ބޭސްފިހާރައެއްގައި މީހަކު ސިޓީހިފައިގެން ގޮސް، ސަރުކާރުން އިއްލާންކުރި ފިޔަވަޅުތައް ތަންފީޒުކުރެވިފައިނުވޭ

ހަބަރު

އާސަންދަ ބަޖެޓް ހުސްވެއްޖެ، ބޭސް ފިހާރަތަކުން ދުލެއް ނުދިން

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 19 ޖޫން 2022 , އާދީއްތަ 13:21   1272

ބޭހަކީ ޒަރޫރީއެއް އެއްޗެއްގެ ގޮތުގައި ހުރިހާ ގައުމަކުންވެސް ކަނޑައަޅާފައި އޮންނަ ބާވަތެކެވެ.

ވަރަށް މިފަހަކާއި ޖެހެންދެން ރާއްޖެއަށް އެތެރެކުރާ ބޭހުގެ އަގު ހިފަހައްޓަމުން ދިޔައީ އެސްޓީއޯ މެދުވެރިކޮށެވެ. ނަމަވެސް، އާސަންދަ ތަޢާރަފްވުމާއި އެކު ރައްޔިތުންނަށް ވެސް ލުއިފަސޭހަވާނެ ފަދަގޮތަކަށް ކަންކަން އިންތިޒާމްކުރުމުގެ ގޮތުން، އަމިއްލަ ބޭސްފިހާރަތަކަށް ވެސް އާސަންދައިގެ ދަށުން ބޭސް ދޫކުރެވޭނެގޮތް ސަރުކާރުން ހެއްދެވިއެވެ.

އެއާއި އެކު، ޕްރައިވެޓް ފާމަސީތަކުގެ ދައުރު ބޮޑުވެ ބޭހުގެ ކޮންޓްރޯލްގެ ވަރަށް ބޮޑުބައެއް އެދިމާލަށް ދަތުރުކުރަންފެށިއެވެ. ފާމަސީތަކުން އިންތިހާއަށް ބޭހުގެ އަގަށް ފައިދާލައި އާސަންދައަށް ބިލްކުރަން ފެށިއެވެ. ނަތީޖާއަކަށްވީ އެއް އަހަރުން އަނެއް އަހަރަށް ދަތުލަތުން އާސަންދައަށް ކުރަމުންދާ ހޭދަ ބޮޑުވަމުން ދިއުމެވެ.

އެހެންވެ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) މެދުވެރިކޮށް ސަރުކާރުން ނިންމީ ވަކި ކެޓަގަރީތަކަށް ބަހާލައިގެން ލިސްޓުކޮށް ބޭހުގެ އަގު ކޮންޓްރޯލްކުރަމުން ގެންދިއުމަށެވެ.

އޭރު ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުން 400 ޕަސެންޓަށްވުރެ ވެސް ބޮޑުކޮށް ފާމަސީތަކުން ބޭހަށް ފައިދާލައެވެ. ހެލްތު މިނިސްޓްރީން ނޮވެމްބަރު 14، 2021 ގައި ކުރި އިއުލާނުގައި ބުނީ ޑޮކްޓަރީ ބޭސްތައް ވިއްކާއިރު، ފައިދާގެ ގޮތުގައި އެންމެ ގިނަވެގެން ވެސް ނެގޭނީ 100 ޕަސެންޓު ކަމަށެވެ. އެއާއި ޚިލާފްވެއްޖެނަމަ 100،000 ރުފިޔާއިން ޖޫރިމަނާ ކުރާނެކަމަށް ވެސް އޭރު ބުނެފައިވެއެވެ.

ނަމަވެސް، މިއަދާއި ހަމަޔަށް އައިއިރު ވެސް، ހެލްތް މިނިސްޓްރީ އާއި އެމްއެފްޑީއޭ ގެ ޕްލޭނާ އެއްގޮތަށް އެކަން އެގޮތަށް ކުރިއަށް ގެންގޮސްފައި ނުވެއެވެ.

އާސަންދައިން ބުނެފައިވަނީ، އެކުންފުނިން މިއަހަރަށް ކަނޑައެޅި ބަޖެޓް ފަހަނަޅައި ގޮސް، އެއަށްވުރެ 30 ޕަސެންޓް އިތުރަށް ޚަރަދު ކުރެވިފައިވާކަމަށެވެ. ކޮންމެ އަހަރަކުވެސް އާސަންދަ ބަޖެޓްގެ ދެބައިކުޅައެއްބައި ޚަރަދު ކުރަނީ ބޭހަށެވެ.

ބޭހުގެ މައްސަލައިގެ އިތުރުން، ބައެއް އަމިއްލަ ކްލިނިކްތަކުން، ބޭނުންނުވާ އެތައް ޓެސްޓެއް ހަދައި، އާސަންދައަށް ކުރާ ބިލްތަުގެ ޢަދަދު ބޮޑުކުރަމުންދާ ކަމުގެ ތުހުމަތުވެސް ކުރެވެއެވެ.

ކަމާއި ގުޅޭ މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި، ބޭހަށް އޮތް ޙައްލަކީ، ފާމަސީތަކުގެ އެއްބާރުލުން ނުލިބޭނަމަ، ކުރިންވެސް ޢަމަލުކުރަމުން އައިގޮތަށް އެސްޓީއޯ މެދުވެރިކޮށް ބޭހުގެ މާކެޓް ނިއުޓްރަލައިޒް ކުރުމެވެ. އެއީ، ތެލާއި ބޭހުގެ އަގު ހިފެހެއްހެއްޓުމަކީ އެސްޓީއޯ މައި އެއް މެންޑޭޓްކަމަށް ލިޔެފައި އޮންނާތީ ވެސް މެއެވެ.

ޓެގްސް: އިޖްތިމާޢީ ރައްކާތެރިކަން އާސަންދަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.