އެމެރިކާގެ ރައީސް ޖޯ ބައިޑެން އިޒްރޭލްގެ ބޮޑުވަޒީރާއިއެކު

ދުނިޔެ

ބައިޑެންގެ މެދުއިރުމަތީ ދަތުރުން އެމެރިކާގެ ދެރަވަރުކަން ބެލުންތެރިންނަށް ދައްކާލައިފި!

އަލީ އިބްރާހިމް - އެހެނިހެން | 17 ޖުލައި 2022 , އާދީއްތަ 14:20 2   575

ޙަރަކާތްތެރިނުވެވޭ ފަރާތެއް ރައީސަކަށް ނެގުމަށްފަހު، ޤަވްމުން ބޭރަށް ވައިގެ މަގުން ފޮނުއްވާ، ރަނގަޅަށް މަސައްކަތް ނުކުރާ ޤަވްމެއްގެ ޙަރަކާތްތެރި ނުވެވޭ ސަރުކާރަކާއި ބައްދަލުކުރުވާ، އެފަރާތްތަކާއިއެކު ޢަމަލް ކުރެވެންނެތް ސިޔާސަތުތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރުވުމުން ވާނީ ކިހިނެއްތޯއެވެ؟ އެއްވެސް ކަމެއް ޙާސިލްނުވާނީއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން އިސްރާއިލް އަށް ދަތުރުކޮށް އެ ޤަވްމުގެ އިންތިޤާލީ ބޮޑުވަޒީރާއި ބައްދަލު ކުރައްވައި ދުނިޔޭގެ ބާރުތަކާއި މެދު އޮތް އީރާނުގެ ނިއުކްލިއަރ އެއްބަސްވުމަށް (ޖޭސީޕީއޯއޭ) އެމެރިކާ އެނބުރި އައުމަށް ކުރާ މަސައްކަތާއި ގުޅޭ ގޮތުން ކުރެއްވި މަޝްވަރާއިން ފާޅުވީ ސީދާ އެފަދަ މަންޒަރެކެވެ.

އީރާނުގެ ނިއުކްލިއަރ އެއްބަސްވުން ހިނގަމުންދާ ގޮތާއި ގުޅޭ ގޮތުން ތާރީޚީ ގޮތުން ލިބޭ ފިލާވަޅަށް ޚުލާޞާކޮށް ބަލާއިރު، މި އެއްބަސްވުމުގެ ނަމަކީ ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން، (JCPOA) އެވެ. މި އެއްބަސްވުމުގެ ބައިވެރިންނަކީ އީރާނާއި، އދ.ގެ ސަލާމަތީ މަޖްލިސް ގެ ދާއިމީ 5 މެމްބަރުންނާއި، (އެމެރިކާ،ރަޝިޔާ،ޗައިނާ،ފްރާންސް،އިނގިރޭސިވިލާތް) އަދި ޖަރުމަންވިލާތެވެ.

މި އެއްބަސްވުން އެމެރިކާ އިސްވެ އޮވެ ފަރުމާކޮށް ވުޖޫދުކޮށް އެއްބަސްވެ ސޮއިކޮށް ޙަޤީޤަތަކަށް ހައްދަވާ އޭގެ މޭވާ ލިއްބައި ދެއްވީ ރައީސް ބަރަކް އޮބާމާގެ ޒަޢާމަތުގައި 2015 ވަނަ އަހަރުގައެވެ. މި އެއްބަސްވުމުން އީރާނަށް ލިބެނީ އިރާނަށް އަޅާފައިވާ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއިއެކު ދުނިޔޭގެ އިޤްތިޞާދާއި އަލުން އިރާން ގުޅިގެން އިޤްތިޞާދީ ފައިދާ އިރާނަށް ލިބިދިނުމެވެ. ބަދަލުގައި އީރާނުން އެއްބަސްވަނީ ނިއުކްލިއަރ މަރުކަޒުތައް އދ ގެ ކަމާއި ބެހޭ އިދާރާއިން ބަލާ މޮނިޓަރ ކުރުމުގެ ފުރުޞަތު ދިނުމާއިއެކު މަދަނީ ނިއުކްލިއަރ ކުރިއެރުން އިރާން ހޯދުން ހުއްދަވުމާއިއެކު، އެ ކުރިއެރުމުގައި ޔޫރޭނިއަމް ސާފުކުރުމުގެ މިންގަނޑު 3.67 ޕަސެންޓް އަށް ވުރެން މަތިނުކުރުމަށާއި އެ މިންވަރަށް ސާފުކުރެވިފައިވާ 300 ކިލޯ ޔޫރޭނިއަމް އަށްވުރެން ގިނައިން ސްޓޮކް ނުބެހެއްޓުމަށެވެ. އެއީ މަދަނީ ބޭނުންތަކަށް އެމިންވަރު ފުދޭނެކަމަށް އެއްބަސްވެވެގެންނެވެ.

އެއަށްފަހު އެއްބަސްވުމުގެ ބައިވެރިން އެއްބަސްވުމާއި އެއްގޮތަށް ޢަމަލްކުރަމުން ދަނިކޮށް 2018 ވަނަ އަހަރު ކުއްލި ގޮތަކަށް ރައީސް ޓްރަމްޕް ވަނީ އިސްރާއިލް ގެ ހުށަހެޅުންތަކަށް ބިނާކޮށް އެ ޤަވްމުގެ ޕްރެޝަރ އާއި ހެދި ދެންނެވުނު އެއްބަސްވުމަކީ ބޭކާރު އެއްޗެއް ކަމާއި އެ އެއްބަސްވުމުގެ ދަށުން އީރާން ނިއުކްލިއަރ ހަތިޔާރު ހޯދުން ހުއްޓުވުމުގެ ބަދަލުގައި ނިއުކްލިއަރ ޤަވްމަކަށް ވުމަށް ދުނިޔޭގެ ބާރުތަކުން އިޢްތިރާފް ދިނުމެއް ކަމަށާއި، އެއީ އެމެރިކާއަށް ހެދުނު ގޯހެއް ކަމަށް ބުނެ އެމެރިކާ އެ އެއްބަސްވުމުން ބޭރުވެ، އިރާނުގެ ތެޔޮ ގަތުމާއި ދެކޮޅަށް އެމެރިކާ އިން މެކްސިމަމް ޕްރެޝަރ (maximum pressure) ގެ ނަމުގައި ދަތި ކުރުމުގެ ފިޔަވަޅުތައް އެޅިއެވެ.

އެހިސާބުން ފެށިގެން އިރާނުން އަމަލްކުރި ގޮތުން އެމެރިކާއާއި އިސްރާއިލް ވެސް އެ ނިންމުމާއި ދޭތެރޭ ފިކުރު ބޮޑުވިއެވެ. އެއީ އީރާނުން ދެންނެވުނު ޔޫރޭނިއަމް ފައްކާ ކުރުމުގެ މިންގަނޑުތައް މައްޗަށް ޖައްސާ ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް މަގުފަހިވާފަދަ ޤާބިލް ކަމާއި ގާތަށް ޖެހެން ފެށުމުން ހުއްޓުވޭނެ ގޮތެއް ނެތިގެންނެވެ. ހަމައެއާއިއެކު އެމެރިކާގެ ނިންމުން ޔޫރަޕްގެ އިއްތިހާދާއި އެއްބަސްވުމުގެ އަނެއް 5 ބައިވެރިންނަށް މަޤްބޫލް ނުވެ އެމެރިކާގެ ޒަމާންވީ އެކުވެރި ބާރުގަދަ ޔޫރަޕްގެ ދަވްލަތްތަކާއި ފުށުއެރުންތައް ގިނަވެ، އެމެރިކާއާއި އިސްރާއިލް ދުށް ގޮތަށް އެމެރިކާގެ ނިންމުން ފުރިހަމައަށް ތަންފީޒުކުރުމަށް ހުރަހަކަށްވިއެވެ.

ހަމައެއާއިއެކު އިރާނުން އެމެރިކާ އާއި އިސްރާއިލް އަށް އިތުރަށް ޕްރެޝަރ ކުރުމަށް އާދަޔާއި ޚިލާފަށް ޔޫރޭނިއަމް ފައްކާ ކުރަން ފެށިއެވެ. އަދި ހަމައެއާއިއެކު އެމެރިކާއިން އެޅި ދަތި ކުރުމުގެ ފިޔަވަޅުތަކަށް ޔޫރަޕުން ޢަމަލް ނުކުރާނެކަން އެންގުމުން އީރާންއާއިއެކު ތެލުގެ ވިޔަފާރި ހިންގާ ކޮންމެ ބަޔަކާއިއެކު އިސްތިސްނާއެއްނެތި ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް އެމެރިކާއިން ނިންމުމުން ޔޫރަޕްގެ ޤަވްމުތަކުންވެސް އިރާން އަށް ލިބިގެންވާ އިޤްތިޞާދީ ޙައްޤުތަކަށް ފުރަގަސްދިނެވެ.

އަދި ހަމައެއާއިއެކު އެމެރިކާ އިސްވެ އޮވެ އިރާނަށް އދ ގެ ސަލާމަތީ މަޖްލިސް މެދުވެރިކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ކުރި މަސައްކަތުގައި އެމެރިކާއަކީ އެހިނދު އިރާނުގެ ނިއުކްލިއަރ އެއްބަސްވުމުގެ ބައިވެރިއަކަށް ނުވާތީ އެ އެއްބަސްވުމުގެ ދަށުން އަޅަން އެދެވިދާނެ އެފަދަ ފިޔަވަޅަކަށް އެމެރިކާއަށް އެދެވޭނެ ޙައިސިއްޔަތެއް ނެތްކަމަށް ކަނޑައަޅައި އެކަން ފަނުފުލުން ގޮސްފައިވެއެވެ.

ނަތީޖާއެއްގެ ގޮތުން އިރާނުން އެމެރިކާގެ ހަތުރުންނަށް އެކި ގޮތްގޮތުން ތެޔޮ ވިއްކައިގެން އިރާންގެ އިޤްތިޞާދު ހިފަހައްޓައި، ނިއުކްލިއަރ ރޭސް މެކްހަށް ޖަހާ 60 ޕަސެންޓް އަށް ޔޫރޭނިއަމް ފައްކާ ކުރަން ފަށައި، އެމެރިކާއާއި އިސްރާއިލް އިރާނަށް ނިއުކްލިއަރ ހަތިޔާރެއް ނުލިބޭނެ ކަމަށް ބުނާ ބުނުމާއި ދިމާ އިދިކޮޅަށް އިރާން ނިއުކްލިއަރ ރޭސް ހަލުއިކުރިއެވެ.

އިރާން އެވަރުންވެސް އެ އެއްބަސްވުމުން ބޭރުނުވެ އޭގައިވާ ގޮތަށް އަނެއް ބައިވެރިން ވާޖިބް އަދާ ނުކުރާ ޙާލަތުގައި އީރާންއަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުން ދެންނެވުނު ފިޔަވަޅުތައް އަޅަމުންދާތީ އީރާން ހުއްޓުވެން އޮތްހާވެސް ގޮތަކީ އެ އެއްބަސްވުމަށް އެމެރިކާ ރުޖޫޢަވެގެން ކަމަށް ޔޫރަޕާއި އެމެރިކާއާއި އިސްރާއިލްގެވެސް ބައެއް އިސްތިރާޖީ ވެރިން ދެކެން ފެށިއެވެ.

އެހެން އެކަން އޮއްވާ މި މައްސަލައިގެ ސަބަބުންނާއި ޓްރަމްޕް ގެންގުޅުއްވާ އެމެރިކާގެ ބައިނަލް އަޤްވާމީ އެކަހެރި މަޤާމްގެ ސަބަބުން އެމެރިކާގެ އެތެރޭގެ ސިޔާސީ ކަންކަން ބަދަލުވެ ޓްރަމްޕްގެ ސަރުކާރުގެ މައްޗަށް ބައިޑެން ކާމިޔާބު ހޯއްދެވީ އީރާންގެ ނިއުކްލިއަރ ރޭސް ހުދޫދު ކުރުމަށް އޮތް މަގަކީ އެ އެއްބަސްވުމަށް އެމެރިކާ ވަނުން ކަމަށާއި، އެމެރިކާ އެ އެއްބަސްވުމުން ނިކުތް ނިކުތުމަކީ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ދައްކައިގެންކަން ފާހަގަވެއެވެ.

އެމެރިކާއިން އިސްރާއިލް ގެ ވަހުމްތަކަށް ދީލާލައި 2018 ވަނަ އަހަރު ދެންނެވުނު ނިއުކްލިއަރ އެއްބަސްވުމުން އެމެރިކާ ވަކިވުމުން އިރާނަށް ނިއުކްލިއަރ ރޭސް ހަލުއިކުރުމަށް އިތުރު އެއްވެސް މޮނިޓަރިންގ މެކޭނިޒަމެއް ގެ ބާރެއް ނެތި ފުރުޞަތު ލިބިގެން ދިޔައެވެ. މި ގޮތުން 2022 ވަނަ އަހަރު މެއި މަހުގެ ނިޔަލަށް އިރާންގައި 5 ޕަސެންޓް ގެ ސާފުކުރި ޔޫރޭނިއަމް 1000 ކިލޯ އާއި 20 ޕަސެންޓް ސާފުކޮށްފައިވާ 238 ކިލޯ އާއި 60 ޕަސެންޓް އަށް ސާފުކޮށްފައިވާ 43 ކިލޯ ހުރިކަމަށް ރިޕޯރޓް ކުރެވިފައިވެއެވެ.

އެހެންވުމާއިއެކު އިރާނަށް މިހާރު ނިއުކްލިއަރ ހަތިޔާރެއް އުފެއްދުމަށް ބޭނުންވާ މިންވަރަށް ޔޫރޭނިއަމް ސްޓޮކް ލިބިފައިވާއިރު ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ސާފުކުރަންޖެހޭ 90 ޕަސެންޓް އަށް ސާފުކޮށްލުމަކީ އިރާނަށް މަދު ދުވަސްތަކެއްގެ ތެރޭގައި ފުރިހަމަ ކުރެވޭނެ ކަމެއްކަމަށް ދިރާސާވެރިން ވިދާޅުވާއިރު، އިރާން ނިއުކްލިއަރ އެއްބަސްވުމުގެ އެންމެ އަސާސީކަމަކީ ދެންނެވުނު ފުރުޞަތު އިރާނަށް ބަންދުކުރުމާއިއެކު އދ ގެ ކަމާއި ބެހޭ އިދާރާ މެދުވެރިކޮށް މެދުނުކެނޑި ފާރަލައި ރިޕޯރޓް ކުރަމުންދިއުން ކަމަށްވާއިރު، އެމެރިކާގެ މި ނިންމުންތަކުން މުޅި މެދު އިރުމައްޗަށްވެސް ނުރައްކާވެފައިވާ ކަމަށް ބައެއް ދިރާސާވެރިން ދެކެއެވެ.

މީގެ އިތުރުން އިރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދަން އުޅޭ ކަމަށް އިސްރާއިލް ތާއަބަދު ބުނަމުންދާ ދިއުމަށް އިތުބާރު ކުރެވޭ ފަދަ އެއްވެސް ރިޕޯރޓެއް މިހާތަނަށް އިސްރާއިލް އަށާއި އެމެރިކާއަކަށްވެސް ހުށަހެޅިފައި ނުވެއެވެ. މިހާތަނަށް އެގެން އޮތީ އެއީ ހަމަ ހުސް ތުހުމަތުތަކެއްކަމެވެ. އެހެންވެ އިސްރާއިލް އާއި އެމެރިކާއިން "އީރާނަށް ނިއުކްލިއަރ ހަތިޔާރެއް ނުލިބޭނެ" ކަމަށް ބުނެ ފާޅުކުރާ ޚިޔާލްފުޅުތަކަކީ އަސްލެއްގެ މައްޗަށް ވިދާޅުވާ ބަސްފުޅުތަކަކަށްވުރެން ދެއްކުންތެރި ބަސްފުޅުތަކެއްކަމަށް ފާހަގަވެއެވެ.

އެހެންވެ ބައިޑަން ވެރިކަމަށް އައުމަށްފަހު އިރާނާއިއެކު ނިއުކްލިއަރ އެއްބަސްވުން އިއާދަކުރުމަށް މަޝްވަރާފަށާފައިވެއެވެ. މިގޮތުން މިހާރު އަހަރަކާއި ގާތަށް އެވާހަކަތައް ކުރިއަށް ގެންދާ މުއްދަތު ހިނގާފައިވާއިރު، އެވާހަކަތަކަށްވެސް އިސްރާއިލް އާއި މެދުއިރުމަތީގެ ބައެއް ޤަވްމުތަކުން އެމެރިކާއަށް ފިއްތުންތައް ކުރިމަތިކޮށްގެން އެވާހަކަތަށް މުޅިން ފުރިހަމަ ކާމިޔާބަކާއި ހަމައަށް ވާޞިލްވެވިފައިނުވެއެވެ.

މިގޮތުން ޓްރަމްޕްގެ ޒަޢާމަތުގައި އިރާނުގެ ދަވްލަތުގެ އަސްކަރީ ގޮއްޕެއް ކަމަށްވާ އިންގިލާބީ ލަޝްކަރަކީ އެމެރިކާގެ ފޮރިންގ ޓެރަރިސްޓް ލިސްޓްގައި ހިމަނާފައިވާ ގޮތްޕެއްކަމަށްވާއިރު، އެ މުއައްސަސާއަކީ އިރާނުގެ އިޤްތިޞާދުގައި ގިނަ ކުންފުނިތަކާއި ސިނާޢަތްތަކުގައި ވަކިހިއްޕާފައިވާ ފަރާތެއްކަމުން، ނިއުކްލިއަރ އެއްބަސްވުމުން ލިބިދޭ އިޤްތިޞާދީ ފައިދާ ދެންނެވުނު އިންގިލާބީ ލަޝްކަރު އިސްތިސްނާ ކޮށްގެން ފުރިހަމަ ނުކުރެވޭނެތީ އިރާނުން އެދިފައިވަނީ އިންގިލާބީ ލަޝްކަރު އެ ލިސްޓުން އުނިކުރުމަކީ ޝަރުޠެއްކަމަށެވެ. ސަބަބަކީ އެ ލިސްޓްގައި އޮންނަ ފަރާތްތަކާއިއެކު އިޤްތިޞާދީ މާލީ މުޢާމަލާތް ކުރަން ބައިނަލްއަޤްވާމީ މުއައްސަސަތަކަށާއި އެމެރިކާގެ ނުފޫޒު އޮންނަ ޤަވްމުތަކަށް އެމެރިކާ ބާރުއަޅައިގެން މުޢާމަލާތް ހުއްޓުވާނެ ޙުއްޖަތަކަށްވާނެތީއެވެ.

ނަމަވެސް އިސްރާއިލް އާއި މެދުއިރުމަތީގެ ބައެއް ޤަވްމުތަކުން އެފަދަ ފިޔަވަޅެއް އެމެރިކާއިން އަޅައިގެން ނުވާނެ ކަމަށް އަންގަމުންދާއިރު، ބައިޑން ވަނީ އެ ނުކުތާއާއިމެދު އަމަލްކުރާނެ ގޮތެއް ނުފެނި އިރާނާއިއެކު އެއްބަސްވުމަކަށް ނާދެވިފައިކަން ފާހަގަކުރެވެއެވެ. ނަމަވެސް، އަދިވެސް އެވާހަކަތައް ހުއްޓިފައި ކުރިއަށްގޮސްފައި އެފަދަ ގޮތަކަށް ކުރިއަށްދާކަމަށް އެމެރިކާއާއި އިރާނުން ބުނެފައިވެއެވެ.

މިގޮތުން ބައިޑެން ގެ ދަތުރުފުޅުގައި އިސްރާއިލްގެ އިންތިޤާލީ ބޮޑުވަޒީރު ލެޕިޑް ވަނީ އިސްރާއިލްގެ ނިންމުމަކީ އިރާނަށް ނިއުކްލިއަރ ހަތިޔާރު ދުވަހަކުވެސް ލިބުން ހުއްދަނުވުން ކަމަށް ވިދާޅުވެފައެވެ. ހަމައެއާއިއެކު ބައިޑަންގެ ވާހަކަފުޅުގައި އެއަށް އިޢްތިރާފް ދިނުމުގެ ގޮތުން "ނިއުކްލިއަރ އިރާނެއް ނޯންނާނެ" ކަމަށް ވިދާޅުވެފައިވެއެވެ. މި ގޮތަށް މި ދެބޭފުޅުން ބަޔާން ކުރެއްވުމަށްފަހު އިރާނަށް ނިއުކްލިއަރ ހަތިޔާރެއް ލިބުން ހުއްދަނުކުރުމަށް އެމެރިކާ އާއި އިސްރާއިލް ވަޢުދުވެ އިޤްރާރެއްގައި ސޮއިކޮށްފައިވެއެވެ.

މީގެ އިތުރުން ބައިޑެން އިސްރާއިލް ގެ މީޑިއާގައި އިރާން އަށް ނިއުކްލިއަރ ހަތިޔާރު ލިބުން ހުއްޓުވުމަށް އެންމެ ފަހުގެ އިޚްތިޔާރަކަށް "ބާރު" (އަސްކަރީ ބާރު) ގެ ބޭނުން ކުރައްވަން ޖެހިއްޖެނަމަ އެކަންވެސް ކުރައްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ބައިޑަން އަށް މި ވިސްނުން ކުރިއަށް ނެރެން މުހިއްމުވީ އިސްރާއިލް ރުއްސުމަށް ކަމަށް ބެލެވެއެވެ. އެއީ އިސްރާއިލް އިން ދެކޭ ގޮތުގައި އިރާންއާއި ދެކޮޅަށް އެމެރިކާއިން އަސްކަރީ ބާރުގެ ބޭނުން ކުރުމުގެ އިޚްތިޔާރު މޭޒުމަތީގައި އޮތްކަން ބަޔާންކޮށްފިނަމަ އިރާން އެކަމަށް ޖެހިލުންވެ ނިއުކްލިއަރ ރޭސް ހުދޫދުކޮށްފާނެއެވެ. ނަމަވެސް، އިރާންއަކީ މިހާތަނަށް މިފަދަ އެތަށް އިންޒާރުތައް ލިބި އެއަށް ހޭނިފައިވާ ޤަވްމެއްކަން ދަނެގަންނަން އިސްރާއިލް ފަސްޖެހިފައިވެއެވެ.

މީގެ އިތުރުން އެމެރިކާގެ ރައީސް މިފަދަ ނިންމުމެއްގެ ވާހަކަ ވިދާޅުވިއަސް މިއީ ހަމަ ހުސްބުނުމެއްގެ ދަރަޖައިގައި ވިދާޅުވާ ބަސްފުޅެއްކަން ބަލައިގަންނަންޖެހޭ ސަބަބުތައް ހުރިކަން ފާހަގަވެއެވެ. މި ގޮތުން ބައިޑަންގެ ބަސްފުޅަކީ އިތުބާރު ކުރެވިދާނެ ބަސްފުޅެއްތޯ ބަލާއިރު އަންނަނިވި ކަންކަން ފާހަގަވެއެވެ.

  1. އިސްރާއިލް އިން ދާދިފަހުން އިރާންގެ ނިއުކްލިއަރ މަރުކަޒުތަކަށް ވައިގެ މަގުން ހަމަލާ ދިނުމުގެ ނަމުގައި ވައިގެ ފަރިތަކުރުމެއް ބޭއްވި ނަމަވެސް، އިސްރާއިލް ގެ ދިފާޢީ ވުޒާރާއިން ބުނާ ގޮތުން އެފަދަ ހަމަލާއެއް ދިނުމަށް ރޭވުމެއް ރާވާ ނިންމުމަށް މަދުވެގެން އެއްއަހަރު ނަގާނެއެވެ. އަދި ހަމައެއާއިއެކު އެފަދަ ރޭވުމެއް ލިބުމުން އެ ރޭވުމެއް ތަންފީޒު ކުރުމަށް ތައްޔާރުވާން މަދުވެގެން 3 އަހަރު ބޭނުންވާނެއެވެ.
  2. ބައިޑަން ހިމަނައިގެން މި ޕްލޭން އަށް ނަޒަރު ކުރާއިރު، ހަޤީގަތަކީ އިރާންގެ ނިއުކްލިއަރ އުމްރާނީ އޮނިގަނޑު އިސްރާއިލް އަށް އެކަނި މާއެކަނި ހަމަލާދީ ހަލާކުކުރެވޭ ވަރަށް ވުރެން ބޮޑު މަސައްކަތެއްކަމަށްވުމެވެ. އެހެންވެ އެކަން ކުރެވެން އޮތީ އެމެރިކާގެ މަދަދުގައި ކަމަށްވާއިރު، އިސްރާއިލްގެ ވެރިން އެހެން ވިދާޅުވަނީ އެމެރިކާގެ އެހީތެރިކަން ލިބޭނެ ކަމަށް ދެކިގެންކަމެވެ.

އެހެންވެ ބައިޑަންގެ ވާހަކަފުޅުގައި އިރާން ނިއުކްލިއަރ ހަތިޔާރެއް ހޯދަންކުރާ މަސައްކަތް ހުއްޓުވުމުގައި "ބާރު" ބޭނުންކުރުމަށް ރުހޭ ކަމަށް ވިދާޅުވީ ބައިޑަން ނުވަތަ އެމެރިކާ އަކީ އެފަދަ ޙާލަތެއްގައި އިސްރާއިލްގެ އެފަދަ ޕްލޭނެއްގެ ބައިވެރިއެއްކަމަށް ބެލިދާނެކަމަށް ވިދާޅުވާ ބަސްފުޅެއްކަމަށް ބެލެވެއެވެ.

ނަމަވެސް، ތަފާތުވާ ނުކުތާއަކީ އިސްރާއިލް އާއި އެމެރިކާ "ނިއުކްލިއަރ އިރާން" މާނަ ކުރާ ގޮތާއި ދެކޭ ގޮތް ތަފާތުވުމެވެ. އިސްރާއިލް ދެކޭ ގޮތުގައި އިރާން އިން ނިއުކްލިއަރ ހަތިޔާރެއް ނުއުފެއްދިއަސް، އުފެއްދުމުގެ ޤާބިލްކަންވެސް ނުވަތަ ބޭނުންވެއްޖެނަމަ އުފެއްދިދާނެފަދަ ޤާބިލްކަންވެސް ލިބިދިނުން ހުއްޓުވާންޖެހެއެވެ. އެއްވެސް މިންވަރަކަށް ޔޫރޭނިއަމް ފައްކާކުރުންވެސް ހުއްދަދެވިގެންނުވާނެއެވެ. އެއީ ކޮންމެ އިރެއްގައިވެސް އެފަދަ ހަތިޔާރެއް އުފައްދަފާނެ ކަމަށް ބުނެއެވެ.

ނަމަވެސް އެމެރިކާއިން ދެކޭގޮތުގައި މަދަނީ ބޭނުންތަކަށް އިރާން ގެ ނިއުކްލިއަރ ޓްކްނޮލޮޖީ ކުރިއެރުވުމުގެ ޙައްޤު އިރާނަށް އޮންނަންވާނެއެވެ. ނަމަވެސް، ނިއުކްލިއަރ ހަތިޔާރެއް އުފައްދާ ފަދަ އިތުބާރު ހުރި ޕްރޮގްރާމެއް ހިންގަން އިރާން އުޅޭނަމަ އެކަމަށް ހުއްދަދެވިގެންނުވާނެއެވެ. އެފަދަ ޕްރޮގްރާމެއް އަސްކަރީ ބާރު ބޭނުންކޮށްގެންވެސް ހުއްޓުވުމަށް އެމެރިކާ ރުހޭކަމެވެ.

ނަމަވެސް، އިރާން ދަވްލަތުން ނިއުކްލިއަރ ހަތިޔާރުފަދަ ފަނާކުރަނިވި ހަތިޔާރު އުފެއްދުމާއި ބޭނުންކުރުން މަނާކޮށް އިރާންގެ އެންމެ އިސްލީޑަރު ދީނީ ފަތުވާއެއްގެ ގޮތުގައި ނެރުއްވާފައިވާއިރު، އަދި އިރާންއިން އެއަށް ޢަމަލްކުރަމުންދާއިރު، ނިއުކްލިއަރ ހަތިޔާރު އުފައްދާން އިރާނުން ޕްރޮގްރާމެއް ހިންގާނެވެސް ޖާގައެއްނެތްކަން އިރާނުން ބުނާއިރު އެމެރިކާ ހަމަލާދޭން ބުނާ ޝަރުޠަކީ އިރާން އިން މިދެންނެވި ފަތުވާ ބާޠިލް ކުރުމަށްފަހު މެނުވީ ފުރިހަމަވާނެ ފުރުޞަތެއް އޮތް ޝަރުޠެއްނޫންކަން ފާހަގަވެއެވެ.

އިސްރާއިލް އާއި އެމެރިކާގެ ދެންނެވުނު ޚިޔާލް ތަފާތުވުމަށް ބަލާއިރު ބައިޑަން "ބާރު" ގެ ބޭނުންކޮށްގެން ނިއުކްލިއަރ އިރާން ހުއްޓުވާނެ ކަމަށް ވިދާޅުވާ ވިދާޅުވުމުގައި އިސްރާއިލް މިތައްޔާރުވާ އަދި ބަޔާން ކުރާ ޕްލޭން އާއި އަމާޒާއި އުއްމީދާއި އެއްވެސް ގޮތަކަށް ދިމާނުވާކަން ވަރަށް ސާފެވެ. އެހެންވެ ލެޕިޑް އާއި ބައިޑަން ވިދާޅުވާ މިވާހަކަފުޅަށް ބަލާއިރު، އިސްރާއިލް އުއްމީދުކުރާ ގޮތަށް "ނިއުކްލިއަރ އިރާން" ހުއްޓުވަން އެމެރިކާއާއިއެކު ގުޅިފައިވާ އަސްކަރީ އޮޕަރޭޝަނެއް ހިންގުމަކީ "މިޝަން އިމްޕޮސިބަލް" ފަދަކަމެކެވެ.

ދެންނެވުނު ފަދަ ވާހަކަފުޅުތަކުގެ ނިމޭ ހިސާބަށް ބަލާއިރު، ނިޔަތަކީ ތަންފީޒު ކުރުމުގެ ގާބިލްކަމަށް ފެތޭ އެއްޗަކަށް ވާން ޖެހޭ އިރު، އެމެރިކާއަށް މިހާރު އިރާނާއި ދެކޮޅަށް ބައިޑަން ވިދާޅުވިފަދަ އަސްކަރީ ބާރު ރުކުރުވާލުމުގެ ވާހަކަތަކުގެ ނިޔަތަށް ބަލާއިރު، އެފަދަ ނިޔަތެއް ތަންފީޒު ކުރުމަށް މާނަހުރި އަމަލެއް ކޮށްގެން ބައިޑަންގެ ވާހަކަތަކަށް ތާއީދު ކުރުމުގެ ގޮތުންވެސް އެވާހަކަފުޅު ޙަޤީޤަތަކަށް ހެދުމުގެ ގާބިލްކަން ވެސް އެމެރިކާގައި މިހާރަކު ނެތެވެ.

މިގޮތުން މިކަން ދަނެގަތުމަށް ބަލާއިރު، މެދުއިރުމައްޗަށް ފަހު އަފްޣާނިސްތާނުގައި އެމެރިކާގެ އަސްކަރީ ބާރު އޮތީ ނިކަމެތިވެފައިވާ ފައްތަރެއްގައިކަން ހަނދާނުން ދުރަށްޖައްސާލަމާ ހެއްޔެވެ. އަދި ރަޝިޔާއާއި ޗައިނާގެ ގުޅިފައިވާ ނުރައްކާތަކާ ކުރިމަތިލުމަށް، ޔޫރަޕާއި އޭޝިޔާގައި އެމެރިކާގެ އަސކަރިއްޔާ އަށް ލިބިފައިވާ އެންމެހާ ޤާބިލްކަމެއް އޭގެ އެންމެ މައްޗަށް ރުކުރުވާލެވިފައިވާކަން ހަނދާނުން ދުރަށްޖައްސާލަމާހެއްޔެވެ.

މިކަންކަން ހަނދާނުން ދުރަށް ޖެއްސުމަށްފަހު، ބައިޑަން ދަތުރުކުރައްވަނީ ކޮން ތަނަކަށްތޯ އާއި، ކީއްވެގެންތޯ ބައްލަވާށެވެ. ބައިޑަން ސަޢޫދީ ލީޑަރުންނާ ބައްދަލުކުރެއްވުމުގައި ދުނިޔޭގެ ބާޒާރުގައި ރަޝިޔާގެ ތެޔޮ ނުލިބުމުގެ މައްސަލައިން އަރައިގަތުމަށް އެހީތެރިވެދިނުމުގެ ގޮތުން ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް ސަޢުދިއަބިއާގެ އެހީތެރިކަން ހޯދުން އެޖެންޑާގައި ހިމެނޭ ކަމަށް ބައިޑަން މީޑިއާ އަށް ދާދިފަހުން ކަށަވަރުކޮށް ދެއްވާފައިވެއެވެ.

މީގެ އިތުރުން އެމެރިކާގެ ޤަވްމީ ސަލާމަތީ މުޝީރު ސުލިވިއަން، ހުކުރު ދުވަހު ވިދާޅުވެފައިވަނީ ބައިޑަން ސަޢުދީ އާއިއެކު ކުރައްވާ މަޝްވަރާގައި ސައުދީން ތެޔޮ އުފައްދާ މިންވަރު ސަޢުދީން އިތުރުކުރުވުމަށް އެއްބަސްނުވެވުނު ނަމަވެސް، ސަޢުދީ ރަސްކަން މެދުވެރިކޮށް އޯޕެކް ގެ ޖަމްޢިއްޔާއިން ތެޔޮ އުފައްދާ މިންވަރު ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އިތުރު ކުރުވުމަށް ބައިޑަން ބާރު އެޅުއްވުމަށް އުއްމީދު ކުރާކަމަށެވެ.

މިކަން މިހެން އޮތުމުން، ސަޢޫދީ ޢަރަބިއްޔާއަށް ވެސް އެނގޭ ކަމަކީ، ގަލްފުގެ ޢަރަބި އެހެން ހުރިހާ ޤައުމުތަކެކޭ އެއްފަދައިން، އިސްރާއީލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ދޭ ކޮންމެ އަސްކަރީ ޙަމަލާއެއްގެ ސަބަބުން މެދުއިރުމަތީގެ ތެޔޮ އުފެއްދުމުގެ ޤާބިލުކަންހުރި ހުރިހާ ގައުމުތަކާ ދެކޮޅަށް އީރާނުން އެކަށީގެންވާ ހަމަލާއެއް ދޭނެކަމެވެ. އެހެންކަމަށްވާނަމަ އެ ޤަވްމުތަކަކީ އިރާންގެ އެފަދަ ހަމަލާއަކުން މިއިން ޒަމާނަކު ދިފާޢުވެވެން އޮތް ޤަވްމުތަކަކަށްނުވާއިރު، އެފަދަ ނުރައްކަލަކީ ހަޤީޤީ ނުރައްކާތަކެއްކަން އެ ޤަވްމުތަކަށާއި އެމެރިކާއަށްވެސް މާރަނަގަޅަށް އެނގެއެވެ.

މިހިނދަށް ބަލާއިރު ޔޫރަޕާއި އެމެރިކާގެ ބާޒާރުތަކުން ރަޝިޔާގެ ތެޔޮ ނުލިބޭން ފެށުމުން، ތެލުގެ ސަޕްލައިއަށް ވަނީ ބުރޫއަރާފައެވެ. އެގޮތުން، ދުނިޔެއަށް ހަކަތައިގެ ބޮޑު ކާރިސާއެއް ކުރިމަތިވެފައިވާ ކަމުގެ ރަނގަބީލު ދުނިޔޭގެ ކަމާއިބެހޭ މުއައްސަސާތަކުން އަޅަމުންދާއިރު، އިސްރާއީލާއި އެމެރިކާގެ ހަމަލާއަކަށް އިރާނުން ރައްދު ޙަމަލާއެއް ދީފިނަމަ، އެފަދަ ހަމަލާއެއްގެ އަމާޒަކަށްވާނީ ސަޢޫދީ ޢަރަބިއްޔާ، ކުވައިތު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ތެޔޮ އުފެއްދުމުގެ ޤާބިލުކަން ދާއިމީގޮތެއްގައި ނެތިގެން ހިނގައިދާނެފަދަ ހަމަލާއެއް ކަމަށް ބެލެވިދާނެ ކަމަށް ތަޖުރިބާކާރުންދެކެއެވެ. މީގެ ސަބަބުން ދުނިޔޭގެ އިގްތިޞާދަށް ކޮށްފާނޭ ނޭދެވޭ އަސަރުތަކުގެ އަންދާޒާއެއް ކޮށްލައްވާށެވެ. އެފަދަ ޙާލަތެއް ގެނެސްގަތުމަށް އެމެރިކާ އާއި އެމެރިކާގެ ޔޫރަޕްގެ ބައިވެރިން ރުހޭނީ ކޮން ގޮތަކުންތޯއެވެ؟

އެހެންވެ ބައިޑެން އީރާނާއި ދެކޮޅަށް އަސްކަރީ ބާރުގެ ބޭނުން ޝަރުޠެއްގެ މަތިންވެސް ކުރުމަށް އިސްރާއީލަށް ވެވަޑައިގެންފައިވާ ހުސް ވަޢުދުތަކަކީ، ދުނިޔޭގެ ސަލާމަތީ ކަންކަމުގައި އެމެރިކާގެ ފުދުންތެރިކަމާއި ބާރުދެރަވަމުންދާކަމުގެ އިތުރު ހެއްކެކެވެ. އެހެންވެ އެމެރިކާގެ އިތުބާރަށް އަސަރުކުރާފަދަ ގޮތަކަށް މިފަދަ ބިނާއެއްނެތް ތަންފީޒު ކުރެވެން ނެތް ވާހަކަފުޅުތައް ބައިޑަން ވިދާޅުވުމުން ދެންނެވުނު ގޮތަށް ބައިޑަން ކުރައްވާ ދަތުރުފުޅުގެ ޠަބީޢަތަކީ ކޮބާކަން އިތުރަށް ސާފުވެފައިވާކަން ފާހަގަވެއެވެ. އެމެރިކާގެ ދެރަވަރުކަމާއި ނުކުޅެދުންތެރިކަން ބެލުންތެރިންނަށް ދައްކާލުން ނޫންކަމެއް ބައިޑަން މިދަތުރުފުޅުގައި ނުކުރައްވާކަމަށް ތަޖުރިބާކާރުން ދެކެއެވެ.

- - - -

އަލްއުސްތާޛު ޢަލީ އިބްރާހިމް އަކީ މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީ ގެ ޕަބްލިކް އިންޓަރނޭޝަނަލް ލޯ ޕާރޓް ޓައިމް ލެކްޗަރަރއެކެވެ. އޭނާއަކީ ޤާނޫނީ ވަކީލެއްގެ އިތުރުން ބައިނަލްއަޤްވާމީ ގުޅުންތަކާއި ސިޔާސީ އިޖްތިމާޢީ ދާއިރާއިން ލިޔުއްވަމުން ގެންދަވާ ފަރާތެކެވެ.

- - - -

މިލިޔުމާއި ގުޅޭ :

ޖޯ ބައިޑެންގެ އަނބިކަނބަލުންނާއި ދަރިކަނބަލުން ރަޝިއާގެ ބްލެކްލިސްޓަށް އަރައިފި

ތަޖުރިބާ ކުރެވިފައިވާ ނާކާމިޔާބު ސިޔާސަތު މެދުއިރުމައްޗަށް އަލުން އިއާދަކޮށްގެން ބައިޑެން އަށް ހޯދޭނެ ކާމިޔާބެއް ނެތް!

ޓެގްސް: ޚިޔާލު ކޮލަމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.