ދަފްތަރު އެކުލަވާލުމުގެ މަސައްކަތާއި ގުޅޭ، ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ފޮޓޯއެއް

ހަބަރު

ޓްރާންސްޕޯޓުން އެއްބާރުލުން ނުލިބޭކަމަށް ބުނެ، އައްޑޫކައުންސިލުން ވައިބަރ މެދުވެރިކޮށް ވެހިކަލް ޑޭޓާބޭސްއެއް އެކުލަވާލަން ފަށައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 9 ޖޫން 2022 , ބުރާސްފަތި 11:13   458

އައްޑޫ ސިޓީ ކައުންސިލުން އެއްގަމު އުޅަނދުގެ ދަފްތަރެއް (ޑޭޓާ ބޭސްއެއް) އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

އެކްސްޕްރެސް ނޫހާއި ވާހަކަދައްކަވަމުން އެސިޓީގެ ދެ ކައުންސިލަރަކު ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާޙާއި އެކު ލާމަރުކަޒީ އުސޫލުން، އައްޑޫގެ ވެހިކަލްތަކުގެ ފީ އައްޑޫ ކައުންސިލްއަށް ޖަމާވާންޖެހޭ ކަމަށެވެ.

މިކަމާއި ގުޅިގެން، މީރާއިން އެދިފައިވަނީ، އައްޑޫ ސިޓީއަށް ނިސްބަތްވާ ވެހިކަލްތަކުގެ ލިސްޓެއް ދެއްވުމަށް ކަމަށެވެ. އަދި މިކަމާއި ގުޅިގެން ޓްރާންސްޕޯޓު މިނިސްޓްރީ އަށް ގުޅައިގެން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. ނަމަވެސް، ޓްރާންސްޕޯޓް މިނިސްޓްރީ އިން އެފަދަ ލިސްޓެއް ދެއްވާފައި ނުވާކަމަށެވެ.

އިތުރަށް ވިދާޅުވީ ކައުންސިލުން މިފައިސާ ބޭނުންނަމަ، އަމިއްލަ މަސައްކަތުން ނަމަވެސް ތަފްތަރެއްހަދަން ޖެހޭކަމަށެވެ.

އަޅުގަނޑުމެން އެކި ގޮތްގޮތުން މިދަނީ މަޢްލޫމާތު އެއްކުރަމުން. ވައިބަރ މެދުވެރިކޮށް ފޮޓޯ ފޮނުވައިގެން ވެސް އެބަ މަސައްކަތްކުރަން. ގޭގެއަށް ގޮސްގެން ވެސް އެބަ އަޕްޑޭޓްކުރަން. އަޅުގަނޑު އަމިއްލަ އަށް ވެސް އެބަދަން ގޭގެ އަށް މިމަޢްލޫމާތު އެއްކުރަން އެހީވެދިނުމަށް.

~ އައްޑޫ ސިޓީގެ ކައުންސިލަރަކު

ސިޓީކައުންސިލުން އެއްކުރާ މަޢްލޫމާތު އެހެން އިދާރާތަކުން ބަލައިގަތުން

މިކަމާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް ކުރެވުނު މަސައްކަތް ވަނީ ކާމިޔާބު ނުވެފައެވެ.

އެންސީއައިޓީ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އެންގެވުންތަކާއި އެއްގޮތަށް، ސަރުކާރުގެ ޢާމްދަނީ އާއި ގުޅޭ މިފަދަ މަޢްލޫމާތު ބެލެހެއްޓުމުގެ ޒިންމާ ޙަވާލުކުރެވިފައިވާ ފަރާތަކީ މިނިސްޓްރީ އޮފް ފިނޭންސް ކަމަށް މަޢްލޫމާތު ލިބިފައިވެއެވެ.

އަދި މިފަދަ މައްލޫމާތު އެއްކުރުމާއި، ރައްކާކުރުމާއި، އާކައިވްކުރުން، އަދި ބޭނުންވާ ސަރުކާރުގެ ކަމާއިގުޅޭ އިދާރާތަކަށް ފަސޭހައިން ފޯރުކޮށްދިނުމަށްޓަކައި، ދައުލަތުގެ ބަޖެޓުން ބިލިއަނަކަށް ވުރެ ގިނަފައިސާ ޚަރަދުކޮށްގެން ހަދާފައިވާ އައިޓީ އިފްރާސްޓްރަކްޗަރއެއް އެބައޮތެވެ. ފިނޭންސް މިނިސްޓްރީއަކީ ދިވެހިރާއްޖޭގައި 'ސެޕް ސޮފްޓްވެއަރ' ބޭނުން ކުރާދެތަނުގެ ތެރެއިން އެއްތަނެވެ. އެ ސޮފްޓްވެއަރ އަކީ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް އިމްޕްލިމެންޓް ކުރުމަށާއި ތަމްރީންތައް ދިނުމަށް ހޭދަވާ ދުނިޔޭގެ ނަން މަޝްހޫރު ސޮފްޓްވެއަރ އެކެވެ. މިރާ ގެ ހުރިހާ މައްލޫމާތެއް ވެސް އެއްކުރަނީ މިސޮފްޓްވެއަރ މެދުވެރިކޮށެވެ.

ދިވެހިރާއްޖޭގެ ކޮން ރައްޔިތެއްގެ ނަމުގައި ހުރި، ކޮން ވެހިކަލެއްކަން، މިސޮފްޓްވެއަރ ތެރެއިން އެނގެން މިހާރުވެސް ހުންނާނެއެވެ. އެއާއި އެކު އެނިސްބަތްވާ އަތޮޅުވެސް އެނގޭނެއެވެ. އަދި ވެލްކަލް ރަޖިސްޓްރީކުރުމުގައި ހުންނަނީ ޒޯން ތަކަކަށް ބާހާލާފައެވެ. ނަމަވެސް މިހާރު ޒޯންތައް ހަދާފައި ހުންނަނީ އެއް އަތޮޅަށްވުރެ ގިނަ އަތޮޅު ހިމަނައިގެންނެވެ.

މިކަމާއި ގުޅޭގޮތުން ޓެކްނިކަލް ބޭފުޅަކާއި ވާހަކަދައްކާލުމުން ވިދާޅުވީ، މިވަގުތަށް މިކަމަށް އޮތް ހައްލަކީ އައްޑޫ ހިމެނޭ ޒޯންގެ ވެހިކަންތަކުގެ ލިސްޓެއް ނެގުމަށްފަހު، އޭގެން އައްޑޫގެ ރައްޔިތެއްގެ ނަމުގައި ނުވާ ވެހިކަލްތައް އުނިކޮށްލުން ކަމުގައެވެ. އޭރުން ދެންހުންނާނީ، އައްޑޫ އަށް ނިސްބަތްވާ އައްޑޫގައި ދުއްވާ ވެހިކަލްތަކެވެ.

ކޮންމެއަކަސް ލިސްޓެއް ނުވަތަ ދަފްތަރެއް ނުވަތަ ޑޭޓާބޭސްއެއް ހެދުމުގެ މައިގަނޑު މަގްޞަދަކީ މަޢްލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމެވެ.

ގޭގެއަށް ގޮސްގެން މީހުންނާއި މަގުމަތިން ސުވާލުކޮށްގެން، ވައިބަރ މެދުވެރިކޮށް މެސެޖްކޮށްގެން ހަދާ ލިސްޓެއްގެ ސައްހަކަން ކަށަވަރުވާނެ ގޮތެއް އޮތްތޯ ބައެއް ރައްޔިތުންދަނީ ސުވާލުކުރަމުންނެވެ.

އޭގެ ބަދަލުގައި، އިދާރާތަކާއި ވާހަކަދައްކައިގެން، މިހާރު ހުރި ނިޒާމުގެ ތެރެއިން މިފަދަކަންކަމަށް ޙައްލުހޯދުމަކީ މުހިއްމުކަމެއް ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

ޓެގްސް: އައްޑޫ ސިޓީ ކައުންސިލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.