ހިތަދޫ ބަނދަރު ތޮށި އޮތް ސަރަޙައްދު

ހަބަރު

ހިތަދޫ ބަނދަރުން ފީނެގުން މަޑުޖައްސާލައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 23 ޖޫން 2022 , ބުރާސްފަތި 20:13 1   449

ބުދަ ދުވަހުން ފެށިގެން އައްޑޫ އަށް ކައިރިކުރާ ހުރިހާ ކަނޑު އުޅަނދެއް އަލުން ރަޖިސްޓްރީ ކުރުމަށާއި ފީތައް ނެގުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމުމާއި ގުޅިގެން އޮޑިވެރިން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ހިތަދޫގައި ހަދާފައިވާ ބަނދަރުތޮށި ގިނައިން ބޭނުންކުރަނީ މާލެއާއި އައްޑޫ އާއި ދޭތެރޭ ދަތުރުކުރާ ނާލުބޯޓުތަކުންނެވެ. އަދި ފަޅުން ވެލިނަގަން ބޭނުންކުރާ ދޯނި ފަހަރުގެ އިތުރުން ސަރުކާރުގެ ޕްޖެކްޓްތަކަށް ބޭނުންވާ ސާމާނު އުފުލާ ބާޖާއި ބޯޓުތަކުން ވެސް އެތަން ބޭނުންކުރެއެވެ.

މިކަމާއި ގުޅިގެން އެކްސްޕްރެސް ނޫހުން ވަނީ ބަދަރުގައި ތިބި ނާލު ބޯޓުފަހަރާއި ވާހަކަ ދައްކާފައެވެ. އެމީހުން ވަނީ ވަރަށް ބޮޑަށް ފީތައް ނަގަންނިންމި ގޮތާއިމެދު ނުރުހުން ފާޅުކޮށްފައެވެ.

ބުދަ ދުވަހު އިރުއޮއްސުނުއިރު އެތަނުގައި ތިބި ނާލުބޯޓުތަކުގެ ތެރޭގައި، ސީމެކްސް، އާގަލާ ކުއީން، ބެސްޓްލައިން ބޯޓް، ސައިމާ ބޯޓް، އަދި ނަޒާ އެކްސްޕްރެސް ހިމެނެއެވެ. ހުރިހާ އޮޑިވެރިންގެ ވާހަކަތައް ވެސް ހުރީ ދާދިއެއްކަހަލަ ގޮތަކަށެވެ.

އެފަރާތްތަކުން ބުނަނީ އެމީހުންނަކީ އެތަން ބޭނުންކުރާ ފަރާތްކަމަށް ވެފައި، އޭގެން އެކަކާއި ވެސް މިފަދަ ނިންމުމެއް ނިންމުމުގެ ކުރިން މަޝްވަރާކޮށްފައި ނުވާކަމަށެވެ. އަދި ކައުންސިލްގެ މިނިންމުމަކީ ޒިންމާދާރުކަންކުޑަ ނިންމުމެއް ކަމުގައި ދެކޭކަމަށެވެ.

ކައުންސިލުން މީގެ ކުރިން ބުނެފައިވަނީ، މިފިޔަވަޅަކީ ކައުންސިލްގެ ޢާމްދަނީ އިތުރުކުރުމަށްޓަކައި އެޅި ފިޔަވަޅެއްކަމަށެވެ.

އެއްވެސް އިރެއްގައި އަޅުގަނޑުމެން އެކަކުގެ ބަސް ހޯދަން ވެސް ނުގުޅާ. ފަރުމަސްވެރިކަމުގައި އުޅޭ ބައެއް ޑިނގީތަކަކަށް ގުޅިކަމުގެ ޚަބަރުލިބޭ. އެކަމަކު އަޅުގަނޑުމެންގެ ފަރާތުން އެއްވެސް އެއްޗެއް ނައަހާ. އެއޮތް ރީއްޗަށް ހަދާލާފަ އޮތް ނޯތް ހާބަރު. އެތަނުން ވެސް އަހަރުމެން ފަސް ދުވަސް ހަ ދުވަހު ތިބެފައި، ބޭނުންވަރަކަށް ކަރަންޓާއި ފެން ބޭނުންކޮށްފައި ދާއިރުވެސް، 1،500 ރުފިޔާ ދައްކަން ނުޖެހޭ.

~ މާލެ ދަތުރުކުރާ މަޝްހޫރު ނާލުބޯޓެއްގެ ވެރިފަރާތް

ކައުންސިލުން ނިންމާފައިވާ ނިންމުމުގައި ވާގޮތުން، އަނެއްކާ ވެސް މިޖެހެނީ އަލުން ރަޖިސްޓްރީ ކުރާށެވެ. އަދި 100 ފޫޓަށްވުރެ ބޮޑު އުޅަނދަކަށް، ރަޖިސްކުރާ ފީގެ ގޮތުގައި 1000 ރުފިޔާ ނަގާނެއެވެ.

އަހަރުމެން މިތެބެނީ މިހާރުވެސް ރަޖިޓްސްރީކޮށް ފީދައްކައިގެން. ދެން ކޮން ރަޖިސްޓްރީއެއް، އަނެއްކާ މިތާ އެބައޮތްތަ ބަނދަރެއް؟ މިނޫނީ ބަނދަރެއް މިހާދަށްކޮށް އޮތް ރަށެއް މުޅި މިރާއްޖޭގަ ވެސް އޮތް ހެން ހީނުވޭ. ކައިރި ކުރެވެނީކީ ނޫން. ބޭރުތޮއްޓެއް ނެތް. ވާރޭ ވެހިއްޖެނަމަ ފެންބޮޑުވެފައި. ކަރަންޓެއް، ފެނެއް ނެތް. ވެލިބަސްތާ މިހުންނަނީ އެއްކޮޅުން އަނެއްކޮޅަށް. މާލޭ ނޯތްހާބަރު ކިނެތް ހަދާފަ އެއޮތީ. ގާއަޅައި، ކެމެރާ ހަރުކޮށްފައި. އެހާރީއްޗަށް ބަލަހައްޓާނެ. މިތަނުގައި އަހަރުމެން މިޖެހެނީ ޕިޕަކަށް ބޮޑުލާރި ދީފައި ކުނިކޮޅު ވެސް އުކާލަން. އަލިކަމެއް ނުހުރޭ، ރައްކާތެރިކަމެއް ނުހުރޭ. މިތަން މިއޮތްގޮތުން ބޮޑެތި ގެއްލުން ލިބޭ. ދުވަލާކަށް 100 ރުފިޔާ ވެސް ބޮޑު މިތަންމިއޮތް ޙާލަތާއި ބަލާފަ.

~ އެހެން ނާލުބޯޓެއްގެ ވެރިފަރާތުން

އޮޑިވެރިން ބުނަނީ އައްޑޫއަށް ގެންނަމުދާ ބޭލުމަށް ގިނައިރު ހޭދަވާކަމަށެވެ. މިގޮތުން އެވްރެޖްކޮށް 4-5 ދުވަސް ހޭދަވާކަމަށެވެ. މިއީ ކައުންސިލުން ބުނެފައިވާ ރޭޓުން ބަލާނަމަ 120،000 ރުފިޔާއެވެ. މިއީ ބޯޓުފަހަރަށް ލިބޭ ޢާމްދަނީ އާއި ނުބައްދަލު ޢަދެދެކެވެ.

އެހެންކަމުން އޮޑިވެރިން ބުނީ ފަރުވާލެއް ނެތްކަމަށާއި، އެމީހުން ބިލްކުރާނީ ވިޔަފާރިތަކަށް ކަމަށާއި، ތަކެތީގެ އަގުބޮޑުވީމާ ތަކުލީފު އުފުލަން ޖެހޭނީ ރައްޔިތުންނަށް ކަމަށެވެ.

ހިތަދޫ ބަނދަރު ސަރަޙައްދު

މިކަމާއި ގުޅިގެން އެކްސްޕްރެސް ނޫހުން ބުރާސްފަތި ދުވަހު އައްޑޫ ސިޓީ މޭޔަރ ވާހަކަ ދެއްކުމުން ވިދާޅުވީ، ފީނެގުމުގެ ކަންތަކުގައި ފުށުއެރުންތަކެއް ހުރިކަމަށެވެ. އަދި މިކަމާއި ގުޅިގެން ފީތައް ނެގުން މަޑުޖައްސާލާފައިވާކަމަށާއި، އަލުން ފީތައް މުރާޖާ ކުރެއްވުމަށްފަހު ގޮތެއް ނިންމަވާނެކަމަށެވެ.

މިލިޔުމާއި ގުޅޭ :

ހިތަދޫ ބަނދަރު ތޮއްޓަށް ކައިރިކުރާ ކަނޑުއުޅަނދުން ފައިސާނަގަން ފަށައިފިކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި

ޓެގްސް: އައްޑޫ އައްޑޫ ސިޓީ ކައުންސިލް ދަތުރުފަތުރު އައްޑޫ ސިޓީ ކައުންސިލް އައްޑޫ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.