ރާއްޖޭގެ އެންމެމޮޅު އެތްލީޓުން އައްޑޫގައި ހެދިފައިވާ ސިންތެޓިކް ޓްރެކްގައި ފަރިތަކުރުން ކުރިއަށްގެންދަނީ

ހަބަރު

ގައުމީ އެތްލީޓުން ފުރަތަމަ ފަހަރަށް މާލެއިން ބޭރުގައި ކޭމްޕްކުރުން، އައްޑޫގައި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 18 ޖުލައި 2022 , ހޯމަ 11:08 1   716

އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ރާއްޖޭގައި ރާއްޖޭގެ އެންމެ ދެކުނު ކަމުގައިވާ، އައްޑޫ ސިޓީގައި ކޭމްޕްކޮށް ފަރިތަކުރުންތައް ކުރިއަށް ގެންދަން ފަށައިފިއެވެ.

އެކްސްޕްރެސް ނޫހާއި ވާހަކަދައްކަވަމުން އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ އެކްސްކޯ މެމްބަރ އަދި ޙަރަކާތްތައް ހިންގުމުގައި އިސް ފަރާތްކަމުގައިވާ އަހުމަދު ޝަޤީފް ވިދާޅުވީ މިއީ މާލެއިން ބޭރުގައި، ރާއްޖޭގެ ރަށެއްގައި ހިންގޭ މިފަދަ ފުރަތަމަ ކޭމްޕްކަމަށެވެ.

ރިވެރިން ގެ ނަމުގައި މަޝްހޫރު ރާއްޖޭގެ ކުރީގެ އެންމެ ބާރު ދުވުންތެރިޔާ ޝަޤީފް އިތުރަށް ވިދާޅުވީ އައްޑޫގައި މިވަގުތު ވިދިވިދިގެން ދެ ކޭމްޕެއް ކުރިއަށް ދާކަމަށެވެ. އެއީ ކޮމަންވެލްތް ގޭމްސް ގެ ފަރިތަކުރުންތަކާއި އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގެ ފަރިތަކުރުންތަކަށް ޚާއްސަކުރެވިގެން ހިންގޭ ދެ ކޭމްޕެވެ.

މިކޭމްޕްތަކުގައި، 16-17 އަހަރުގެ، ރާއްޖޭގެ ގައުމީ ފެންވަރުގެ 13 އެތްލީތަކު ބައިވެރިވެއެވެ. އެއީ 7 ފިރިހެން އެތްލީޓުންނާއި 6 އަންހެން އެތްލީޓުންނެވެ. މީގެ ތެރޭގައި އައްޑޫ އަށް ނިސްބަތްވާ، ދުވުމުން ރާއްޖޭގެ 400 މީޓަރު ރިކޯރޑް ހޯލްޑަރ ހިމްނާ ހަސަން ވެސް ހިމެނެއެވެ.

އައްޑޫގައި ކުރިއަށްގެންދާ ޙަރަކާތްތަކުގައި އެންމެ އިސް ކޯޗެއްގެ ގޮތުގައި ޙަރަކާތްތެރިވާނީ އެސޯސިއޭޝަންގެ ޓެކްނިކަލް ޑައިރެކްޓަރ އަހުމަދު ފާއިލް އެވެ. އޭނާގެ އިތުރުން ރާއްޖޭގެ ކުރީގެ މަޝްހޫރު ދުވުންތެރިޔާ ޔަޒްދީ ނަޝީދާގެ އިތުރުން އައްޑޫގެ 5 ކޯޗަކު ވެސް ޙަރަކާތްތެރިވާނެއެވެ.

ކޮންމެ ދުވަހަކުވެސް ދެއިރަށް ތަމްރީތައް ކުރިއަށް ގެންދާއިރު، ހުރިހާ ޓްރެއިނިންގ އެއްވެސް ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އައްޑޫގައި މިފަހުން ގާއިމްކޮށްފައިވާ ޕޮލިސް ޓްރެއިނިންގ އިންސްޓިއުޓްގައެވެ.

އަޅުގަނޑު ޓީމާއިއެކު އައްޑުއަށް ދިޔައިން ފުރަތަމަ ޓީމް ދިޔައިރު، ބަލާލަން. އަޅުގަނޑުމެން ވަރަށް ހިތްހަމަ ޖެހޭ އައްޑޫގައި ކުދިންގެ ކަންކަން ރޭވިފައިވާގޮތް. މި ފަރިތަކުރުންތައް ކުރިއަށް މިގެންދަނީ ސިންތެޓިކް ޓްރެކެއްގައި. އެއީ ހަމަ މާލޭގެ އެކުވެނީގައި އޮންނަ ކަހަލަ ޓްރެކެއް. ދެން ކުޑަކުޑަ ތަފާތުތަކެއް ހުއްޓަސް. ޓައިމިންގ އާއި ނަތީޖާތައް ރަނގަޅުވަމުންދާ ކަމަށް ދައްކަނީ.

~ އަހުމަދު ޝަޤީފް، އެތްލެޓިކްސް އެސޯސިއޭޝަންގެ އެކްސްކޯ މެމްބަރ

އެތްލެޓިކްސް ކޭމްޕް ތެރެއިން
އެތްލެޓިކްސް ކޭމްޕް ތެރެއިން
އެތްލެޓިކްސް ކޭމްޕް ތެރެއިން

އެތްލެޓިކްސް ޓީމް ކޭމްޕްކުރަމުން ދަނީ ހިތަދޫގައި ހުންނަ އަބުހަރީ ގްރޭންޑް ގެސްޓްހައުސްގައެވެ.

ޝަޤީފް ފާހަގަކުރެއްވީ، މިޙަރަކާތްތައް ކުރިއަށްދަނީ ޕޮލިސް އަދި އެމްއެންޑީއެފްގެ ވަރަށްބޮޑު އެހީތެރިކަމަކާއި އެކު ކަމަށެވެ. އަދި އަބުހަރީ ގްރޭންޑްގައި ވެސް ކަންކަން ރޭވިފައިހުރީ ވަރަށް ފުރިހަމަކޮށް ކަމަށާއި އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ ހުރިހާ ފަރާތްތަކަށް ވެސް ޝުކުރު އަދާކުރެއްވިއެވެ.

މިފަދަ ޙަރަކާތެއް ކުރިއަށް ދާއިރު ކައުންސިލްގެ އެހީތެރިކަން ލިބިފައިވަނީ ކިހާ މިންވަރަކަށްތޯ އެކްސްޕްރެސް ނޫހުން ސުވާލުކުރުމުން ވިދާޅުވީ، ކައުންސިލާއި ވާހަކަ ދެކެވިފައިވާކަމަށާއި އެކަމާއި ގުޅިގެން މިހާތަނަށް އައިއިރު އިޖާބައެއް ލިބިފައި ނުވާ ކަމަށެވެ.

މިކަމާއި ގުޅިގެން އައްޑޫ ސިޓީ މޭޔަރ އަލީ ނިޒާރު އަށް ގުޅާލުމުން ވިދާޅުވީ، އެފަދަ ރިކުއެސްޓެއް ލިބިފައިވާކަން އެނގިވަޑައިގެންފައި ނުވާކަމަށެވެ. އަދި އެތްލެޓިކްސް އެސޯސިއޭޝަނުން އެހީތެރިކަމަށް އެދިއްޖެނަމަ އެހީތެރިކަން ދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

މިކޭމްޕް ނިންމާލާނީ އަންނަ އޯގަސްޓް މަހުގެ 4 ވަނަ ދުވަހުއެވެ.

މިލިޔުމާއި ގުޅޭ :

ސާއިދު އެމެރިކާގައި، ވޯލްޑް ޗެމްޕިއަންޝިޕް ފުރަތަމަ ބުރުގައި އޭނާ ދިޔައީ ފަސްވަނައަށް

ޓެގްސް: އެތްލެޓިކްސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.