ޑީޒްނީ ފިލްމުތަކުގެ ތެރެއިން މިދިޔަ އަހަރު އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ސުޕާހީރޯ ފިލްމު "ސްޕައިޑާމޭން: ނޯ ވޭ ހޯމް"، އަށް އައު ސީންތަކެއް އިތުރުކޮށް އަލުން ރިލީޒްކުރަން ނިންމައިފިކަން ފިލްމުގެ ކާސްޓުން ހާމަކޮށްފިއެވެ.
މިދިޔަ އަހަރު ޑިސެމްބަރު ރިލީޒްކުރި ފިލްމަށް ޖުމްލަ 1.9 ބިލިއަނަށް ވުރެ ގިނަ ޑޮލަރުގެ އާމްދަނީ އެއް ޑިޒްނީއަށް ވަނީ ލިބިފައެވެ. މިހާރު މި ފިލްމުގެ ބްލޫރޭ ވެސް ވަނީ ރިލީޒް ކޮށްފައެވެ. ބްލޫރޭ ރިލީޒް ކުރުމުގެ ކުރިން ފިލްމަށް އިތުރު ސީންތަކެއް ފެންނާނެ ކަމުގެ ވާހަކަ ތަކެއްވެސް ދެކެވިގެން ދިޔައެވެ.
ފިލްމުގެ ކާސްޓުން މައުލޫމާތު ދޭ ގޮތުގައި އިތުރު ސީންތަކާ އެކު އައު ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހުން ފެށިގެންނެވެ.
މިގޮތުން ފިލްމު އެންމެ ފުރަތަމަ އަޅުވަން ހަމަޖެހިފައިވަނީ އެމެރިކާ އާއި ކެނެޑާގަ އެވެ. އެއަށްފަހު، އެ ފިލްމު އެހެން ސަރަހައްދުތަކުގައި ވެސް އެޅުވުމަށް ޑިޒްނީއިން ވަނީ ނިންމާފައެވެ.