މިދިޔަ ހޮނިހިރު ދުވަހު ނިމިގެން ދިޔަ މަރަދޫ ފޭދޫ ވޮލީބޯޅަ މުބާރާތް ބްރޭވް ހާރޓްސް ވޮލީ ޓީމުން ކާމިޔާބުކޮށް ތާރީހީ ކުރިއެރުމެއް ހޯދައިފިއެވެ.
މިއަހަރުގެ ބޮޑު އީދާއި ދިމާކޮށް މަރަދޫ ފޭދޫ ކައުންސިލާއި އަވަށު އޮފީސްތައް ގުޅިގެން އިންތިޒާމުކުރި މި ވޮލީ ބޯޅަ މުބާރާތަކީ މިފަހުގެ ތާރީހެއްގައި، އައްޑޫގައި ބޭއްވިގެން ދިޔަ މިފަދަ ފުރަތަމަ މުބާރާތެވެ.
ޖުމުލަ ހަތަރު މިކްސް ކުޅުންތެރިންގެ ޓީމުން ވާދަކޮށްފައިވާއިރު، މި ޓީމް ތަކުގެ ތެރޭގައި ހިމެނެނީ ފޭދޫގެ ޓީމާއި، އައްޑޫ އެއަރޕޯޓްގެ ޓީމާއި، ބްރޭވް ހާރޓްސްގެ އިތުރުން މަރަދޫ ފޭދޫ މަފްސީ ޓީމް އެވެ.

ކޯޗް އަހުމަދު މުއައްމަރުގެ އިރުޝާދުގެ ދަށުން މި މުބާރާތް"ބްރޭވް ހާޓްސް" އިން ކާމިޔާބު ކުރީ ފައިނަލުގައި ފޭދޫ ޓީމާއި ވާދަކޮށް ކުޅެވުނު ފޯރިގަދަ މެޗަކަށް ފަހުގައެވެ. ހަމައެއާކު ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުނަތެރިންގެ މަޤާމު ހޯދީ ޖާރޒީ ބްރޭވް ހާރޓްސްގެ ޖާރޒީ ނަންބަރު 6 އާދަމް ފައިރޫޒް އާއި ބެރޭވް ހާރަޓްސްގެ ޖާރޒީ ނަންބަރު 5 މަލްދާ މަސްއޫދްއެވެ.
އެކްސްޕްރެސް ނޫހަށް މައުލޫމާތު ދެއްވަމުން ބްރޭވް ހާރޓްސް ގެ ފައުންޑާ އާމިނަތު މުޒްނީނާ (މުޒް) ބުނި ގޮތުގައި މި މުބާރާތުން މި ލިބިގެންދިޔަ ކާމިޔާބީ އަކީ ބްރޭވް ހާރޓްސްއަށް ލިބިނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
"އަހަރެމެންނަށް މިހާހިސާބަށް މިއާދެވުނީ ވަރަށް ބޮޑު ގޮންޖެހުންތަކަކާއި ކުރިމަތިލުމަށް ފަހު. އެހެންނަމަވެސް ހިތްވަރާ ހިތްމަތާއެކު ކުރެވުނު މަސައްކަތުގެ ސަބަބުން މިހިސާބަށް އަހަރެމެންނަށް މިއާދެވުނީ"، މުޒް ބުންޏެވެ.
މުޒް ބުނިގޮތުގައި އެންމެ ފުރަތަމަ ބްރޭވް ހާރޓްސް އުފެދިގެން ދިޔައީ ވެސް އަންހެން ފިރިހިން ކުޅުންތެރިން އެއްކޮށް މިކްސް ޓީމެއްގެ ގޮތުގައެވެ. އަދި ވޮލީ ދިރުވުމަށް އެ ޓީމުގެ އޮތް ނުގުޑާ އަޒުމާއެކު ކުރެވުނު މަސައްކަތުގެ ތެރެއިން ކުޅުންތެރިން އިތުރުވެ ރަނގަޅު ޓީމެއް ބިނާ ކުރެވިފައިވާ ކަމުގެ ކުލަވަރުތައް މިއަދު ފެނެންނަމުން ދާކަމުގައި އޭނާ ބުންޏެވެ.



އެންމެ ފުރަތަމަ އަހަރެމެން ބައިވެރިވީ މީދޫގައި ކުޅެވުނު ރަހުމަތްތެރިކަމުގެ މެޗް ތަކެއްގަ. އެއީ ބެރޭވް ހާރޓްސް ގެ ފެށުން. އެފަހަރު އަހަރެމެންގެ ފިރިހެން ޓީމް ބަލިވެގެންދިޔަ. ނަމަވެސް އަހަރެމެންގެ އަންހެން ޓީމް ވަނީ އެފަހަރު މީދޫ އަންހެން ޓީމް ބަލިކޮށް ފޭދޫ ޓީމްވެސް ބަލިކޮށްފަ. އަދި ފިރިހެން ޓީމް ވަރުގަދަ ކުރުމަށް މިފަހަރުގެ މި މުބާރާތައް އަހަރެމެން ޤައުމީ ޓީމުގެ 2 ކުޅުންތެރިން މިކޮޅަށް ގެނައިން. އެ ކުޅުންތެރިންނަކީ ސެންޓަރ އަށް ކުޅޭ ކުޅުންތެރިއެއް ކަމަށްވާ އާދަމް ފައިރޫޒްއާއި ސެޓާރ އަޙްމަދު ޝިމާއު
~ ބްރޭވް ހާރޓްސްގެ ފައުންޑާ އާމިނަތު މުޒުނީނާ (މުޒް)
މުޒް އިތުރަށް ވަނީ މި މުބާރާތައް ތައްޔާރު ވުމުގެ ގޮތުން އެ ޓީމުން ކުރި އިތުރު މަސައްކަތްތައް ވެސް ހިއްސާ ކޮށްފައެވެ. އެ ގޮތުން މުބާރާތައް ތައްޔާރުވުމަށް ލިބުނީ މަސްދުވަހެއް ވަރުގެ ދުވަސްކޮޅެއްކަން އޭނާ ފާހަގަކުރިއެވެ. އަދި މުބާރާތައް ފަރިތަކުރުމުގެ ގޮތުން އެ ޓީމަށް ގެނައި ކޯޗް އަހްމަދު މުއައްމަރާއި އެކު އެ ލިބުނު ވަގުތުކޮޅުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފިގެން ދިޔަ ކަމަށްވެސް އޭނާ ބުންޏެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗުގެ ލަގަބުވެސް ހާސިލްކުރީ ބްރޭވް ހާރޓްސްގެ ކޯޗު އަޙްމަދު މުއައްމަރު ކަން ފާހަގަކޮށްލެވެއެވެ.
މި ކާމިޔާބީއާއެކު ބްރޭވް ހާރޓްސްގެ އަމާޒަކީ ޤައުމީ ފެންވަރުގެ މުބާރާތްތަކާއި ލީގު ތަކުގައި ކުޅެވޭ ފެންވަރުގެ ޓީމަކަށް މި ޓީމް ކުރިއެރުވުމެވެ. އަދި އައްޑޫސިޓީގައި ވޮލީބޯލް ދިރުވާ އައު ހަރުފަތަކަށް މި ކުޅިވަރު ގެންދިއުމަކީވެސް މި ޓީމުގެ އަމާޒެކެވެ. ޓީމުގެ ފައުންޑާ މުޒް ސިފަކުރައްވަވާ ގޮތުގައި އެ ޓީމުގެ މިކާމިޔާބީއަކީ ދިމާވާ ކޮންމެ ގޮންޖެހުމަކާއި ކެރިގެން ކުރިމަތިލާ އެ ކަން ގިރާކުރުމަށް ކުރެވުނު މިންނަތް މަސައްކަތުގެ ފޮނި ނަތީޖާއެވެ. ހާއްސަކޮށް މި ކާމިޔާބީއަކީ އަންހެން ކަނބަލުންގެ ގާބިލިއްޔަތުކަމާއި ހިތްވަރު ވަރަށް ބޮޑަށް ދައްކުވާދިން ވިމެން އެމްޕަވާމަންޓަށް ލިބުނު ތާރީޙީ ކުރިއެރުމެއްގެ ގޮތުގައި އޭނާ ދެކެއެވެ. ހަމައެހެންމެ މުބާރާތް ކާމިޔާބު ކުރުމުގެ އަމާޒާއި ހަމައަށް ވާސިލުވުމުގައި ޓީމަށް އެކި ގޮތްގޮތުން އެހީތެރިވި އެންމެހައި ފަރާތްތަކަށް މުޒްގެ ވާހަކައިގައި ވަނީ ޝުކުރުއަދާކޮށްފައެވެ.
މިލިޔުމާއި ގުޅޭ:
މަރަދޫ ފޭދޫ ވޯލީބޯލް ޗެލެންޖް 2022 - ފޭދޫ އާއި ބައްދަލުކޮށް 3-2 އިން ކާމިޔާބުކުރީ މަފްސީ ސްޕޯރޓްސް