ޑީޕް ފޭކް ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަދާފައިވާ ބައެއް ވީޑިއޯތައް

ހަބަރު

ޑީޕްފޭކް-ވީޑިއޯ ޓެކްނޮލޮޖީ، ފޭކް ވީޑިއޯ ހެދިދާނެތަ؟

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 26 ޖޫން 2022 , އާދީއްތަ 15:34   446

މިހާރު ދައުރުވަމުންދާ ވީޑިއޯތަކަކީ ކިހާފަސޭހައިން ހަދާލެވޭނެ އެއްޗެއްކަން އެނގެނީ އަހަރުމެންގެ ތެރެއިން ކިތައްމީހުންނަށް ބާއެވެ؟

ޑީޕް-ފޭކް ވީޑިއޯ ޓެކްނޮލޮޖީ އަކީ ކޮމްޕިއުޓަރުތައް ކުރިއަރާފައިވާ މިންވަރަށް ބަލާއިރު، ގޭގެ ސިޓިންގ ރޫމްތަކުގައި ތިބެގެން އަސްލަކީ ކޮބާކަން ނޭނގޭހާ މިންވަރަށް ފޮޓޯ އާއި ވީޑިއޯ ހެދިދާނެކަމަށް ގަބޫލުކުރަނީ އަހަރުމެންގެ ތެރެއިން ކިތައްމީހުން ބާއެވެ؟

މިއީ ގޫގުލް ސާޗަކުން ވެސް ހޯދިދާނެ މަޢްލޫމާތެވެ. އަދި ބީބީސީ އާއި ސީއެންއެން ފަދަ ދުނިޔޭގެ ނަން މަޝްހޫރު ނޫސް އެޖެންސީތަކުގެ ޓެކްނޯލޮޖީ ސެގްމެންޓްތަކުން މާކުރިން ވެސް ދައްކަމުން އަންނަ ވާހަކަތަކެވެ.

މިހާރު ލީކްކޮށްފައިވާކަމަށް ބުނާ ހުރިހާ ވީޑިއޯތަކަކީ "ފޭކް" ވީޑިއޯކަމަކަށް ނުނިންމަމެވެ. އަދި އެގޭތެރޭގައި ފަހަރުގައި ބައެއް ވީޑިއޯތައް އެއީ ހަމަހަމަ ހަގީގަތާއި އެއްގޮތް ވީޑިއޯކަމަށް ވެސް ވެދާނެއެވެ.

ބުނަން މިއުޅެނީ، ފޭކް ވީޑިއޯ ހެދުމުގެ ޓެކްނޮލޮޖީ ދުނިޔޭގައި ކުރިއަރާފައިވާ މިންވަރަށް، ފޭކުކަން ދަނެގަތުމުގެ ޓެކްނޮލޮޖީ ކުރިއަރާފައި ނުވާކަމެވެ.

އާއްމު މީހަކަށް ނޭނގޭހާ މިންވަރަށް އަސްލާއި އެއްގޮތަކަށް ހަދާފައިވާ ފޭކް ވީއޯތައް އެތައް ބައިވަރު އިންޓަނެޓްގައި އެބަހުއްޓެވެ. އޭގެތެރޭގައި ބަރާކް އޮބާމާ، ޓޮމް ކްރޫޒް، ޖިމް ކެރީ، ވްލާޑްމިއަރ ޕޫޓިން، އަދީ އީލާން މަސްކް އާއި ނޯތްކޮރެއާގެ ސުޕްރީމް ލީޑަރ ކިމް ޖޮންގ އުން ހިމެނެއެވެ. މިލިޔުމުގެ ތިރީގައި އެވަނީ އެފަދަ ބައެއް ވީޑިއޯތަކެވެ.

ހައިރާންވާންޖެހެނީ އެނިސްބަތްވާ މީހުން، އެކަމާއި ކަންބޮޑުވެގެން، މާބޮޑުކަމަށް ހަދައިގެން ނޫޅޭތީއެވެ. އަދި އެތަންތާ ރައްޔިތުންގެ ވެސް ޝައުގުވެރިކަން ވެސް އެފަދަ ވީޑިއޯތަކަށް ނުހުންނާތީއެވެ. މީގެ ސަބަބެއްކަމަށް ވިސްނެނީ، ކުރިއަރާފައިވާ ގިނަ މީހުންނަށް މިބާވަތުގެ ޓެކްނޮލޮޖީ ހުރިކަން އިނގޭތީ، އެމީހުން އެމީހުން އެފަދަ ކަންކަމަށް ލޯހުޅުވިފައިވާ މިންވަރު ބޮޑުވުމެވެ.

އިންޓަނެޓްގައި އެތައް ސަތޭކަ މިލިއަން ބަރަހަނާ ފޮޓޯ އާއި ވީޑިއޯ

ތަފާސް ހިސާބުތަކަށް ބަލާއިރު ދުނިޔޭގެ އެކިކަންކޮޅުތަކުގައި ވަރަށް ހަލުވި ކަމާއިއެކު ދަނީ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ދަނީ ފަތުރަމުންނެވެ. އޭގެތެރޭގައި މީހުން ޒާތީ މަޢްލޫމާތުތަކުގެ ތެރެއިން ލީކްކޮށްލާ ތަކެއްޗާއި، ގަދަބާރުން ބިރުދައްކައިން ކުޅުވާފައި ހުންނަ ތަކެތިވެސް ހިމެނެއެވެ.

އަދި އަހަރުމެންގެ ގައުމާއި އަވައްޓެރި ބައެއް ގައުމުތަކުގައި ވެސް މިފަދަކަންކަން ދަނީ ވަރަށް ބާރަށް ހިނގަމުންނެވެ.

އެހެންކަމުން ދިވެހިންނާއި ވައްތަރު، އެކަމަކު ދިވެހިންކަން ޔަގީންނުވާ މިފަދަ އެތައް ހާސްބަޔަކު އިންޓަނެޓްގައި އެބަތިއްބެވެ.

ދެހާހުގެ ކުރީކޮޅު މިފަދަ ފޮޓޯތައް ދިވެހިންކަމަށް ބުނެ ލީކުކުރާ އެތައް ދިވެހި ވެސްސައިޓްތަކެއް ހަދައިގެން އުޅުނެވެ. ދަބލބޮޑު.ކޮމް އަކީ މީގެ ތެރެއިން އޭރު ވަރަށް މަޝްހޫރުވި އެއް ވެބްސައިޓެވެ. އަމުދުން، މިހާރު ޓެކްނޮލޮޖީ މިއޮތީ އެތައް ފިލިއެއް ކުރީގައެވެ.

މިފަދަ ފޮޓޯތަކާއި ވީޑިއޯތައް ހޯދައިގެން ދިވެހިން ކަމަށް ބުނެ ލީކްކުރަމުންދާ ގްރޫޕްތައް މިހާރުވެސް ދިވެހިރާއްޖޭގައި އެބަތިއްބެވެ. މީގެތެރެއިން ބައެއް ޙަރަކާތްތަކަކީ، ވަރަށް ރޭވިގެން ހިންގޭ ބޮޑެތި ޖަރީމާތަކެވެ. މީހުންގެ އަގުވައްޓާލައި ނަފްސާނީގޮތުން މީހާ ބަލިކަށިކޮށްލުމަށް ބޭނުންކުރާ އުކުޅުތަކެވެ. އެއްބަޔަކު ސިޔާސީ މަންފާއަށްޓަކައި މިފަދަކަންކަން ކުރާއިރު، އަނެއްބަކު ހަމައެކަނި ނަފްސީ ހިތްހަމަޖެހުމަކަށް މިފަދަކަންކަން ކުރާކަން ވެސް ލިޔެކިޔުންތަކުން ފެންނަން އެބަހުއްޓެވެ.

އޭރު މިބުނި ބެވްސައިޓުތައް ހަދައިގެން އުޅުނު ދުވަސްވަރުވެސް އެތައް ދިވެހި އަންހެންކުދިންގެ ޢިއްފަތްތެރިކަން ގެއްލުވާ މުޖްތަމަޢްގައި އަގު ވައްޓާލާފައިވެއެވެ. އަދި ނަފްސާނީ ބަލިމަޑުކަމަކަށް ދިޔަ ކުދިންވެސް މަދެއް ނޫނެވެ.

ސަރުކާރާއި މުވައްސަސާތަކުގެ ޒިންމާ

ވީޑިއޯއެއްގެ ތެރެއަށް އެހެން މީހެއްގެ އަޑުކޮޅެއް އަޅާލުމަކީ އަދި މާފަސޭހަކަމެކެވެ. ވަރަށް ކުޑަކުދިންނަށް ވެސް ކުރަންއެނގޭ ޒާތުގެ ކަންކަމެވެ.

ތަޙްގީގަކަށް މަސައްކަތް ކުރާފަދައިން، ސަރުކާރާއި މުވައްސަސާތަކުން ވެސް މިފަދަތަކެތި ލީކްކުރާ މީހުންގެ ޙަގީގަތް ހޯދުމަށްޓަކައި އިންޓެލިޖެންސް މަސައްކަތް ފުޅާކުރަންޖެހެއެވެ. ރޭވިގެން ހިނގާ މިފަދަޖަރީމާތައް ހުއްޓުވަން ޖެހެއެވެ.

ދީނީ ނަޒަރަކުން ވިޔަސް އަދި ދުނިޔެވީ ނަޒަރަކުން ވިޔަސް މިފަދަ ޙަރަކާތްތަކުން ރަނގަޅު ނަތީޖާއެއް ނުނިކުންނާނެއެވެ. ޓެކްނޮލޮޖީ އާއި މުވާޞަލާތް ކުރިއަރާފައިވާ މިންވަރަށް ބަލާއިރު، މިފަދަ ވީޑިއޯތަކަށް ބަލާފައި ހުކުމް އިއްވޭ ވަރަށް ވުރެ މައްސަލައިގެ ޙައްޞާސްކަން ބޮޑެވެ. އަސްލުތޯ ފޭކްތޯ ހޯދޭނެގޮތެއް އަދި ހޯދިފައި ނެތް އިރު، މިފަދަ ވާހަކަތަކާއި މަންޒަރުތަކުން މުޖްތަމަޢު ފަސާދަވުމަށް މަގުފަހިވެއެވެ.

އަހަރުމެންގެ އަންނަން އޮތްޖީލުތަކަށް އަހަރުމެންގެ ޙަރަކާތާއި ޢަމަލުތަކުން ކުރާނީ ފައިދާތޯ ގެއްލުންތޯ ވިސްނަންވެއްޖެއެވެ.

މީޑިއާއި ތަކުން ވެސް ދެން ނުކުންނަނީ ކާކުގެ ވީޑިއޯއެއްތޯ އިންތިޒާރޮކޮށްކޮށް ނުތިބެ، މިފަދަ ތަޙްގީގަތަކަށް ބޭނުންވާނެ އެއްބާރުލުން ދޭންވީއެވެ. ޒިންމާދާރު ވާންވީއެވެ. ރައްޔިތުންނަށް މިފަދަކަންކަމުގެ ހަގީގަތާއި، މިފަދަކަންކަމުން ނިކުމެދާނެ ނަތީޖާތައް ބުނެދޭންވީއެވެ.

ޒިންމާދާރު ނޫސްވެރިކަމަކީ ނަތީޖާ އާއި ދޭތެރޭ ވެސް ވިސްނާ ނޫސްވެރިކަމެވެ. ހަމަ ހަގީގަތުގައި ވެސް މިފަދަ ވީޑިއޯތަކާއި ގުޅިގެން ރަނގަޅު ފިޔަވަޅު އަޅަންބޭނުންނަމަ ކަމާއި ބޭހެ ފަރާތްތަކުގެ ސަމާލުކަމަށް ގެންނަންވީއެވެ. އެމަންޒަރުތަކާއި ވީޑިއޯތައް ކުދިބޮޑު އެންމެންނަށް ފެންނާނެހެން އިސްތިހާރު ކުރާކަށް ނުޖެހެއެވެ.

ތަޙްޒީބް މުޖްތަމަޢްތަކުގައި ކަންކުރާގޮތަކީ އެއީއެވެ. މީހެއްގެ އަބުރުކަތިލައިގެން ލިބޭ ހިތްހަމަޖެހުން ދުރުވާން ވެއްޖެއެވެ.

ހެޑްލައިން ވިއްކާލައިގެން ފުއްދާލައިގެން ތިބެވޭކަން ނެތެވެ.

މިލިޔުމާއި ގުޅޭ:

ޓެގްސް: ކުށްކުރުން ޖިންސީ ކުށްކުރުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.