މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު، މުހައްމަދު އަސްލަމް

ހަބަރު

ވިޕްލައިން އާއި ޚިލާފުވާނަމަ ޓިކެޓް ނުދޭން މަސައްކަތްކުރާކަމަށް ޕީޖީ ލީޑަރ އަސްލަމް ވިދާޅުވެއްޖެ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 14 ޖޫން 2022 , އަންގާރަ 18:15   711

ޕާޓީން ވަކިގޮތަކަށް ކަންކުރުމަށް ވިޕްލައިންއެއް ނެރެފައިވަނިކޮށް، އެއާއި ޚިލާފްވުމަކީ އެއްވެސް މެމްބަރަކު ކުރައްވައިގެން ވާނެކަމެއް ނޫންކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ރައީސް ނަޝީދު ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އަދި ޕީޖީ ގުރޫޕްގެ ވަޓްސްއެޕްގައި ވެސް ހޫނު ވެފައިވާ މިމައްސަލައިގައި 19 މެމްބަރަކު ވަނީ ފާޅުގައި ވިޕްލައިން އާއި ޚިލާފު ވެވަޑައިގަންނަވާނެކަމަށް ވިދާޅުވެފައެވެ. އެންމެ ފުރަތަމަ އެގޮތަށް ވިދާޅުވެފައިވަނީ ރައީސް ނަޝީދުއެވެ.

"އަޅުގނޑު އުއްމީދުކުރަން، އަޅުގަނޑުމެން ވިޕްލައިން އާއި ޚިލާފުވިޔަސް، ޕާޓީން ކަނޑާނުލައްވާނެކަމަށް" ރައީސް ނަޝީދު އެހެން ބޭފުޅުންނަށް ހިތްވަރު ދެއްވަމުން ވިދާޅުވެފައިވެއެވެ.

ހަމަ އެހެންމެ މެމްބަރު އަސްލަމް ބައެއް ނޫސްތަކަށް ދެއްވި އިންޓަވިއުތަކުގައި ވިދާޅުވީ ވިޕްލައިން އާއި ޚިލާފްވާ މެމްބަރުނަށް އިތުރު ފިޔަވަޅު އަޅުއްވަން ހުށަހަޅުއްވާނެ ކަމަށެވެ. މިގޮތުން، ކުރިއަށް އޮތް ދައުރުގެ ޓިކެޓަށް ވާދަކުރުމުގެ ފުރުޞަތު ގެއްލޭގޮތަށް ހުށަހަޅުއްވާނެ ކަމަށެވެ.

އަޅުގަނޑު އެބަ ވިސްނަން ބަދަލު ގެންނަން. ތަކުރާރުކޮށް ތްރީ ލައިން ވިޕާ ހިލާފުވާ ފަރާތްތަކަށް ޕާޓީގެ ޓިކެޓަށް ވާދަކުރުމުގެ ފުރުސަތު ނުލިބޭ ގޮތަށް ހަދަން، އަސްލު ވެގެން އުޅޭ ގޮތަކީ މައިނޯރިޓީ މެޖޯރިޓީއަށް ތަބާވާން ބޭނުންނުވަނީ.

~ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު، މުހައްމަދު އަސްލަމް

އަސްލަމް އިތުރަށް ވިދާޅުވެފައިވަނީ، ވިޕްލައިން އާއި ޚިލާފްވުމަކީ އެއްވެސް މެމްބަރަކަށް ކުރެއްވޭނެކަމެއް ނޫންކަމަށެވެ.

މިހާރު އޮންނަ ގޮތުންނަމަ، ފުރަތަމަ ފަހަރަށް ނަމަ ދެނީ ނަސޭޙަތެވެ. އިތުރަށް ތަކުރާރުކޮށްފިނަމަ މާފަށް އެދެން އެންގުމާއި، އިޔާތް ކަނޑާލުން ހިމެނެއެވެ. ޕާޓީން ވަކި ކުރަނީ ފަސް ފަހަރު ވިޕާއި ޚިލާފުވުމުންނެވެ.

މީގެ ކުރިން ވިޕްލައިން އާއި ޚިލާފްވެގެން ބައެއް މަމްބަރުންނަށް ފިޔަވަޅު އެޅުއްވި ނަމަވެސް، މަޖިލީހުގެ މިހިނގާ ދައުރުގައި އެފަދަކަމެއް ހިނގާފައި ނުވެއެވެ.

ފަހަކަށް އައިސް ރައީސް ނަޝީދު ގެންދަވަނީ، އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމާ ގިނަ ކަންކަމުގައި ވެސް ފާޅުގައި ދެކޮޅު ހައްދަވަމުންނެވެ. އަދި ކުރިން ރައީސް ނަޝީދުއާއިއެކު ވަރަށް އަރިސްކޮށް މަސައްކަތްކުރެއްވި ބައެއް މެމްބަރުން ވެސް ގެންދަވަނީ ރައީސް ނަޝީދަށް ރައްދުދެއްވައި، ސަރުކާރު ދިފާޢު ކުރައްވަމުންނެވެ.

ޓެގްސް: އެމްޑީޕީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.