އާ ދުވަހަކަށް އިރު އެރީ އަހަރެންގެ ހަޔާތަށް އަންނަން އުޅޭ ފޮނި އުއްމީދާއެކުގައެވެ. ޑިއުޓީ އަށް ނިކުންނަން ޖެހެނީ 8 ގައި ނަމަވެސް އެހެން ދުވަހާ ހިލާފަށް 730 ވީއިރު އަހަރެން ހުރީ ތައްޔާރަށެވެ. 30 ގަޑިއިރު ކުރިން ދޮންބެ ލައިދޭން ނުދާނެތޯ 745 ވަންދެން ކޮޓަރީގައި މަޑު ކޮށްލީމެވެ. އެއާއެކު ތަފާތު ހިޔާލުތައް ހިތަށް ވެރިވާން ފެށިއެވެ. އަހަރެންގެ ޖަވާބު އަހަރެން ލަޔާން އާއި ހަމައަށް ފޯރުކުރާނެ ގޮތެކެވެ. އެދިޔަ ގޮތަށް ގޮސް ލަޔާންގެ ކުރިމަތީ ހުއްޓި ޖަވާބު ދިނުން އެއީ އަހަރެންނަށް ލާހިކަ ކުޅަދާނަ ކަމެއް ނޫނެވެ. ލަދުން ގޮސް ބޯހަލާކު ވެދާނެއެވެ. ހުރި ތަނަށް ވިރިގެން ހިނގައިދާނެއެވެ. މިފަދަ މޮޔަ ހިޔާލު ތަކުގައި ހުއްޓައި ދޮންބެ ވަރަށް ބާރަށް ދޮރުގައި ޓަކި ޖަހާލުމުން ހޭވެރިކަންވިއެވެ. ދޮރު ހުޅުވާލުމާއެކުހެން ދޮންބެ އަހަރެންގެ ފައިން ފެށިގެން ބޮލާއި ހަމައަށް އާޝޯހުވެ ހުރެ ބަލައިލުމުން އަހަރެންނަށް އިސްޖަހާލެވުނެވެ.
"ދޮންބޭ ! ކީއްވެތަ ތިވަރަށް ތިބަލަނީ ؟."
"ކޮއްކޮ ތިދަނީ ހަމަ ހޮސްޕިޓަލަށް ތަ؟" ދޮންބެ އެހެން ސުވާލު ކޮށްލުމުން އަހަރެންނަށް ވާހަކަ އޮޅުވާލުމަށްފަހު އަވަހަށް ލައިދިނުމަށް ބުނުމުން ދޮންބެ ހެމުން ހެމުން ބޭރަށް ނިކުމެ ސައިކަލު ސްޓާރޓް ކުރިއެވެ. ސައިކަލު މަތީގައި ހުރިއިރުގައި ވެސް އަހަރެންގެ ހިތް ދިޔައީ ބާރުބާރަށް ތެޅެމުންނެވެ. އާދައިގެ މަތިން 30 މިނެޓުން އައިޖީއެމްއެޗް އަށް ދެވުނު ނަމަވެސް މިއަދު ހީވަނީ 2 ގަޑިއިރު ވީއިރު ވެސް ހޮސްޕިޓަލްގެ ކޮޅުމަތި ވެސް ނުފެންނަ ހެންނެވެ. މާ ލަސް ވެއްޖެނަމަ ދެން ދިމާވާނީ އަނެއްކާވެސް 8 ގަޑި އިރު ފަހުން ކަމުން ދޮންބެ ގާތު ދެތިން ފަހަރު މިހާރު ބާރަށް ދުއްވުމަށް ވެސް ބުނެވިއްޖެއެވެ. ދޮންބެ ގޮސް ހޮސްޕިޓަލް ކުރިމަތީގައި މަޑު ކޮށްލުމުން އެނބުރި ދޮންބެއާއި ދިމާލަށް ބެލުމެއްނެތި ގޮސް ވަނީ އެތެރެއަށެވެ. ދެފަރާތް ހޯދަމުން ކުރިއަށް ދަނިކޮށް ކުރިމަތިން ފެނުނު މަންޒަރުން އަހަރެންގެ ހިތަށް އެތަކެއް އުނދަގޫ ތަކެއް ވެގެންދިޔައެވެ. ބަޔާންކުރަ ދަތި ދިލަ ހޫނެއް ގައިން އަރައިގެން ދިޔަހެން ހީވިއެވެ. ހިތުގައި މީހަކު ހިފައި ހިފާ ބާރުކޮށްލުމުން ވާނެފަދަ އިހްސާސް ތަކެއްވިއެވެ.
ރިސެޕްޝަން އޭރިއާގައި ހުރި އެ އަންހެން ކުއްޖާ ގެ ހަށިގަނޑު ގައި އޮޅާލެވިފައިވަނީ ދެވަނަ އެހެން މީޙެއްގެ ދެއަތެއް ނޫނެވެ. އެއީ ލަޔާން ނޫން އެހެން މީޙެއް ނޫންކަން ގާތާއި އެއްވަރަށް އަހަރެންނަށް ޔަގީންވިއެވެ. ލަޔާންގެ ނަޒަރު އަހަރެންނާއި ދިމާލަށް ހުއްޓުމުން އަތް ހޫރާލިއެވެ. އިސް އުފުލާ ބަލައިލުމެއް ނެތި އަހަރެން ލަޔާން އަށް ފަސްދީ ދިޔުމުން ލަޔާން ގޮވާލި އަޑު އިވުނެވެ. އެ އަޑަށް މަޑު ކުރަން ބޭނުންވި ނަމަވެސް ގޮސް ކެބިން އަށް ވަނީއެވެ. ލަޔާންގެ މެސެޖް ތައް ފޯނަށް އައި ނަމަވެސް އަހަރެންގެ ޒަމީރު އެ މެސެޖްތަކަށް ރިޕްލައި ކުރުމަށް އެއްބަހެއް ނުވިއެވެ. ޑިއުޓީ ނިންމާލުމަށްފަހު އެޑްމިޓް ކުރެވިފައިވާ އަހަރެންގެ ޕޭޝަންޓްގެ ހާލު ބަލައިލުމަށްފަހު އަވަސް ފިޔަވަޅު ތަކާއެކު މިސްރާބު ޖެހީ ބޭރަށް ދާށެވެ.
ދޮރުން ބޭރަށް އަޅަން ނެގި ފިޔަވަޅު ހުއްޓުނީ ބާރު އަތަކުން އަހަރެންގެ އަތުގައި ހިފުމުންނެވެ. އެނބުރި ނުބެލި ނަމަވެސް އެއީ ކާކުކަން އަހަރެންނަށް ރަނގަޅަށް އެނގެއެވެ. ލަޔާން އާއި ދިމާލަށް އެނބުރިފައި ބެލި ނަމަވެސް އަނެއްކާވެސް ހިތަށް ވެރިވީ ނުތަނަވަސަކަމެވެ. ލަޔާންގެ ގާތުގައި ހުރީ އޭރު ލަޔާންގެ ގާތުގައި ހުރި އަންހެން ކުއްޖާއެވެ. އެއީ ރާނިޔާ ކަން އެނގުމުން ހިތަށް ވެރިވި ނުތަނަވަސް ކަންވީ އިތުރެވެ.
ރާނިޔާ އަކީ ކޮލެޖް ދުވަސްވަރު ލަޔާންގެ ފަހަތުން ދުވި ލަޔާންއާއި ހެދި މޮޔަވެފަ ހުންނަ ކުއްޖެކޭބުންޏަސް ދޮގަކަށް ނުވާނެއެވެ. ރާނިޔާ އަށް ލިބިފައިވާ ރީތި ބުރުސޫރަ އަކީ ރާނިޔާ އެއާމެދު ފަހުރުވެރިވާ ކަމެކެވެ. ލަޔާން އަކީ އަންހެން ކުދިންގެ ހިތުގެ ރާޖާ އަށް ވީއިރު ރާނިޔާ އަކީ ކޮލެޖްގެ ދިވެހި ފިރިހެންކުދިންގެ ރާނީއެވެ. ލަޔާން ފިޔަވައެވެ. އަހަރެން އަޑުއެހި ގޮތުގައި ލަޔާން އޭރު ރާނިޔާ ދެކުނީ ވަރަށް ގާތް އެކުވެރިއެއްގެ ގޮތުގައެވެ. ލަޔާން ދެމީހުން އެކަކު އަނެކަކަށް ތަޢާރަފް ކޮށްދިނުމަށްފަހު އަހަރެންގެ އަތުގައި ހިފައިގެން ނިކުތީ ބޭރަށެވެ. ބޭރަށް ނިކުމެވުމާއެކުހެން އަހަރެން ލަޔާންގެ އަތުން އަހަރެންގެ އަތް ދޫކުރެވުމަށްފަހު ލަޔާން އަށް ވުރެ ބާރަށް ހިނގައިގަތީމެވެ. ލަޔާން ދުވެފައި އައިސް އަނެއްކާވެސް އަހަރެންގެ އަތުގައި ހިފިއެވެ. މިފަހަރު ދޫކުރެވޭ ވަރަށް ވުރެ ބާރަށެވެ. އެދިޔަ ގޮތަށް ގޮސް ކާރަށް އަރައި ދުއްވައިލިއެވެ.
ލަޔާން ގޮސް މަޑުކޮށްލީ ކޭއެފްސީ އަށެވެ. ލަޔާން ވީ ކީއްހެއްޔޭ ސުވާލުކުރުމުން ބޭއިހްތިޔާރުން އަހަރެންނަށް ޝަކުވާތައް ބަންޑުންކޮށްލީމެވެ. "ލަޔާން ދޭނބަލަ ލަޔާންގެ ރާނިޔާ ގެ ގާތަށް. ލަޔާން އެއީ އެކުވެރިއެއްގެ ގޮތުގައި ދެކުނަސް އެނާ ނުދެކެއޭ ލަޔާން ހަމައެކަނި އެކުވެރިއެއްގެ ގޮތުގައެއް.ވަރަށް ފޫހިވޭ." ލަޔާންގެ މޫނުމަތީގައި ވީ ލާނެތް ހިނިތުންވުމެކެވެ. އެ ސިކުންތުގައި މި ކިޔުނީ މޮޔަ އެއްޗެއްކަން ވިސްނުނެވެ. މޭޒުމަތީގައި އޮތް އަހަރެންގެ ދެއަތް މަތީގައި މަޑުމަޑުން ލަޔާން އޭނާގެ ދެއަތް ބޭއްވިއެވެ. ލަޔާންގެ އެ ބީހިލުމާއެކު އަހަރެންގެ ސިކުނޑި ސުމަކަށް ދިޔައެވެ. ހިތުގެ ތެޅުން އަވަސް ވާން ފެށިއެވެ. ބަނޑު ތެރޭގައި ކޮކާތައް އުދުހޭ ކަހަލަ އިހްސާސެއްވެސް ވިއެވެ. އަހަރެންގެ އަތް މަތީގައި އޮތް ލަޔާން ގެ އަތް މަތީގައި އަހަރެން އަހަރެންގެ ދެއަތް ބޭއްވީއެވެ. ރޭގައި ލަޔާންގެ ސުވާލަށް ޖަވާބު ދެމުންނެވެ. ލަޔާން އަތް އަހަރެންގެ ޖަވާބު ވިސްނައިގަންނަން ދެތިން މިނެޓް ނެގި ނަމަވެސް ވިސްނުމާއެކު ލަޔާންގެ މޫނުމަތިން ފެނުނު އުފާވެރިކަން ފެނި އަހަރެން ހައިރާންވިއެވެ. ފެންކަޅިވެފައިވި ލަޔާންގެ ދެލޯ ފެނި އަހަރެންގެ ނަސީބުގެ ވަރުގަދަކަން އިހްސާސް ވިއެވެ. ނޭގި ހުއްޓައި ނުވެސް އެދޭހާލު އަހަރެންގެ އަތުތެރެއަށް އައިސް މިވެއްޓުނު ޖަވާހިރު އަހަރެންނަށް ދެއްވިކަމަށްޓަކައި އަހަރެން ރަހްމާންވަންތަ ކަލާނގެ އަށް ހިތާ ހިތާ ހިތުން ޝަކުރު އަދާކުރީމެވެ.
ކެއުމައިގެން ދިޔައިރު ދެމެދުގައި އެއްވެސް ވާހަކައެއް އަނގައިން ނުދެއްކުނު ނަމަވެސް ދެމީހުންގެ ލޮލުގެ ޒަރިއްޔާއިން އެތަކެއް ވާހަކައެއް ދެކެވުނެވެ. ލަޔާން އަހަރެން ލައިދިނުމަށް ގޭދޮށަށް އައެވެ. އަދި ގޭދޮރު މަތީގައި ކާރު މަޑުކޮށްލައިގެން އެކި ވާހަކަ ތަކުގައި ތިއްބާ ބޭރުން ކާރުގެ ދޮރުގައި މީހަކު ޓަކި ޖަހާލިހެން ހީވެގެން ލަޔާން ކާރުގެ ލޮގަނޑު ތިރި ކޮށްލިއެވެ. ބޭރުގައި ހުރި މީހަކު އަދިވެސް މާފޮޅުވައި ނުނިމެނިތާ އަހައި ސުވާލު ކޮށްލުމުން އަހަރެންނަށް ބޭރު ބަލައިލެވުނީ އެހެން ބުނީ ދަންނަ އަޑަކުން ކަމުގައި ވާތީއެވެ. ބޭރުގައި ހުރެ ދޮންބެ ފެނިފައި ހިތަށް ބިރުވެރިކަން ވަނެވެ. ގުޑިލާންވެސް ނުކެރިފައި ހުއްޓައި ލަޔާން ވާހަކަ ދައްކަން ފެށިއެވެ.
"އަހާނ. ނާހިލް މިތާނގަވެސްތަ.؟" އަހަރެން ކުރިން ހައިރާން ވެފައި ހުރި މިންވަރަށް ވުރެ ބޮޑަށް ހައިރާންވެ އަންތަރީސް ވިއެވެ. "ދެން ލަޔާން އަހަރެން ލަޔާންގެ މަލިކާއަށް ތައާރަފް ކޮށްދޭންވިއެއްނު..އެހެންނޫނީ ކޮއްކޮ ދޮންބެ އަށް ދޮންބެ ގެ ބްރަދާރ އިން ލޯ ތައާރަފް ކޮށްދީބަލަ.." ދޮންބެ ލާނެތް ހިނިތުންވުމަކާއެކު އެހެން ބުނުމުން ލަޔާން އެނބުރި ބަލައިލީ އަހަރެންނާއި ދިމާލަށެވެ. އަހަރެން އެއީ އަހަރެންގެ ދޮންބެ ކަން ބުނުމަށް ބޯޖަހާލީމެވެ.
ދޮންބެ ވަރަށް ލޯބިން ދެން ގޭތެރެއަށް ވަންނާށޭ ބުނެ މަންމަ ނައިސްގެން އުޅޭވާހަކަ ބުނުމުން އަހަރެން ދެން ދަނިއޭ ބުނެފައި ގޭތެރެއަށް ވަނީމެވެ. ލަޔާން ދޮންބެގެ ރައްޓެއްސަކަށް ވުމީ އަހަރެންގެ އުފާވެރިކަން އެތައް ގުނައަކަށް އިތުރުވީ ކަމެކެވެ. އެއަށް ވުރެވެސް އުފާވީ ދޮންބެގެ މޫނުމަތިން އަހަރެންނާއި ލަޔާންގެ ގުޅުމާއި މެދު ހިތްހަމަޖެހޭ ކަން ހާމަވުމުންނެވެ. އާއިލާގެ އެކަކު އެއްބަސް ވުމުން މި ގުޅުން ދެމެހެއްޓުމަށް ވަރަށް ބޮޑަށް ފަސޭހަވާނެކަން އަހަރެންނަށް ޔަގީންވިއެވެ.
ދުވަސްތައް އެކުގައި ފާއިތުވަމުން ގޮސް ދެމީހުންގެ ގުޅުމަށް 6 މަސް ވާން އުޅެނިކޮށް ރާނިޔާ ކޮށްލި ކަމަކުން ލަޔާން އާއި އަހަރެންގެ ދެމެދުގައި ވި ގުޅުމަށް ހީނަރު ކަމެއް ނައި ނަމަވެސް މިހާ ދުވަސް ވަންދެން އަހަރެންގެ އާއިލާއާއި ލަޔާން ގާއިމް ކުރި ގުޅުމަށް ހީނަރުކަމެއް އައެވެ. ލަޔާން އާއި އަހަރެންގެ އާއިލާއިން އެންމެ ގާތް އަހަރެންގެ ދޮންބެވެސް ލަޔާންގެ މައުސޫމް ކަމާއިމެދު ސުވާލު އުފައްދަން ފެށިއެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ވެސް ލަޔާން އާއި މުޅިން ހިލާފުވިއެވެ. ރާނިޔާ އަހަރެންގެ ލަޔާންގެ ބޮލުގައި އެޅުވީ ލަޔާން އޭނައަށް ފުރައްސާރަ ކުރި ކަމުގެ ތުހުމަތެވެ. އެ މައްސަލަ އާއި ގުޅިގެން ވަކި ގޮތެއް ނިމެންދެން ލަޔާން ވަޒިފާ އަށް ނިކުތުން ވެސް މަނާކުރިއެވެ. އަދި ފުލުހުންނަށް މި މައްސަލަ ހުށެހެޅީ ފުލުހުންގެ ބެލުމުގެ ދަށުން މިމައްސަލަ ބެލެވެން ފެށުނެވެ. އަހަރެން ވެސް ގޮތް ހުސްވެފައިވާ މީހަކަށް ވެގެން ލަޔާންގެ ހައްގުގައި ލަޔާން އަށް ޓަކައި ލަޔާންގެ މައުސޫމްކަން މުޅި ދުނިޔެއަށް ހާމަކުރުމަށް އަތުކުރި އޮޅާލައި ތައްޔާރު ވެލީމެވެ. އަހަރެން ލަޔާން އަށް ޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެކަން ޔަގީނެވެ.
އަހަރެންގެ އެތައް އާދޭހާއެކު އަޔާނީ އަހަރެންނަށް އެހީތެރިވުމަށް އެއްބަސްވިއެވެ. އަޔާނީ ކިތައްމެ ހިތް ހަމަ ނުޖެހުނު ނަމަވެސް އަހަރެންގެ އުފާވަނީ ލަޔާން އާއި އެކުގައި ކަމުން އަހަރެންނަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ވައުދުވިއެވެ. އަހަރުމެންގެ އަތުގައި ނަސީބު ލައްވައިލީ އަޔާނީ އެ ހާދިސާ ހިނގި ތަނޭ ބުނި ތަނުންނެވެ. އެ ތަނުން ފެނުނީ އަހަރުމެންނަށް ލަޔާންގެ މައުސޫމް ކަން ސާބިތު ވާފަދަ ހެއްކެކެވެ.
(ނުނިމޭ...)