ސައުދީ އަރަބިއާއިން ހަދިޔާކޮށްފައިވާ ކަދުރު

ހަބަރު

އައްޑޫ ސިޓީ ކައުންސިލުން ކަދުރު ބަހަނީ، މިއަދު ފަހު ދުވަސް

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 23 ޖޫން 2022 , ބުރާސްފަތި 10:27   361

ރޯދަމަހާއި ދިމާކޮށް، ކޮންމެ އަހަރަކު ވެސް ސައުދީ ސަރުކާރުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެހުމަށްޓަކައި ކަދުރު ހަދިޔާ ކުރެއެވެ.

އެހެންނަމަވެސް މިފަހަރު ކަދުރު މޫސުމާއި ރޯދަމަހާއި ދިމާނުވުމުގެ ސަބަބުން ލަސްތަކެއް އައުމަށްފަހު މިހާރު ވަނީ ސައުދީއިން ފޮނުވި ކަދުރުތައް ލިބި ބެހުމަށްޓަކައި ރަށްރަށަށް ވެސް ފޮނުވާފައެވެ.

މިގޮތުން އައްޑޫ ސިޓީ ކައުންސިލަށް ލިބިފައިވާ ކަދުރު ބަހަމުންދާކަމަށް އެކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވަނީ ކަދުރުބެހުމުގައި އިސްކަންދޭނީ ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ކަމަށެވެ. އޭގެއިން ކޮންމެ ގޭބީސީއަކަށް އެއްޕެކެޓް ދޫކުރާނެކަމަށެވެ.

އަދި އެއިދާރާއިން ކަދުރު ދޫކުރާނީ 21-23 އަށް ކޮންމެ ދުވަހަކު މެންދުރުފަހު 2 އިން ހަވީރު 6 އަށެވެ. އެހެންކަމުން މިއަދަކީ ފަހުދުވަސްކަމަށް ބެލެވެއެވެ. މިއަދަށް ފަހު ބާކީވާ ކަދުރުތައް، ފުރަތަމަ އަންނަ ފަރާތަކަށް އިސްކަންދީގެން، ހުސްވަންދެން ކޮންމެގެއަކަށް ކަދުރު ޕެކެޓެއް ބަހަމުން ގެންދާނެކަމަށް ވެސް ކައުންސިލުން ބުނެއެވެ.

ކައުންސިލަށް ބެހުމަށްޓަކައި ލިބިފައިވާ ޖުމްލަ ކަދުރުގެ ޢަދަދު ހާމަކޮށްފައި ނުވެއެވެ. އަދި ފަޤީރުންގެ ދަފްތަރުގައި ވަނީ ވެސް ކިހާޢަދަދެއްގެ މީހުންކަމެއް ސާފެއް ނުވެއެވެ.

ކަދުރުގެ މައްސަލައަކީ، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ވެސް، ކޮންމެ އަހަރަކު ރޯދަމަހުގެ ފަހުން ދިމާވާ މައްސަލައެކެވެ. ފާއިތުވެދިޔަ އަހަރުތަކުގައި ވެސް ކަދުރު ބެހުމުގައި އިންސާފެއް ނެތްކަމަށް ގިނަބަޔަކު ވަނީ ސޯޝަލްމީޑިއާގައި އަޑު އުފުލާފައެވެ.

ޓެގްސް: ބޭރުގެ އެހީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.