ. އެ ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
މި މެޗުން ތައިލެންޑް މޮޅުވި ލަނޑު މެޗުގެ 80 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޕަންސާ ހެމްވިބޫންއެވެ. މި ހާފުގައި ރާއްޖެއަށް ލަނޑު ޖަހައިނެ ފުރުސަތުތަކެއް ފަހިވެގެންދިޔަ ނަމަވެސް އެ ފުރުސަތުތައް ދިޔައީ ބޭކާރުވެގެންނެވެ.

ރާއްޖެ ހިމެނޭ ގްރޫޕްގައި ތައިލޭންޑްގެ އިތުރުން ދެން ހިމެނެނީ ގުރޫޕުގެ މެޗުތައް ހޯސްޓުކުރާ އުޒްބެކިސްތާނާއި ސްރީ ލަންކާ އެވެ.

މި ބަލިއާއެކު ރާއްޖެއަށް ދެން އަންނަ އަހަރުގެ އޭޝިއަން ކަޕުން ފުރުސަތު ހޯދޭނީ ދެން ކުޅޭ ދެ މެޗުން އުޒްބެކިސްތާނާއި ލަންކާ ބަލިކޮށްގެންނެވެ.
ރާއްޖެ އާއި އުޒްކެބިސްތާނާއި ބައްދަލުކުރާ މެޗް އޮންނާނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އަދި ސްރީ ލަންކާ އާއި ބައްދަލުކުރާ މެޗް އޮންނާނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. ވެ.

