"ފަހުވިންދާއި ޖެހެންދެންވެސް ލޯބިވާނަން" - ލިޔުންތެރިޔާ، އަލްމާ

މުނިފޫހިފިލުވުން

ވާހަކަ: ފަހުވިންދާއި ޖެހެންދެންވެސް ލޯބިވާނަން (ފަސްވަނަ ބައި)

އަލީ އަޒްޔަން - އެހެނިހެން | 18 ޖޫން 2022 , ހޮނިހިރު 20:57   259

އެ ކޮޓަރީގެ ތެރޭގައި ހުރި ހަރުގަނޑެއްގެ ބިއްދޮށުގައި ހުރި ކެމެރާއެވެ. އެ ކެމެރާ ފެނުމުން އަހަރެންނަށް ފުން ނޭވާއެއްދޫކޮށްލެވުނެވެ. އެ ކެމެރާގެ ރެކޯޑިން ބެލުމަށްޓަކައި އެ ހޮޓެލްގެ މެނޭޖާރ އާއި އެތަކެއް އާދެހެއް ކުރުމުން އެއްބަސް ވިއެވެ. ފުލުހަށް ހުށެހެޅިފައިވި މައްސަލަ އަކަށް ވާތީއެވެ. ކެމެރާ ރެކޯރޑިންގެ ޖެއްސުމާއި ދެމެދު ހިނގައި ދިޔަ ހިނދުކޮޅު ވެގެން ދިޔައީ އަހަރެންގެ ހިތަށް އެތަކެއް އުނދަގޫތަކެއް ވެގެން ދިޔަ ވަގުތު ކޮޅަށެވެ. އަހަރެން ލަޔާން އަށް ފުރިހަމަ އިތުބާރު ކުރި ނަމަވެސް މުޅި ދުނިޔޭގެ ކުރިމަތީގައި ލަޔާން ގެ މައުސޫމް ކަން ސާބިތު ކުރެވެން އޮތްހާވެސް ހެއްކަކީ މީކަމަށް ވުމުންނެވެ. މި ރެކޯރޑިން އިން އެއްވެސް އެއްވެސް ވަރެއްގެ ހެއްކެއް ނުލިބިއްޖެނަމަ އަހަރެންނަށް ދެން ކުރެވޭނެ ކަމެއް ނޯނާނެތީއެވެ.

ރެކޯރޑިން ފެށުނު އިރު އެ ތަނުގައި ހުރީ ރާނިޔާ އެކަނިއެވެ. ދެން އެ ތަނުގެ ދޮރުހުޅުވުނު ތަން ނުފެނުނު ނަމަވެސް އަޑު އިވުނެވެ. މޫނު ނުފެނުނު ނަމަވެސް އަހަރެންނަށް އެއީ ލަޔާންކަން އެނގުނެވެ. ދެން ވާނެ ގޮތެއް ނޭގެނެތީ އަހަރެން ވަރަށް ބިރުގަތެވެ. ދެމީހުން ވާހަކަ ދައްކަން ތިބެފައި ކުއްލިއަކަށް ރާނިޔާ ރޯން ފެށިއެވެ. އަދި އަމިއްލަ ނަފްސަށް އަނިޔާ ދޭން ފެށިއެވެ. ލަޔާން ރާނިޔާ ހުއްޓުވަން މަސައްކަތް ކުރަމުން ދަނިކޮށް ދެމީހުން އެކުއެކީ ވެއްޓުނު ވަގުތު ވެގެން ދިޔައީ ރާނިޔާ ގެ އެކުވެރިޔާ މަލްހާ އެތެރެއަށް ވަން ވަގުތަށެވެ. މިވަރުން ލަޔާންގެ ކުށެއްނެތްކަން ސާބިތުވާނެއެވެ. އެހެންނަމަވެސް ރާނިޔާ ފަދަ ކިޔަވައިގެން ހުރި މޮޅު ޑޮކްޓަރަކު އެފަދަ ކުރުން ވެގެން ދިޔައީ އަހަރެން އެންމެ ހައިރާންވި ކަމަށެވެ. މިވީޑިއޯ ބެލި ކޮންމެ މީހެއްގެ ވެސް ސުވާލަކީ އެއީއެވެ.

ލަޔާން ރާނިޔާގެ އެތައް އާދެހާއެކު ރާނިޔާ ދެން އެފަދަ ކަމެއް ނުކުރާނަމޭ ބުނެ އެތަކެއް ވައުދެއް ވުމުން މާފު ކުރިއެވެ. ލަޔާން ރާނިޔާ އަށް މާފުނުކުރިނަމަ ދެން އެއްވެސް ހޮސްޕިޓަލަކުން ރާނިޔާ އަށް ވަޒީފާ ލިބުން ދަތިވާނެއެވެ. އަހަރެން ރާނިޔާ ދެކެ ކިތައްމެ ރުޅިއައި ނަމަވެސް އެތަކެއް އަހަރެއް ހޭދަކޮށްގެން ރާނިޔާ އެ މަގާމަށް އައިސް ހުރުމުން އަހަރެންވެސް ރާނިޔާގެ އަތުން ޑޮކްޓަރެއްގެ ވަޒީފާ އަދާކުރުމުގެ ހައްގު އަތުލާކައް ނޭދެމެވެ. އަހަރެންނަށް ރާނިޔާ އަށް ދުވަހަކުވެސް ހިތް ހެޔޮނުވާނެކަން ޔަގީނެވެ. ވާނިވެސް ކިހިނެއް ހެއްޔެވެ ؟ ރާނިޔާ އާއި ހުރެ ލަޔާން ގެ ދިރިއުޅުން އެ ފުށް މިފުށަށް ޖެހިގެން ދިޔަ ދިޔުމުން އަހަރެންނަށް ރާނިޔާ އަށް ދުވަހަކުވެސް މާފެއް ނުކުރެވޭނެއެވެ. ލަޔާން އަށް މާއާފު ކުރެވުނަސް އަހަރެންނަށް އެކަން ކުރުމަށް ވީ ނުކުޅެދިފައެވެ.

މިހުރިހާ ކަމަކަށް އެއް ހަފްތާ އަށް ދިގު ލައިގެން ގޮސް އެންމެ ފަހަކަށް ނިމުމުން އަހަރުމެން ދެމީހުން އަދި ދެމީހުންގެ އާއިލާގެ ދިރިއުޅުމަށް އުފާވެރިކަން އައެވެ. އަދި އެ އުފާވެރިކަން އިތުރު ވެގެން ދިޔައީ ލަޔާންގެ އާއިލާއިން ދެމީހުން ވީހަވެސް އަވަހަކަށް ކައިވެނި ކުރުމަށް އެދުމުންނެވެ. އޮގަސްޓް މަހުގެ 22 ވަނަ ދުވަހަކީ ލަޔާން ގެ އުފަންދުވަސް ކަމުން ދެފަރާތުގެ އާއިލާއިން ވާހަކަ ދެއްކީ ކައިވެނި އެ ދުވަހުގައި ކުރާށެވެ. ދުވަސްތައް ފާއިތުވަމުން ގޮސް އެދުވަސް ވެސް ޖެހިއްޖެއެވެ.

އަހަރެން ލަޔާން ގެ މިލްކަކަށް އަދި ލަޔާން އަހަރެންގެ މިލްކަކަށް ދާއިމީ ގޮތަށް ވުމަށް އޮތީ ދެން މަދު ގަޑިއިރެކެވެ. މިއަދު ފެށުނީއްސުރެ އަހަރެން ލަޔާން އެއް ނުދެކެމެވެ. ލަޔާން އަހަރެންނެ ނުދެކެއެވެ. ލަޔާން ފެންނާނެ އިރެއްގެ އިންތިޒާރު އަހަރެންގެ ދެލޯ ދިޔައީ ކުރަމުންނެވެ. އަހަރެންގެ ހިތް ވީ ލަޔާން ދެކިލުމަށް ފެންބޮވައިގަނެފައެވެ. ގަޑި ކުޑަތަން ވަމުން ދިޔަވަރަކަށް އަހަރެންގެ ހިތުގެ ތެޅުން ދިޔައީ އަވަސް ވަމުންނެވެ. އަހަރެން ލާން ހަމަޖެހިފައިވި ހުދު ވެޑިންގް ޑްރެސް ލައިގެން ތައްޔާރު ވެލައިގެން ހުރެވުނީ އަހަރެންގެ ބަލައި އަންނާނެ އިންތިޒާރުގައެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެތެރައަށް ވަދުގެނެ އައި އަހަރެންގެ އާއިލާގެ އެންމެން އަހަރެންނަށް ތައުރީފު ކުރިއެވެ. ހަޔާތުގެ ދެން އޮތް ފައްތަރަށް އެރުމަށްޓަކައި އެންމެ ކުޑައިރު ފިޔަވަޅު އެޅުމަށްޓަކައި އަހަރެންގެ އަތުގައި ހިފި އަހަރެންގެ މަންމަ އާއި ބައްޕަ އެ ދެއަތުން އަނެއްކާވެސް އަހަރެން ވެއްޓުނަ ނުދިނުމަށް ބާރަށް ހިފައިލިއެވެ. ސިޑިން ތިރިއަށް ފޭބިއިރު ސިޑި ކައިރީ ގައި ހުރި ލަޔާން އެސްފިޔަ ޖަހައިލުމެއްނެތި އަހަރެންނާއި ދިމާލަށް ބަލަން ފެށުމުން އަހަރެން އިސް ޖަހާލެވުނެވެ. މަންމަ އާއި ބައްޕަ އަހަރެންގެ އަތުން ދޫކޮށް ބައްޕަ މަޑުމަޑުން އަހަރެންގެ އަތްތިލަ ލަޔާންގެ އަތުތެރޭގައި ބާއްވައިލިއެވެ. ދެމީހުން ގޮސް އެކުއެކީ މޭޒޫ ދޮށުގައި އިށީނދެލުމަށްފަހު ހަމަޖެހިލީމެވެ. އަނބި ގަބޫލުކޮށޮފީމޭ ބުނެ ދާއިމަށްޓަކައި އަހަރެންނާއ ލަޔާން ގެ ދިރިއުޅުން އެކައްޗަކަށް ވެގެން ދިޔައެވެ. ކައިވެނީގެ ހަފްލާ އޮތް ހޯލަށް ވަންއިރު އަހަރެން އާޝޯހު ވިއެވެ.

އޯރކިޑް މާތަކުން މުޅި ހޯލް ޒީނަތްތެރި ކޮށްފައިވިއިރު މުޅި ހޯލް ވީ ހުދު ކުލައިގެ ފެއަރީ ލައިޓްސް ތަކުން ދިއްލައިފައެވެ. " ލަޔާން އެންޑް ނަބާ " ވީ ބެކްޑޮރޮޕް ގައި ލެޑް ލައިޓް ތަކުން ދިއްލިފައެވެ. ހުދު ކުލައާއި އެމެރަލްޑް ގްރީން އިން ތައްޔާރުވެފައިވި ހޯލަށް ވަދެގެން އައިރު އިހްސާސް ވީ ތަނެއްގެ އަހަރެންނަކީ ތަނެއްގެ ރާނީ އެއްހެންނެވެ. ޕާޓީ ފެށިގެން ކުރިއަށް ދާން ފެށިއެވެ. ކޮންމެ މީހަކުވެސް ދަނީ މަރުހަބާ ކިޔަމުންނެވެ. އަހަރުމެން ދެމީޙުންވެސް ދިޔައީ އަލަތު ދެމެފިރިންނަށް ވުމުގެ އާދަޔާހިލާފު އިހްސާސް ކުރަމުންނެވެ. ޕާޓީ ނިމުނު އިރު ދެމީޙުން ވެސް ތިބީ ވަރުބަލިވެފައެވެ. ގެއަށް ދިޔުމަށް ނިކުމެވުނު އިރު ގަޑިން 12 ޖެހިއެވެ.

ގެއަށް ދިޔުމަށް ކާރަށް އެރުމުން އަހަރެންގެ ދެލޮލުގައި ލަޔާން ފޮތިގަނޑެއް އެޅިއެވެ. ކާރު ގޮސް މަޑުކޮށްލުމުން އަހަރެންގެ ދެއަތުގައި ހިފައިގެން ލަޔާން ލިފްޓް އަކަށް އެރި ކަމުގެ އިހްސާސް ވިއެވެ. ލޯމަތިން ފޮތިގަނޑު ނަގައިލުމުން މަޑުމަޑުން ލޯ ހުޅުވާލީމެވެ. ރަތް ކުލައިގެ ފިނިފެންމަލާއ އުއްބަތިތަކުން ރީތި ކުރެވިފައި އެ ކޮޓަރީ ގައި ވީ ވަރަށް ލުއި މިއުޒިކެއް ޖަހައިލެވިފައެވެ. ކުރިމަތީގައި ފިނިފެންމަލުގެ ފިޔަތަކުން ފުރިފައިވި ޕޫލް ފެނި އެއީ ލަޔާން ގެ ކޮޓަރި ނޫންކަން ޔަގީންވިއެވެ. އޮލުވައިލެވިފައިވި އަހަރެން އަދި ދެމީހުންގެ ކޮންމެ ތަސްވީރެއް ފެނުމުން ވަކި ހަނދާނެއް ހަނދާންވެއެވެ. އަހަރެންގެ ގިނަ ފޮޓޯ ތަކަކީ ކޮލެޖްގައި އަހަރެންނަށް ނޭނގި ލަޔާން ނަގައިފައި ވި ފޮޓޯތަކެވެ. މަޑުމަޑުން އަހަރެންނާއި ދިމާލަށް އައި ލަޔާންގެ ފިޔަވަޅު ހުއްޓުނީ ކޮޓަރީގެ ދޮރު ޖެހުމުންނެވެ. ވެލްކަމް ޑްރިންކްސް ހިފައިގެން އައި ރޫމް ބޯއި ދިޔުމުން އަނެއްކާވެސް އަހަރެންނާއި ދިމާލަށް ލަޔާން މިސްރާބު ޖެހިއެވެ.

އަނެއްކާވެސް ދޮރުގައި ޓަކި ޖަހައިލިއެވެ. ލަޔާންގެ މޫނުމަތިން ރުޅިވެރިކަން ފެނުމުން އަހަރެންނަށް ހެވެން ފެށުނެވެ. "މިއޮތް ގަޑިއަކުވެސް ދެން ކިހާދެރަކެމެއް." ލަޔާން އެހެން ކިޔައިލުމަށްފަހު ދޮރު ހުޅޫވާލިއެވެ. ކުރިމަތީގައި ތިބި ދޮންބެ އާއި ބޭބެ އަދު ލަޔާންގެ ކޮއްކޮ އަދި ދައްތަމެން ދެއަތް އުރާލައިގެން ތިއްބެވެ. އެންމެން އެކުއެކީ އެހެން އައިސް ތިބުމުން އަހަރެންގެ ހިތަށް ބިރުވެރިކަން ވަނެވެ. އަވަސްއަވަހަށް ކިހިނެއްވީހޭ ސުވާލު ކޮށްލެވުނެވެ. އެންމެން އެކު އެކީ ލަޔާން އާޢި ދިމާލަށް ބަލައި ލުމުން އަހަރެންނަށް ވެސް ލަޔާން އާއި ދިމާލަށް ބަލައިލެވުނެވެ. ބޯ ފިރުކައިލަ އިން ލަޔާން ފެނުމުން ލަޔާން ކޮންމެވެސް މޮޅު ކަމެއް ކުރީކަން އަހަރެންނަށް ޔަގީޏްކުރެވުނެވެ. ލޯ ކުޑަކޮށްލުމަށްފަހު ލަޔާން ކައިރިން ސުވާލު ކޮށްލުމުން ލަޔާން ދިއްކޮށްލީ އިގްރާރެކެވެ. އޭގައި ކުރިމަތީގައި ތިބި އެންމެންގެ ސޮއި ހުރިއެވެ. އަދި ލަޔާންގެވެސްމެއެވެ. އެއީ ގާނޫނީ އެއްޗެކަން ޔަގީންވީ ގަލަމަކުން އޭގައި ލިޔެފައި ވުމުންނެވެ. ލަޔާންވީ ކުރިމާތީގައި ތިބި ކޮންމެ މީހަކަށް އަހަރެންނާއި ކައިވެނި ކުރެވުމުން 1000 ރުފިޔާ ދޭނެކަމަށް އެއްބަސްވެފައެވެ. ލަޔާން ކުރާ އެކަހަލަ މޮޔަ އަދި ޅަ ކަންތަކުން ލަނޑުވެސް އެންމެ ފަހު ވަގުތު ލިބެނީވެސް ލަޔާންއަށެވެ. އެތާގައި ތިބި 5 މީޙުންނަށް ވަކި ވަކިން ރުފިޔާ ޓްރާންސްފާރ ކޮށްނިންމުނު އިރު އަހަރެންގެ ދެފައި ހީވީ ވާޅުވީހެންނެވެ. ދެން އަނބުރައި ކޮޓަރި އަށް ވަނުމުގެ ކުރިން ލަޔާން ކޮޓަރީގެ ދޮރުގެ ބެލް ކަނޑައިލިއެވެ. އަދި ފޯނުވެސް ނިއްވައިލިއެވެ. މުޅި ދުނިޔެއަށް ދެމީޙުންވެސް ފޮރުވިގަތީއެވެ. އެ ދުނިޔެގައި ހަމައެކަނި ލަޔާން އާއި އަހަރެންނާއި ދެމީހުންގެ ލޯބިވީ ދުނިޔެ އަކަށް އަރަގުވެގެންދިޔުމަށެވެ. އެކަކު އަނެކަކުގެ ހުވަފެން ކޮންމެ ރެއަކު ވަކިން ބަލަމުން އައި ނަމަވެސް މިއަދު ދެމީހުން ވެސް ހުވަފެނީ އާލަމަށް ދަތުރު ކުރީ އެކެއްގެ ގޮތުގައެވެ. އެކުއެކީ ގައެވެ. އެކެއްގެ ގޮތުގައެވެ.

ނުނިމޭ ...

މިލިޔުމާއި ގުޅޭ :

ވާހަކަ: ފަހުވިންދާއި ޖެހެންދެންވެސް ލޯބިވާނަން (ތިންވަނަ ބައި)

ވާހަކަ: ފަހުވިންދާއި ޖެހެންދެންވެސް ލޯބިވާނަން (ދެވަނަ ބައި)

ވާހަކަ: ފަހުވިންދާއި ޖެހެންދެންވެސް ލޯބިވާނަން (ފުރަތަމަ ބައި)

ޓެގްސް: ލޯބީގެ ވާހަކަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.