ޕާކިސްތާނުވެސް ބޭރު ފައިސާއަށް ޖެހި ދަރަނި ނުދެއްކޭ ހިސާބަށް ދަތުރުކުރަމުންދާކަމަށް ބައިނަލްއަގްވާމީ ނޫސް އިދާރާތަކުން ބުނަންފަށައިފިއެވެ.
އިއްޔެ ޕާކިސްތާނުގެ ފިނޭންސް މިނިސްޓަރު، މިފްތަޙް އިސްމާއިލް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ ފައިސާ ހުސްވަމުންދާކަމަށާއި އިގްތިޞާދު ވަރަށް ބޮޑު އަނދަވަޅަކަށް ވެއްޓިފައިވާކަމަށެވެ. އަދި އަޅަންބޭނުންވާ ބައެއް ފިޔަވަޅުތައް މިހާރުންމިހާރަށް ނާޅައިފިނަމަ، ސްރީލަންކާ އަށް ވީގޮތްވާނެކަމުގެ އިންޒާރުވެސް ދެއްވާފައިވެއެވެ.
މިފްތަޙް އިތުރަށް ވިދާޅުވީ މިހިނދުން މިހިނދަށް ސަބްސިޑީތައް ކަނޑާލަން ޖެހޭކަމަށެވެ. އެގައުމުގައި މިހާރުވެސް 19 ޕާކިސްތާނު ރުޕީސް ޕެޓްރޯލް ލީޓަރަކުން ސަބްސިޑީގެ ގޮތުގައި ދޭއިރު ޑީސެލް އިން 53 ރުޕީސް ދެއެވެ.
އަޅުގަނޑު ވާނީ ބޮޑުވަޒީރަށް ވެސް ދަންނަވާފައި ސަބްސިޑީތައް ކަނޑާލަން. އެކަމަކު ބޮޑުވަޒީރު ބޭނުންފުޅެއް ނުވޭ އެގޮތަށް ހަދަން، ތެލުގެ އަގު ބޮޑުވާކަށް. ސްރީލަންކާ އިން ވެސް އެދަނީ ބޮޑު އަގުގައި ބޭރުން ތެޔޮގަންނަމުން، އެމީހުން އަތުގައި ނެތް ފައިސާއަކަށް. އަހަރުމެންނަށް ވެސް އެގޮތް ވާނެ.
ބައިނަލް އަގުވާމީ އިދާރާތައް ކަމުގައިވާ އައިއެމްއެފް އާއި ވޯލްޑް ބޭންކުން ވެސް ދަނީ ޕާކިސްތާނަށް އަވަސް ފިޔަވަޅުތައް އެޅުމަށް ގޮވާލަމުންނެވެ.

ޕާކިސްތާނުގައި ބޭރު ފައިސާގެ ރިޒާވް ހުސްވަމުންދާތީ، އެގައުމަށް ބޭނުންވާ ތެލާއި ކާބޯތަކެތި ހޯދުމަށް ވަނީ ބުރޫ އަރާފައެވެ. އެގައުމުގެ ސަރުކާރުން ވަނީ ސައި ބުއިން މަދުކުރުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. އެއީ ސައިއެތެރެކުރުން މަޑުޖެހިދާނެތީއެވެ.