ތުރުކީ ވިލާތުގެ ހުޅަނގުދެކުނު ސަރަޙައްދެއްގެ ޖަންގަލިތަކުގައި ރޯވެ، ބޮޑު ސަރަހައްދަކަށް އަލިފާންގަނޑު ފެތުރި އަނދަމުންދާކަމަށް ރިޕޯޓުކޮށް ފިއެވެ.
ޖަންގަލީގެ އެކި ސަރަހައްދަށް ފެތުރިފައިވާ އަލިފާންގަނޑުތައް ނިއްވައިލުމަށް މަސައްކަތް މިހާރު ކުރަމުން އެބަދެއެވެ. އެ ގައުމުގެ ދާހިލީ ވުޒާރާއިން މައުލޫމާތު ދޭގޮތުގައި މި އަލިފާންގަނޑު ތަކަކީ ބަޔަކު މީހުން ގަސްތުގައި ރޯކޮށްލައިފައިވާ އަލިފާންގަނޑު ތަކެކެވެ. އަދި މިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އެމީހާ ކުށަށް އިއުތިރާފް ވެފައިވާ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.
މި ހާދިސާގެ ސަބަބުން އެންމެ ބޮޑަށް އަނދަމުންދަނީ ރިސޯޓު ރަށެއް ކަމުގައިވާ މާމަރިސް ކައިރީގައިވާ ޖަންގަލީގެ ސަރަޙައްދުތަކުގައެވެ.
އަލިފާންގަނޑުތައް ނިއްވައިލުމުގެ މަސައްކަތުގައި 2600 އަށް ވުރެ ގިނަ މީހުން ހަރަކާތްތެރި ވަމުންދާ އިރު، ވައި ގަދަވެ ހޫނުގަދަވުމުގެ ސަބަބުން އަލިފާންގަނޑު ނިއްވުމަށް ބޮޑެތި ހުރަސްތަކަކާއި ވަނީ ކުރިމަތިލާން ޖެހިފައި ކަމަށް އެ ގައުމުގެ މީޑިއާ ތަކުން ރިޕޯޓުކުރެއެވެ. އަލިފާން ނިއްވުމުގެ މަސައްކަތުގައި ގުމުލަ 45 ހެލިކޮޕްޓަރާއި 12 މަތިންދާބޯޓާއި އެއްގަމު އުޅަނދުފަހަރުގެ ބޭނުން ދަނީ ކުރަމުންނެވެ.
