ޖަޕާނުގެ ޕާލަމަންޓްގެ މަތިގޭގެ އިންތިހާބުން މިވަގުތު އެ ގައުމުގެ ވެރިކަން ކުރަމުން އަންނަ ލިބަރަލް ޑިމޮކްރަޓިކް ޕާޓީ (އެލްޑީޕީ) އިން ބޮޑު އަގްލަބިއްޔަތަކުން ކާމިޔާބު ކޮށްފިއެވެ. މިއީ ޖުލައި 8 ވަނަ ދުވަހު އަވަހާރަކޮށްލެވުނު އެ ޕާޓީގެ އެންމެ ނުފޫޒުގަދަ އެއް ލީޑަރު ކަމަށްވާ ޝިންޒޯ އަބޭގެ މަރުގެ ހިތާމައިގެ ތެރެއިން އެ ޕާޓީއަން ލިބިގެންދިޔަ ބޮޑު ހިތްވަރެކެވެ.

ޖަޕާންގެ ޕާލަމެންޓްގެ މަތީގޭގައި ޖުމުލަކޮށް ހިމެނެނީ 248 މެންބަރުންނެވެ. އެއާއެކު ޕާލަމެންޓްގެ މަތިގޭގެ އިންތިޚާބު އޮންނަނީ ދެ ބަޔަކަށް ބެހިފައެވެ. މިގޮތުން އެއްފަހަރު ބާއްވަނީ 125 ގޮނޑީގެ އިންތިޚާބެކެވެ. އަދި ދެވަނަ ފަހަރު 123 ގޮނޑީގެ އިންތިޚާބެކެވެ. މިގޮތުން މި އިންތިހާބުގެ ކުރިން ބޭއްވުނު 123 ގޮނޑީގެ އިންތިހާބު ކާމިޔާބު ކޮށްފައިވަނީ އެލްޑީޕީ އިންނެވެ.
މިފަހަރު ބޭއްވުނު 125 ގޮނޑީގެ އިންތިހާބު އެލްޑީޕީން ކާމިޔާބު ކޮށްފައި މިވަނީ، އިންތިޚާބުގައި ވާދަކުރި 125 ގޮނޑީގެ ތެރެއިން 63 ގޮނޑި ކާމިޔާބު ކޮށްގެންނެވެ. އަދި އެލްޑީޕީ އާއެކު ކޯލިޝަން ހަދާފައިވާ ކުޑަ ޕާޓީއެއްކަމަށްވާ ކޮމޭޓޯއިން ވަނީ 12 ގޮނޑި ކާމިޔާބުކޮށްފައެވެ. މިއާއެކު ޖުމުލަ ކޮށް އިންތިޚާބުގައި އެލްޑީޕީ ގެ ކޯލިޝަނަށް 125 ގޮނޑީގެ ތެރެއިން 75 ގޮނޑިވަނީ ލިބިފައެވެ.
މިއީ 2013 ވަނަ އަހަރަށްފަހު އެލްޑީޕީއަށް އިންތިޚާބެއްގައި ލިބުނު އެންމެ ބޮޑު ކާމިޔާބީކަން ފާހަގަކޮށްލެވެއެވެ. މިކާމިޔާބީ އާއެކު ޖަޕާނުގެ ޕާލިމެންޓުގެ އަގްލަބިއްޔަތު ލިބި އެ ގައުމުގެ ގާނޫނު އަސާސީއަށް ގެންނަން ބޭނުންވާ އިސްލާހުތައް ގެނައުމަށް ޖަޕާނުގެ ސަރުކާރަށް ފަސޭހަވެގެން ދާނެއެވެ.