ޖޯ ބައިޑެން 2011 ވަނަ އަހަރު ސައުދީ އަރަބިއާގެ ރިޔާދަށް ކުރެއްވި ދަތުރުފުޅުގެތެރެއިން

ހަބަރު

ތަޖުރިބާ ކުރެވިފައިވާ ނާކާމިޔާބު ސިޔާސަތު މެދުއިރުމައްޗަށް އަލުން އިއާދަކޮށްގެން ބައިޑެން އަށް ހޯދޭނެ ކާމިޔާބެއް ނެތް!

އަލީ އިބްރާހިމް - އެމެރިކާ | 12 ޖުލައި 2022 , އަންގާރަ 15:44 1   408

އެމެރިކާގެ ރައީސް، ޖޯ ބައިޑެން އިސްރާއީލްއަށާއި، ހިފާފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއަށާއި، ސައުދީ އަރަބިޔާއަށް އަންނަ ހަފްތާގައި ކުރައްވާ ދަތުރުފުޅެއް ކުރައްވާނެއެވެ. މިއީ، އެމަނިކުފާނު އެމެރިކާގެ ރިޔާސަތާއި ޙަވާލުވުމަށްފަހު މެދުއިރިމައްޗައް ކުރާ އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅަށެވެ.

މިދަތުރުފުޅުގެ ތެރެއިން މެދުއިރުމަތީގެ ގައުމުތަކުން އެމެރިކާގެ އަސްކަރިއްޔާ ވަކިވުމުގެ އިސްތިރާޖީތައް އަނބުރާ ގެންދެވުމަށް މަސައްކަތް ކުރައްވާނެކަމަށް ބެލެވެއެވެ. އެ އިސްތިރާޖީތަކަކީ އޮބާމާގެ ސަރުކާރުން "އެމެރިކަން ޕިވޮޓް ޓު އޭޝިއާ" (އެމެރިކާ އޭޝިއާއަށް އަމާޒު ހިފުން) ގެ ނަމުގައި ފެށި އަދި ޓްރަމްޕްގެ ޒައާމަތުގައި ވެސް ކުރިއަށް ގެންދެވި އިސްތިރާޖީތަކެކެވެ. މި ދަތުރުފުޅާކީ މެދުއިރުމަތީގައި އެމެރިކާގެ ސިޔާސަތުތަކަށް ބޮޑު ބަދަލެއް ގެންނަވާނޭ ދަތުރުފުޅެކެވެ.

ސިޔާސި ގިނަ އިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި، އޮބާމާއާއި އޭނާގެ ފަހަށް އައި ސަރުކާރުން އެމެރިކާގެ އިސްތިއުމާރީ ވިސްނުން، ބެއިޖިންގެ އިތުރުވަމުން އަންނަ އަސްކަރީ ބާރާ ކުރިމަތިލެއްވުމަށް ޓަކައި ދުރު އިރުމަތީ އޭޝިޔާއަށް ބަދަލުކުރެއްވުމަކީ އެ ސަރުކާރަށް ޖެހުނު ނުބައި ހިސާބެކެވެ.

ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމައަކީ ދުނިޔޭގެ ޓެކްޓޯނިކްސްއަށް މީގެ ކުރިން ދުވަހަކުވެސް ނުދެކޭފަދަ ބޮޑު ބަދަލެއް ގެނައި ކަމެއްކަމަށް ގިނަ ބަޔަކު ދެކޭއިރު، އެމެރިކާގެ ޚާރިޖީ ސިޔާސަތުގައި އިސްކަންދޭ ކަންތައްތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނުވާފައެވެ. ޔޫކްރެއިންގައި ހިނގަމުންދާ ހިތާމަވެރި ހަނގުރާމައާއި ގުޅިގެން، ވައިޓް ހައުސްއިން ވަނީ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކާ ދެމެދު އޮތް ދިގު މުއްދަތުގެ ގުޅުން އަލުން ދިރުވައި، ނޭޓޯ އިތުރަށް ވަރުގަދަ ކުރުމާ މެދު ވިސްނަން ފަށާފައެވެ.

ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައާއި، ޔޫރަޕްގައި ހަކަތައިގެ މައްސަލަ ބޮޑުވުމާއި، އެމެރިކާގެ ޒަމާންވީ އެކުވެރިންގެ ޕްރެޝަރު ބޮޑުވުމުގެ ސަބަބުން، މެދުއިރުމަތީގައި އެމެރިކާގެ ސިޔާސީ ބާރުވެރިކަން ކުޑަވަމުންދާ ދިއުން ހުއްޓުވައި، އީރާނުގެ ނުފޫޒު މެދުއިރުމަތީގައި ހުދޫދުކުރުމަށްޓަކައި ސާބިތުކަމެއް ނެތް ނުވަތަ ގޮތްނޭގޭ ކޯލިޝަނެއް އުފެއްދުމަށް ބައިޑަންއަށް މަޖުބޫރުވެފައިވެއެވެ.

އެހެން ގޮތަކަށް ބުނާނަމަ، ބައިޑަން މެދުއިރުމައްޗަށް ކުރައްވާ ދަތުރުފުޅުގެ ސަބަބުން، އީރާނުގެ މައްސަލައާއި، ވޮޝިންޓަންގެ އަރަބި އެކުވެރިންގެ މެދުގައި އުފެދިފައިވާ ފުން އޮޅުން ބޮޅުން ބޮޑު ދެބަސްވުންތަކުގެ މައްޗަށް އެމެރިކާގެ ރައްޔިތުން ސަމާލުކަން ދޭން މަޖްބޫރުވެފައިވާ ކަމަށް ބެލެވެއެވެ.

އިޒްރޭލުގެ މީޑިއާތަކުން އުންމީދު ކުރާ ގޮތުގައި، ބައިޑަންގެ މި ދަތުރުފުޅުގެ އެޖެންޑާތަކުގެ ތެރޭގައި، " ނުހައްދަވާ އީރާނުގެ ނުރައްކަލުން" އެ ޤަވްމުތައް ދިފާޢު ކުރާނެކަމަށްބުނެ، އެމެރިކާއަށް ތާއިދުކުރާ މެދުއިރުމަތީގެ ގައުމުތަކަށް އެމެރިކާ ވެފައިވާ ސަލާމަތީ ވަޢުދުތައް އަލުން ތަކުރާރުކުރުން ހިމެނޭނެއެވެ.

ވައިޓް ހައުސްއިންވެސް ލަފާކުރާ ގޮތުގައި، ބައިޑަންގެ މި ދަތުރުފުޅުގެ ސަބަބުން، އިސްރާއީލާއި ފާރިސީ ގަލްފް ކޯޕަރޭޝަން ކައުންސިލް [ޕީ.ޖީ.ސީ.ސީ]ގެ ޤައުމުތަކާއި (ޚާއްޞަކޮށް ސަޢޫދީ ޢަރަބިއްޔާއާއި) ދެމެދު އޮތް ހީނަރުވެފައިވާ ގުޅުން ރަނގަޅު ކުރުމުގެ މަސައްކަތް ކުރިއަރުވައި، އުރުދުން އާއި މިޞްރު ފަދަ ރައްދުދޭ ޢަރަބި ސަރުކާރުތަކާ އެކު އެމެރިކާގެ ގުޅުމަށް ޔޫ-ޓާން އެއް އަންނާނެއެވެ.

އަނެއްކޮޅުން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވުމަށް، ޚާރިޖީ ސިޔާސަތު ކާމިޔާބު ކަމަށް ދެއްކުމަށް ބައިޑަން ކުރައްވާ މަސައްކަތްޕުޅުތަކުގައި، ރިޔާދާއި ޓެލް-އަވީވްއާ ދެމެދު އީރާނާ ދެކޮޅަށް ކޯލިޝަނެއް އުފެއްދުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ބައިޑަން ބައްލަވައިލައްވާނެ ކަމަށް ބެލެވެއެވެ.

ހުޅަނގު އޭޝިޔާގައި ބަދަލުވަމުން އަންނަ އާ އިސްތިރާޖީތައް އުފަންވަމުން އައިނަމަވެސް ، އެމެރިކާގެ އިސްތިރާޖީ ސިޔާސީ ވެރިން ތިބީ ހުޅަނގު އޭޝިޔާގެ ކަންކަމުގައި އެމެރިކާ ގެންގުޅޭ ސިޔާސަތާއި މެދު އީރާން އަބަދަކު މަޑުން ތިބެދާނެކަން ނޭނގުމުގެ ތެރޭގައެވެ.

ބައިނަލްއަގްވާމީ އިޤްތިޞާދީ ބާރެއް ކަމަށްވާ ޗައިނާއާއި ދުނިޔޭގެ ވަރުގަދަ އަސްކަރީ ބާރެއް ކަމަށްރަޝިޔާއާ އެކު އީރާނުން އޮންނަ ގުޅުންތައް އިތުރުކޮށްގެން އީރާނުގެ ވެރިރަށް ތެހެރާނުން ވަނީ އެމެރިކާ އާއި އިޒްރޭލުން ރާވާފައިވާ އަނިޔާވެރި ރޭވުންތައް ނާކާމިޔާބު ކޮށްލުމަށް ބޮޑެތި ފިޔަވަޅުތަކެއް އަޅާފައެވެ. "ވޮޝިންޓަން ފްރީ ބީކަން" އިން ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ވާގޮތުން އީރާނާއި ރަޝިއާ އަދި ޗައިނާއިން 2022 އޮގަސްޓް މަހު ޓްރައިލޭޓަރަލް (ތިން ޤަވްމު ގުޅިގެން) ކަނޑުގެ އަސްކަރީ ތަމްރީންތަކެއް ކުރިއަށް ގެންދަން ގަސްތުކުރަނީ ވެނެޒުއޭލާއިން އިސްނަގައިގެން ކެރީބިއަން ކަނޑުގައެވެ. ވެނެޒުއޭލާއަކީ ގިނަ ބަޔަކު ދެކޭ ގޮތުން އެމެރިކާގެ " ބިއްދޮށެވެ".

އެނގިވަޑައިގަންނަވާނެ ފަދައިން، ދެންނެވުނު ތިން ޤައުމުގެ މައްޗަށް އެކުލެވޭ އަސްކަރީ ގުޅުމުން ތަމްސީލްކޮށްދޭ މި ދެންނެވި ކަނޑުގެ އަސްކަރީ ޙަރަކާތަކީ، އެމެރިކާއާ ދެކޮޅަށް ދުނިޔޭގެ ތިންބައިކުޅަ އެއްބައިގެ ގުޅުމެއްގެ މައްޗަށް ދެވޭ ރައްދެކެވެ. އަދި މިއީ އީރާނުގެ ޤައުމީ އަދި ސަރަޙައްދީ މަޞްލަޙަތަށް ގެއްލުންވާގޮތަށް އެމެރިކާއާއި ޒަޔަނިސްޓް-ޢަރަބި ޤަވްމުތަކުން އުފަންކުރާ ކޮންމެ ޑިޒައިނެއް ނާކާމިޔާބުކޮށްލެވިދާނެ ފަދަ ރޭވުންތަކެކެވެ.

ކޮމެންޓޭޓަރުން ބުނާ ގޮތުގައި މޮސްކޯ އާއި އެކުވެރި ގައުމުތައް ކަމަށްވާ އީރާނާއި ޗައިނާ އޮތީ އެމެރިކާގެ އައްސޭރިފަށުގެ ސަރަހައްދުތަކުގައި އެޤަވްމުތަކުގެ އަސްކަރީ ބާރުގެ މައްޗަށް، އެ އިއްތިހާދުގެ ބޮޑު "އަސްކަރީ މައުރަޒެއް" އެމެރިކާގެ ދޮރޯށި މަތީގައި ބާއްވާ، މެދުއިރުމަތީގައި އެމެރިކާއިން ގެންގުޅޭ ހަނގުރާމަވެރި އިސްތިރާޖީތައް މުޅިން ބޭކާރު ކަން އެމެރިކާއަށް ދެއްކުމަށް އަމާޒު ހިފައިގެންނެވެ.

މީގެ އިތުރުން، ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ޝާމިލުވާ "ބްރިކްސް"ގެ މެމްބަރުކަން ހޯދުމަށް އެދި، އީރާނުން ދާދިފަހުން ވަނީ އެގައުމުގެ ޖިއޯސްޓްރެޓީޖިކް މަގާމު އިތުރަށް ވަރުގަދަ ކުރުމަށް ނިންމާފައެވެ.

ބައިޑަންގެ ދަތުރުފުޅާއި ބެހޭ ގޮތުން ވައިޓްހައުސް އިން ބުރާސްފަތި ދުވަހުވަނީ ދެންނެވުނުފަދަ ދިފާޢީ ގުޅުމެއް އުފެއްދުމުގެ ވާހަކަފުޅުތައް ބައިނޑަންގެ އެޖެންޑާގައި ހިމެނޭކަން ކަށަވަރުކޮށްދެއްވާފައެވެ. އެއާއިއެކު އިރާނުންވަނީ މެދުއިރުމަތީގެ ޤަވްމުތަކުން އިސްރާއިލް ހިމަނައިގެން ފަރުމާކޮށް އުފަންކުރުވާ ދިފާޢީ ނިޒާމްގެ ރޭވުމަކީ އީރާންގެ ޤަވްމީ ސަލާމަތަށް ނުރައްކާވާނެފަދަ، އިރާން އެއަށް ރައްދު ދިނުމަށް މަގުފަހިކުރާ ޢަމަލެއް ކަމަށާއި، އެފަދަ ނިޒާމެއް ޤާއިމްކޮށްގެން އިރާންގެ ސަލާމަތަށް ނުރައްކާވާ ޙާލަތުގައި އިރާނުން އެންމެ ފަސޭހައިން ހަމަލާދެވޭ ދިމާތަކަށް ޙަމާލާދޭނެ ކަމަށް ބުނެފައެވެ.

ޚުލާސާކޮށް ބުނަން އޮތް ވާހަކައަކީ، މެދުއިރުމަތީގެ މައްސަލައަށް ޓްރަމްޕުގެ ސަރުކާރުން އިރާންގެ ބާރު ކަނޑުވާލުމުގެ ނަމުގައި ގެންގުޅުއްވި ސިޔާސަތުން ތަޅާފޮޅުމާއި މަސްލަޙަތު ނަގާލުން ފިޔަވައި ކުރެވުނު އެއްވެސް ކަމެއް ކާމިޔާބުވެފައިނުވާކަން ތަޖުރިބާ ކުރެވިފައިވާއިރު، އެފަދަ ވިސްނުންފުޅުތައް ތަކުރާރު ކުރުމަށް އެމެރިކާއިން ތަބާވެގެން ނުވާނެ ކަމަށާއި، މިއީ ވަރަށް ނާތަހުޒީބު އަދި ޙިކުމަތުން ދުރު އޮޅުން ބޮޅުން ބޮޑު ނުރައްކާތައް އެކުލެވޭ ސިޔާސަތަކަށް ވާނެ ކަމަށް ބެލެވޭ ކަމެވެ.

އެހެނީ މެދުއިރުމަތީގެ އެއްވެސް ޤަވްމަކާއި ދެކޮޅަށް ސީދާ ގޮތުން އިސްވެ އެއްވެސް ނުރައްކަލެއް އީރާނުން ކުރިމަތި ކުރަމުން ނުދާކަމަށް އީރާނުން ބުނާއިރު، އިސްރާއިލް އިސްވެ އިރާނުގެ ސައިންސްވެރިން މެރުމާއި ތަންތަނަށް އެކިވަރުގެ ގެއްލުންތައް ދެމުންދާ ދިއުމަށް އީރާނުން ސިދާ ގޮތުން ރައްދު ދީފާނެތީ، މިއީ އީރާނުގެ ނުރައްކާ މެދުއިރުމަތީގެ ހުރިހާ ޤަވްމަކަށް އޮތްކަމަށް ދައްކައިގެން އިސްރާއިލް ހިމާޔަތް ކުރުމަށް އެމެރިކާ އާއި އިސްރާއިލް ކުރިއަށް ނެރޭ ސިޔާސަތުތަކެއްކަން އިރާނާއި އެ ޤަވްމުގެ އެކުވެރި ޤަވްމުތަކަށް އެނގެއެވެ.

އެހެންވެ އިރާނުން އިސްރާއިލް އަށް ރައްދު ދިނުމުގައި އަރަބި އެއްވެސް ޤަވްމެއް އެކަމަށް ހުރަސްއަޅާ ނުވަތަ އީރާނަށް ހަމަލައެއް ދިނުމަށް އިސްރާއިލް އަށް ޢަމަލީ ގޮތުން ވާގިވެރިވެއްޖެނަމަ މީގެ ސަބަބުން މެދުއިރުމަތީގެ ޤަވްމުތަކަށާއި އެމެރިކާއަށް ޙަޤީޤީ އީރާނުގެ ނުރައްކާ ސީދާ ގޮތުން ކުރިމަތިވާނޭކަމީވެސް ތެދެކެވެ.

އަލްއުސްތާޛު ޢަލީ އިބްރާހިމް އަކީ މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީ ގެ ޕަބްލިކް އިންޓަރނޭޝަނަލް ލޯ ޕާރޓް ޓައިމް ލެކްޗަރަރއެކެވެ. އޭނާއަކީ ޤާނޫނީ ވަކީލެއްގެ އިތުރުން ބައިނަލްއަޤްވާމީ ގުޅުންތަކާއި ސިޔާސީ އިޖްތިމާޢީ ދާއިރާއިން ލިޔުއްވަމުން ގެންދަވާ ފަރާތެކެވެ.

މިލިޔުމާއި ގުޅޭ :

ބައިޑެންގެ މެދުއިރުމަތީ ދަތުރުން އެމެރިކާގެ ދެރަވަރުކަން ބެލުންތެރިންނަށް ދައްކާލައިފި!

ޓެގްސް: މެދުއިރުމަތި އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.