ޝާއިރުންގެ ވާދީން ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގައި ބައިވެރިވި ބައެއް ކުދިން

ހަބަރު

އައްޑޫ އީދި ސަމާ ގައި ޝާޢިރުންގެ ވާދީން ބައިވެރިވެ ހިންގި ޙަރަކާތްތަކުގެ ނިމުން ފާހަގަ ކޮށްފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 16 ޖުލައި 2022 , ހޮނިހިރު 21:58   437

އައްޑޫސިޓީކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި އީދިސަމާ 1443ގައި ޝާޢިރުންގެ ވާދީން ބައިވެރިވެ ހިތަދޫގައި ހިންގި ޙަރަކާތްތަކުގެ ނިމުން ފާހަގަ ކޮށްފިއެވެ. އެކަމަށްޓަކައި ހިތަދޫ މޫލެކެޑެ ދޮންކަލޯ ޕާކުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އައްޑޫސިޓީގެ މޭޔަރ ޢަލީ ނިޒާރެވެ.

މި ރަސްމިއްޔާތުގައި ޝާޢިރުންގެ ވާދީގެ ރައީސް ޙަސަން ލަބީބާއި، އީކުއޭޓަރ ވިލެޖްގެ މެނޭޖަރ މުޙައްމަދު ވަޙީދުގެ އިތުރުން އައްޑޫގެ ބައެއް މުވައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މިރަސްމިއްޔާތުގެ ތެރޭ ވަނީ ސަގާފީ މަހުރަޖާންގެ ބައިވެރިންނާއި އެހަރަކާތަށް އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކުގެ އަގު ވަޒަންކޮށް އެފަރާތްތަކަށް ހަނދާނީ ފިލާ އާއި ހަނދާނީ ލިޔުން ދީފައެވެ.

އީދި ސަމާގައި ޝާޢިރުންގެ ވާދީން ބޭއްވި ސަގާފީ މަހުރަޖާން ޝޯވ އިން ގުރުއަތުން ހޮވުނު ފަރާތްތަކަށް އިނާމް ޙަވާލު ކުރުން ވެސް އޮތެވެ. އެގޮތުން ދިރާގުގެ 5 ޖީބީ ޑޭޓާ ބޯނަސް އިނާމް ޙާސިލް ކުރެއްވި 11 ފަރާތަކީ ޢަލީ އަސްޢަދު ، ފާތިމަތު އިބްރާހީމް ،މުޙައްމަދު ޔާލް ޝަޒަން، ލީމް، ސާހާ ނަސީމް، ޙައްވާ ސާރިޔާ، ރޫޔާ ޢަބްދުﷲ، އާޔާ ނަސީމް، މާން ، އަޒާން އަދި ޝަބާ އެވެ. މި ގުރުއަތުން އީކުއޭޓަރ ވިލެޖްގެ އިނާމް ޙާސިލް ކުރީ އެންމެ 2 އަހަރުގެ ޢަބްދުﷲ ޢައުފް އަޙްމަދު އާދަމް އެވެ. އީކުއޭޓަރ ވިލެޖުންވަނީ ޢައުފްގެ ޢާއިލާއަށް އީކުއޭޓަރ ވިލެޖްގެ ޕޫލް ބޭނުން ކުރުމުގެ ފުރުސަތާއި އެކު މެންދުރުގެ ކެއުމެއް ހަދިޔާ ކުރައްވާފައެވެ. މި ގުރުއަތުގައި ޓައިޓޭން މޯލްޑިވްސް ގެ ޚާއްސަ އިނާމް ވެސް 1 ބޭފުޅަކު ޙާސިލް ކުރެއްވިއެވެ. ޚާއްސަ އިނާމްގައި ހިމެނޭ ރައިސް ކުކަރ ލިބުނީ މަރިޔަމް އިބާ ޢަލީ އަށެވެ. އިބާ ވަނީ އެރޭގެ އިތުރު ގުރުއަތެއްވެސް ކާމިޔާބު ކޮށްފައެވެ. އެއީ މިހިނގާ ޖުލައި މަހުގެ 28 އިން 30 އަށް އައްޑޫސިޓީގައި ބާއްވާ ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ ގެ އެމްބެސެޑަރ، މިސް ސާބިޔާ އަންޖާ ރެޑިކް އާއެކު ފޮޓޯ ނެގުމުގެ ފުރުސަތެވެ. އިބާގެ އިތުރުން މި ފުރުސަތު ލިބުނު އަނެއް ދެ ފަރާތަކީ ޒުލްކިފްލި ނަދީމް އާއި ޒިހުމް އެވެ.

ޝާޢިރުންގެ ވާދީން ބޭއްވި ސަގާފީ މަހުރަޖާން އަކީ ޒަމާނުއްސުރެ އައްޑޫސިޓީގައި ޢީދު ފާހަގަ ކުރަމުން އައި ގޮތް ދައްކާލުމާއެކު ޢީދުފަދަ މުނާސަބާތަކުގައި ބާއްވާ ލިބާސް ލެއްވުމާއި، ކުޅެއުޅުނު ކުޅިވަރުތަކާއި، "އިސްލާން" ކުރުމާއި ކެއިންބުއިމުގެ އާދަތައްފަދަ ކަންކަން އޮންނަ ގޮތް ދައްކައިދީ، އެކަންކަމުގެ ތާރީޚީ މަޢުލޫމާތު ހިމަނައިގެން ކުޅެފައިވާ ސްޓޭޖް ތަމްސީލު ތަކެކެވެ. މިތަމްސީލު ތަކުގައި ޙަރަކާތްތެރިވީ އައްޑޫ ހައި ސްކޫލާއި، ނޫރާނީ ސްކޫލާއި، ޝަރަފުއްދީން ސްކޫލްގެ ދަރިވަރުންގެ އިތުރުން ހިތަދޫއާއި މަރަދޫގެ އެކި އުމުރުފުރާތަކުގެ ކުދިންނެވެ. އައްޑޫސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖުން ލައިވް ކުރި މަހުރަޖާން ޝޯވ ގެ ތެރޭ ވަނީ އައްޑޫސިޓީގައި މުޅިން އަލަށް އުފެއްދި އާރްބީ ޖޭމް ބޮޑުބެރު ގްރޫޕްގެ ފޯރި ގަދަ ހުށަހެޅުންތަކެއް ދައްކުވައި ދީފައެވެ. އައްޑޫގެ ގިނަ ޢަދަދެއްގެ މީހުން ނާއެކު ސިޓީ ސްކުއަރ ގައި ބޭއްވި އެޝޯވ ގައި ދައްކުވައިދިން ސަގާފީ ހަރަކާތްތައް ވަނީ ގިނަ ބަޔަކަށް ކަމުގޮސްފައެވެ.

އަޟްޙާ ޢީދު ފާހަގަ ކުރުމަށް ހިތަދޫގެ އިތުރުން މީދޫގައި ވެސް ވަނީ ޝާޢިރުންގެ ވާދީގެ ގިނަ ޕްރޮގްރާމްތަކެއް ހިންގާފައެވެ. ޅެންވެރިކަމުގެ އިތުރުން ، ދިވެހި އަދަބާއި ތާރީޚާއި ސަގާފަތް ދިރުވާ އާލާކުރުމުގެ މަގުސަދުގައި ހިންގާ ޝާޢިރުންގެ ވާދީން މ. އަތޮޅުގައިވެސް އީދުބަންދުތެރޭ ސަގާފީ ޙަރަކާތްތަކެއް ހިންގާފައިވެއެވެ.

އީދި ސަމާ ސަގާފީ މަހުރަޖާންގެ މެއިން ސްޕޮންސަރަކީ ނޫރައްދީން އިންވެސްޓްމެންޓް އެވެ.

ޓެގްސް: ޢީދު ފާހަގަކުރުން ބަސް ސަގާފަތް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.