މިއަދު ހަނު ހުރުމަށް ނުބުނާށެވެ. މިއަދާ ޖެހެންދެން ހިތުގައި ފޮރުވައިފައި ބެހެއްޓި ހުރިހާ ވާހަކަތަކެއް ކިޔައިދިނުމުގެ ފުރުސަތު ދޭށޭވެ. އެތައް މަސްއޫލިއްޔަތެއްގެ ސަބަބުން އަހަރެންގެ އަތުން ތިބާ ބީވެގެން ހިނގައިދާނެތީ ކިޔަނުދެވުނު ހުރިހާ ވާޙަކައެއް މިއަދު ކިޔައިދިނުމަށް ހުރަސް ނާޅާށެވެ. އެ ވާހަކަތައް އޭރުވެސް ހިއްސާ ކުރުމުގެ ފުރުސަތު ނުލިބުނެވެ. މިއަދު އެ ފުރުސަތު އަތުން ބީވެގެން ގޮސްފިނަމަ އަހަރެންގެ ހިތް ކުދި ކުދިވެގެން ހިނގައިދާނެއެވެ.
އެދުވަސް ތައް މަތިން ތިބާ ހަނދާން އެބަ ހުރި ހެއްޔެވެ.؟ އެދުވަހު ތިބާ ދެކިލުމަށް އައި ދުވަހު އައީ ތިބާ އަށް "ސަޕްރައިޒް" އެއް ދިނުމަށެވެ. އެހެންނަމަވެސް އެދުވަހު ތިބާ އާއި އެކު ތިބި އެކުވެރިން ކުރިމަތީގައި ތިބާ އަހަރެން ކައިރީ ދިޔުމަށް ބުނީ އެކުވެރިންނާއެކު ވަގުތު ހޭދަ ކުރަން ބޭނުންވެއޭ ބުނެއެވެ. އުފް އޭވެސް ނުބުނެ އެތަނުން ދިޔަ ނަމަވެސް އަހަރެންގެ ހިތުގައި ހާދަހާ ރިހުނެވެ. މިފަދައިން ތިބާ އަހަރެން އެންމެންގެ ކުރިމަތީގައި ލަދުގަންނަވާލި އެތައް ފަހަރެއް އައެވެ. އެހެންނަމަވެސް އެއްވެސް އެއްޗެކޭ ބުނުމަށް އަހަރެންގެ ޒަމީރު ހުއްދައެއް ނުދިނެވެ. އެއްޗެކޭ ބުނާނީ ވެސް ކިހިނަކުން ހެއްޔެވެ. އަހަރެން އެހާވެސް ތިބާ ދެކެ ލޯބިވެއެވެ. މިވާހަކަތައް ހިއްސާ ކޮށްފިނަމަ ބޮޑު މައްސަލައެއް އުފެދި ތިބާ ނުރުހުން ވެދާނެތީ ހިތް ބިރުގަނެއެވެ. އެ ނުރުހުންތެރިކަމުގެ ސަބަބުން ތިބާ އަހަރެންގެ އަތުން ތިބާގެ އަތް ދޫކޮށްލުމަށް ނޭދޭތީއެވެ.
ތިބާގެ އުފަންދުވަސް ތަކުގައި ބަރާބަރު ގަޑިއަށް ތިބާއަށް އަހަރެން ތަހުނިޔާ ކިޔަމެވެ. އޮންލައިން ވެހުރެ ޖަވާބު ނުލިބުނެއް ކަމަކު އަޅައެއް ނުލަމެވެ. ނުކުރެވޭ ކަންތައްވެސް ތިބާގެ ހައްގުގައި ހިނިތުންވުމާއެކު ކުރަމެވެ. އަމިއްލަ ޒަމީރު ތަންދޭ މިންވަރަށް ވުރެ އެތައް ގުނަ އިތުރަށް ކަންތައް ކުރަމެވެ. މަންމަމެން އަތުން އެތައް އާދޭހާއެކު ތިބާ އަށްދޭން ހަދިޔާ އެއް ހޯދައިގެން ތިބާއަށް ދިންނަމަވެސް ތިބާގެ ފަރާތުން އަހަރެން ދެކެން ބޭޏުންވާ އުފާވެރިކަމެއް ނުފެނެއެވެ. ތިބާ އަހަރެންނަށް ވޭނައި ހިތާމަ ދިން ފަހަރުތައް ގުނާކަށް ނޭދެމެވެ. ހަމައެކަނި ބޭނުންވަނީ އެކަކު ތިބާދެކެ ލޯބިވާނަމަ ހުރިހާ ކަމެއް ވެސް ކުރަނީ ވެވޭ މިންވަރަށް ވުރެ އިތުރަށް ކަން އިހްސާސް ކޮށްދޭށެވެ. އެއީ ލޯބިވުން ކަމުގައިވިޔަސް ތިބާ އަށް އަޅާލުން ކަމުގައި ވިޔަސް ތިބާ އަށް ހައްގު އިއްޒަތު ދިނުން ކަމުގައި ވިޔަސް އަދި ތިބާ އުފާކޮށްދިނުމަށްޓަކައި ކަންކޮށްދިނުން ކަމުގައި ވިޔަސް މެއެވެ.
ތިބާއަށް ކަމުދަނީ ހިތްވަރާއެކު ކަންތައްތަކުގައި ތިބާގެ ހައްގުގައި މަސައްކަތް ކުރާ މީޙުން ކަމުގައި ވެސް ބުނީ ހަމައެކަނި ތިބާގެ އަމިއްލަ ދުލުންނެވެ. އެކަމަކު މިއަދު ތިބާ އަށް އުފަލާއި ލޯބި ދިނުމަށްޓަކައި ހިތްވަރާއެކު މަސައްކަތް ކުރަމުންދާ މިއިންސާނާ ވެސް ކަމުނުދިޔައީ ހަމަ ތިބާ އަށެވެ. ތިބާ އަށް މަޖްބޫރުކުރުވައިގެން ގަދަކަމުން ތިބާގެ ލޯބި ހާސިލް ކުރާކަށް އަހަރެން ނޭދެމެވެ. ލޯބިން އެއްޗެއް ހާސިލް ކުރުމުން ލިބޭ ހިތްހަމަ ޖެހުން މަޖްބޫރު ކޮށްގެން ލިބޭ އެއްޗަކުން ނުލިބޭނެކަން ޔަގީނެވެ.
ބައެއް މީޙުން އެމީޙުންގެ ހަލާލު ފިރިހެނުން ނަށް ކަންކޮށްދޭމިންވަރަށް ވުރެ ވެސް ރަނގަޅަށް މާ ލޯބިން އަހަރެން ކޮންމެ ސިކުންތަކު ކޮންމެ ދުވަހަކު ކޮންމެ ހިނދުކޮޅަކު އަހަރެން ތިބާ އެދުނު ކޮންމެ ކަމެއް އަހަރެން ތިބާއަށް ކޮށްދިނީމެވެ. ގަބޫލު ކުރިޔަސް ނުކުރިޔަސް ، ތިބާގެ އެތައް މަސައްކަތާއެކުވެސް ތިބާގެ އެތައް ހިތްވަރާއެކުވެސް ތިބާގެ އެ މަސައްކަތުގެ އަގު ވަޒަން ނުކުރުމުން ހިތަށް ވަރަށް އަސަރު ކުރެއެވެ.
ތިބާ އަހަރެންގެ އިހްސާސްތަކަށް އަދި އަހަރެންގެ ހިތުގައި އަޅާ އެއްވެސް ވޭނަކަށް ގަދަރެއް ނުކުރެއެވެ. ތިބާ އަހަރެންނާ ދޭތެރޭގައި ކަންތައް ކުރަނީ ކަންތައް ކުރާނެ ގޮތަކަށެވެ. ބޭނުންހާ ގޮތަކަށެވެ. ގާތުގައި ހުރުމަށް އެދޭނަމަ ގާތުގައި ހުރެއެވެ. ދުރަށްދާން އެދޭނަމަ ދުރަށް ދަނީއެވެ. ތިބާ ހުރިހާ މަސައްކަތެއް ކުރަނީ ތިބާއަކީ އެންމެން ކުރިމަތީގައި އެންމެ ރަނގަޅު އެންމެ ފުރިހަމަ މީހާއަށް ވުމަށެވެ. ތިބާއަކީ ފުރިހަމަ ނޫން މީޙަކަށް ހުރެވެސް އަހަރެންގެ ނަޒަރުގައި ތިބާ އަކީ އެންމެ ފުރިހަމަ އިންސާނާ ކަމަށް އަހަރެން ދެކުނީމެވެ. އަދި ގަބޫލުކުރީމެވެ. ނަމަވެސް ތިބާ އަހަރެން ދޫކޮށް ދިޔައީ އަހަރެންނަކީ ތިބާއަށްޓަކައި "ޕާފެކްޓް" މީހެއް ނޫން ކަމަށް ބުނެއެވެ.
މިއަދު ތިބާ އަހަރެންނަށް ދިން ވޭނާއި ހިތާމަ އަހަރެން ދުނިޔެއަށް ފޮރުވާނީ ކިހިނަކުންހެއްޔެވެ؟ ހިތާމަތައް ފޮރުވިދާނެއެވެ. ވޭންތައްވެސް ފޮރުވިދާނެއެވެ. އެހެންނަމަވެސް އަހަރެންގެ ހިތަށް ވެފައިވި އަނިޔާތައް ފޮރުވާނީ ކިހިނަކުން ހެއްޔެވެ.؟ އަހަރެއް ވެފައިވި މި ގުޅުން ކަނޑާއިލުމަށް ތިބާއަށް އެންމެ މިނިޓެއްވެސް ނުނަގައެވެ. 1 ހަފްތާއެއް ނުވި ނަމަވެސް އިވުނީ ތިބާ އެހެން މީޙެއްގެ މިލްކަކަށް ވީ ހަބަރެވެ. އަހަރަކީ އެހާ ގިނަ ދުވަހަކަށް ނުވި ނަމަވެސް އެއް އަހަރުވަންދެން ދެމީހުން އެކީގައި ހޭދަ ކުރި އުފާވެރި ވަގުތު ތައް މަތިން އެންމެ ހަފްތާއެއްމަތިން ހަނދާން ނައްތާލައި ހަޔާތައިއިގެން ކުރިއަށް ތިބާ ދިޔައީ ކިހިނަކުން ހެއްޔެވެ.؟ ތިބާ އަހަރެންދެކެ ވީ ލޯބި ހަނދާންނައްތާލައި އެހެން މީހަކު ދެކެ ލޯބިވީ ކިހިނަކުން ހެއްޔެވެ؟
ތިބާ އަހަރެންނާއެކު ހޭދަކުރި ކޮންމެ ވަގުތަކީ ހަގީގަތެއް ނޫންހެއްޔެވެ.؟ ހަގީގަތަކަށް ނުވާންވީ ކީއްވެހެއްޔެވެ. އެއްއަހަރު ވަންދެން ތިބާ އަހަރެންނާއެކު ހޭދަކުރި ކޮންމެ ވަގުތެއް ދޮގަކަށް ވާނީ ކިހިނަކުން ހެއްޔެވެ.؟ އިންސާނުންނަކީ އޭނާއަށް ކިތައްމެ އިތުބާރެއް ކިތައްމެ ގަދަރެއް ކުރިނަމަވެސް އެންމެ ސިކުންތެއްގެ ތެރޭގައި އެ އިތުބާރު ވެއްޔާ މޮޑެލައި އެންމެ ވަރުގަދަ ގުޅުންވެސް ކުދި ކުދި ކޮށްލުމުގެ ގާބިލިއްޔަތު ލިބިފައިވާ ފަރާތެއްކަން މިއަދު އަހަރެންނަށް ވިސްނިއްޖެއެވެ.
މިއަދު އަހަރެންގެ ހިތް ކުދި ކުދި ވީއެއް ނޫނެވެ. އެއްވެސް ރަހުމެއް ނެތި ފުޑުފުޑު ކޮށްލީއެވެ. އަހަރެންގެ އިހްސާސްތަކަކީ "ޖޯކަކަށް" ހެދީއެވެ. އަހަރެން ތިބާދެކެވީ ލޯތްބަކީ މަޖަލެއް ކަމުގައި ތިބާ ދެކުނީއެވެ. ތިބާގެ ބޮލުގައި އަހަރެން މި އިލްޒާމް އަޅުވާނީ ކިހިނަކުން ހެއްޔެވެ ؟ އަހަރެންގެ އިހްސާސް ތަކާއި އުފާތަކާއި އަހަރެންގެ މުޅިހަޔާތް ކޮންޓޮރޯލް ކުރުމަށް ތިބާގެ އަތަށް ރިމޯޓު ވެސް ދިނީ ހަމަ އަހަރެންގެ ދެއަތުންނެވެ. އެހެންކަމުން މިއަދު ކުށްވެރިޔަކީ އަހަރެންނެވެ.
މިއަދު ދެން ދައްކާނެ އަދި ބުނާނަކަށް ވެސް އިތުރު އެއްވެސް ލަފްޒެއް ނެތެވެ. ދުއާއަކީ ތިބާ އަހަރެންނާއެކު ނޫޏް ނަމަވެސް ތިބާއަށް އުފާވެރި ހިތްހަމަޖެހޭ ދިރިއުޅުމެއް ލިބުމެވެ. މިއަދު އަހަރެން އެއްވެސް މީހެއް ބޭނުމެއް ނޫނެވެ. މިވަގުތު ބޭނުންވަނީ ހަޔާތުގައި އެކަނި ކުރިއަށް ދިޔުމެވެ. އެކަނި ކުރިއަށް ގޮސް އެކަނި ކާމިޔާބުވުމެވެ. ނަސީބުގައި ލޯބިވާނަމަ އެފަދަ ލޯބިވެރިއެއް ލިބޭނެއެވެ. ބޭނުންވަނީ ތިބާ ދެކެ އަހަރެން ލޯބިވި ފަދައިން ލޯބިވާނެ އިންސާނެކެވެ. ބޭނުންވަނީ ތިބާއަށް އަހަރެން ގަދަރު ކުރި ފަދައިން ގަދަރު ކުރާނޭ ފަރާތެކެވެ. ބޭނުންވަނީ ތިބާ އުފަލުގައި ބެހެއްޓުމަށްޓަކައި އަހަރެން ކެނޑީނޭޅި މަސައްކަތް ކުރި ފަދައިން މަސައްކަތްކުރާނެ ފަރާތެކެވެ. ޔަގީނުންވެސް އެ ފަރާތަކީ އަހަރެންގެ ހަޔާތުގެ ބައިވެރިޔަކަށް އަހަރެން ހަދާނެ ފަރާތް ކަމީ ޝައްކެތް ވެސް ނެތް ކަމެކެވެ. އެކަމަކެ ދެން ތިބާއާއި ދިމާލަށް އަހަރެން އެނބުރި ނުބަލާނެކަމީ އަހަރެން އަހަރެންގެ އަމިއްލަ ނަފްސަށް އަދި ތިބާ އަށް ހިތުގެ އެންމެ އަޑީން ވާ ވައުދެކެވެ.