އައްޑޫ ސިޓީ ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމެއްގެ ތެރެއިން

ހަބަރު

އެސްޖީ ޝުޖާއު އަށް ވާނީ ޖަވާބުދާރީވާން ފުރުޞަތު ދީފައި - ސިވިލް ސާވިސް

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 16 ޖޫން 2022 , ބުރާސްފަތި 20:05   517

އައްޑޫސިޓީ ކައުންސިލްގެ ސެކެޓްރީ ޖެނެރަލް (އެސްޖީ) މުޙައްމަދު ޝުޖާޢު ގެ އިތުރުބާރު ނެތްކަމުގެ މައްސަލައިގައި ވަރަށް އަވަހަށް ގޮތެއް ނިންމާނެކަމަށް ސިވިލް ސާވިސް ކަމިޝަން (ސީއެސްސީ) އިން ވިދާޅުވެއްޖެއެވެ.

ސިއެސްސީގެ ފަރާތުން އެކްސްޕްރެސް ނޫހަށް މިއަދު މަޢްލޫމާތު ދެއްވާފައިވާގޮތުގައި، އެކޮމިޝަނުން ގޮތެއް ނިންމުމުގެ ކުރިން މައްސަލަ ރައްދުވާފަރާތަށް ޖަވާބުދާރީވުމަށްޓަކައި ފުރުޞަތު ދޭންޖެހެއެވެ. އެހެންކަމުން އެސްޖީ އަށް ޖަވަބުދާރީ ވުމަށް ވާނީ ފުރުޞަތު އެރުވިފައިކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އެސްޖީ އާއި މެދު ކައުންސިލުން އިތުބާރު ގެއްލިފައިވާ ކަންކަމަށް ޖަވާބުދާރީވާން އެސްޖީއަށް ވަނީ ފުރުސަތު ދީފައި. ޖަވާބުދާރީއަށް ބަލާފައި ވަރަށް އަވަހަށް ގޮތެއް ނިންމާނެ.

~ ސީއެސްސީ

ސިޓީ ކައުންސިލްތަކުގައި އެސްޖީގެ ދައުރު މުހިއްމެވެ. އެއީ މާލީ ޒިންމާދާރު ވެރިޔާގެ އިތުރުން އިދާރީގޮތުން ވެސް އެންމެ އިސް ފަރާތެވެ. އަދި ޒިންމާތަކުގެ ތެރޭގައި ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމުގައި އިސްކޮށް ޙަރަކާތްތެރިވުމާއި، ތަރައްގީގެ ޕްލޭންތައް އެކުލަވާލުމާއި، ބަޖެޓާއި އަހަރީ ހިސާބުތަކުގެ އިތުރުން އިދާރީ ގޮތުން ތައްޔާރުކުރަންޖެހޭ އަދި ގަނޫނީގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ރިޕޯޓެއް ތައްޔާރުކުރުމާއި، މުވައްޒަފުންނާއި، ވަޞީލަތްތައް ބެލެހެއްޓުން ހިމެނެއެވެ.

ޝުޖާޢު މަގާމަށް އައްޔަންކޮށްފައިވަނީ އައްޑޫ ސިޓީކައުންސިލުން 8 ޑިސެމްބަރު 2021 ވަނަ ދުވަހު ބޭއްވި ކުއްލި ޖަލްސާއަކުންނެވެ. އެޖަލްސާ ބާއްވާފައިވަނީ މޭޔަރު ނިޒާރު ރަށުގައި ވަޑައިގެން ނޫޅުއްވަނީސް ކަމުން ރިޔާސަތު ބަލަހައްޓަވާފައިވަނީ ޑެޕިއުޓީ މޭޔަރ ޝުޢާއު އެވެ. އޭރު މައްސަލަ ހުށަހެޅުއްވީ ކައުންސިލަރ ހުސެން ފައިޒުއްރަޙްމާން އެވެ. ތާޢީދުކުރެއްވީ ކައުންސިލަރ އިބްރާހިމް ޝީނާޒް އެވެ.

މޭޔަރު ފިޔަވައި އެހެން ހުރިހާ ކައުންސިރުން ބައިވެރިވި މިޖަލްސާގައި، ޝުޖާޢު މަގާމަށް އައްޔަންކުރެވުނީ، 11 މެމްބަރުގެ ތެރެއިން 7 މެމްބަރުންގެ ތާޢީދާއި އެކު އަޢްލަބިއްޔަތުންނެވެ.

ނަމަވެސް، ކައުންސިލުން ވަނީ 4 އޭޕްރިލް 2022 ގައި އަނެއްކާވެސް ކުއްލި ޖަލްސާއެއް ބާއްވައި އެސްޖީގެ އިތުބާރުނެތްކަމުގެ މައްސަލެއް ހުށަހަޅާފައެވެ. މައްސަލަ ހުށަހަޅަމުން ކައުންސިލަރ ނާދިރު ވިދާޅުވީ އެސްޖީ މަގާމް ދާއިމީވުމުގެ ކުރިން ފުރަންޖެހޭ ފޯމު މޭޔަރ އަދި ކައުންސިލަރުންލައްވައި ފުރުވާފައިނުވާކަމަށެވެ. އެހެންކަމުން ކައުންސިލަރުންގެ އިތުބާރުއޮތްތޯ ބަލަން ބޭނުންވާކަމަށެވެ. މިމައްސަލައަށް ތާޢީދުކުރެއްވިީ ކައުންސިލަރ އާމިނަތު ސަލްމާއެވެ.

އިތުބާރުނެތްކަމުގެ މައްސަލައިގެ ޚުލާޞާ :

  • މޭޔަރ ގެ ލަފަޔާއި ނުލާކަންކަން ނިންމަމުން ގެންދިއުން
  • މޭޔަރ އަށް ނޭނގި ކަންކަން ނިންމަމުން ގެންދިއުން
  • މޭޔަރ އަށް ރިޕޯޓްކޮށް ޖަވާބުދާރީވަމުން ނުގެންދިއުން
  • ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރަމުން ނުގެންދިއުން
  • މޭޔަރ ގެ ނަފަޔާއި ނުލާ މާލީ ކަންކަން ނިންމަމުން ގެންދިއުން
  • ކައުންސިލްގެ ޕްރޮކިއޮމެންޓް އިން ކުރާ މަސައްކަތްތަކުގެ ތެރެއަށް ވަދެ ބިޑްތައް ބަލައި މަސައްކަތަށް ނުފޫޒުފޯރުވުން
  • މިކަންކަމާއިގުޅިގެން ރަނގަޅުކުރުމަށް ނަސޭޙަތްތެރިވުމުން ވެސް ކަންކަން ރަނގަޅުވެފައި ނުވުން

އިތުބާރުނެތްކަމުގެ ވޯޓަށް ފަހުވެސް އެސްޖީ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވާތީ، ކައުންސިލުން ވަނީ ނުރުހުން ފާޅުކޮށް އިތުރު ފިޔަވަޅެއް ވެސް އަޅާފައެވެ. މިގޮތުން، ސިޓީ ކައުންސިލްގެ ހިންގާގަވާޢިދަށް ވެސް ބަދަލުގެނެސްފައެވެ. މައްސަލަ ހުށަހެޅުއްވީ ކައުންސިލަރ މުހައްމަދު ފައިސަލް އެވެ. ތާޢީދު ކުރެއްވީ އާމިނަތު އަދާލާ ރަޝީދުއެވެ. މިމައްސަލައިގައި 7 މެމްބަރުންގެ ވޯޓާއި އެކު ފާސްވީ "ކައުންސިލްގެ ބައްދަލުވުންތަކުގައި އިދާރީ މޭޒު ބަލަހައްޓަވާނީ އިދާރީ އިސް މުވައްޒަފުންގެ ތެރެއިން މޭޔަރ ކަނޑައަޅާ ފަރާތެއް" ކަމަށެވެ. އެހެންކަމުން މިވޯޓަށްފަހު އެސްޖީ ޝުޖާއު އަށް ބައްދަލުވުންތަކުގައި އިދާރީ މޭޒުގައި ނީނދެވެއެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގެ ނިންމުން

މިލިޔުމާއި ގުޅޭ: :

މަގާމަށް އައްޔަން ކުރުމަށް ފާސްކުރިގޮތުގެ ނިންމުން

އިތުބާރު ނެތްކަމުގެ މައްސަލައިގެ ނިންމުން

އިދާރީ މޭޒުން ދުރުކުރުމަށް ހިންގާ ގަވާއިދަށް ގެނެވުނު އިސްލާޙް

ޓެގްސް: އައްޑޫ ސިޓީ ކައުންސިލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.