ޔޫކްރެއިންގެ ދެކުނުގެ ސިޓީއެއް ކަމަށްވައި މަރިއުޕޯލްގައި ކޮލެރާގެ އިތުރުން ނުރައްކާތެރި އެހެން ބަލިތަކެއް ފެތުރެމުންދާ ކަމަށް އެ ސިޓީގެ މޭޔަރު ވަޑީމް ބޮއިޝެންކޯ ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވި ގޮތުގައި ހަނގުރާމާގައި މަރުވި އެތައް ހާސް ބަޔެއްގެ ހަށިތައް އަދިވެސް ވަޅުނުލެވިވާ ކަމަށާއި، ނަތީޖާއެއްގެ ގޮތުން ކޮލެރާ ފަދަ ނުރައްކާތެރި ބަލިތައް ސިޓީގެ އެކި ސަރަހައްދު ތަކުގައި ފެތުރެމުންދާ ކަމަށެވެ. ހަމައެހެންމެ ސިޓީގެ ގިނަ ފެންވަޅުތައް ވަނީ ތަޣައްޔަރުވެފައި ކަންވެސް އޭނާގެ ވާހަކާގައި ފާހަގަކުރިއެވެ. މީގެ އިތުރުން ބޮއިޝެންކޯ ވަނީ މަރިއުޕޯލްގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އ.ދ.އާއި ރެޑް ކްރޮސް ޖަމުޢިއްޔާއަށް ގޮވައިލައްވާފައެވެ.
މަރިއުޕޯލްގައި ހަނގުރާމާގެ ސަބަބުން މަރުވެފައިވާ މީހުން ވަޅުލުމުގެ މަސައްކަތްތައް ކުރިއަށް ދަނީ ވަރަށް ލަސް ދުވެއްޔެއްގައެވެ. ހަނގުރާމައިގައި މިހާތަނަށް އެ ސިޓީން 20,000 އަށްވުރެ ގިނަ މީހުން މަރުވެފައިވާވެއެވެ. ކޮލެރާ، ޑައިސެންޓެރީއާއި އެހެނިހެން ބަލިތައް ފެތުރެން ފެށުމާ ގުޅިގެން މަރިއުޕޯލް މިހާރު ވަނީ ކަރަންޓީން ކޮށްފައެވެ. މި ބަލިތައް ފެތުރެން ފެށުމާއި ގުޅިގެން މަރުވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް އަންދާޒާ ކުރެވެއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ވަނީ މަރިއުޕޯލްގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.