...

ކުޅިވަރު

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް 2022: ފުރަތަމަ މެޗުން ރާއްޖެ ބަލިކޮށް ނޭޕާލުން ކުރި ހޯދައިފި

ދާނިޝް - އޭޝިއާ | 27 ޖުލައި 2022 , ބުދަ 17:46   190

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން، ނޭޕާލާއި ވާދަކޮށް ފަރަގު ބޮޑު ނަތީޖާ އަކުން ނޭޕާލް މެޗް ކާމިޔާބު ކޮށްފިއެވެ.

އިންޑިއާގެ ބުބަނޭޝްވަރުގެ ކަލިންގާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ނޭޕާލް ކުރި ހޯދީ 4-0 ގެ ނަތީޖާ އަކުންނެވެ. މި މެޗްގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށް މޮޅަށް ކުޅުނީ ނޭޕާލްގެ ޓީމުންނެވެ. އަދި އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ވެސް ރާއްޖޭގެ އޭރިއާ ތެރެއަށް ނުރައްކާ ކޮށް ޖޯލާއި އަމާޒުކޮށް ގިނަ ހަމަލާ ތަކެއް ފޮނުވާފައެވެ. ނަމަވެސް ރާއްޖޭގެ ކީޕަރު ޝައިހާން އަލީ ވަނީ މީގެ ގިނަ ހަމަލާތައް ދިފާއުކޮށްފައެވެ.

ނޭޕާލުން މެޗުގައި އެ ޓީމު ކާމިޔާބު ކުރި ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 41 ވަނަ މިނިޓުގައި އަބީޝޭކް ވައިބާއެވެ. އަދި ދެވަނަ ލަނޑު މެޗުގެ 58 ވަނަ މިނެޓުގައި ސުގަމް ސުވާލް ކާމިޔާބު ކޮށްދިން އިރު ތިންވަނަ ލަނޑަކީ އޭގެ ދެމިނެޓުފަހުން ނޭޕާލްގެ ކެޕްޓަން އަޔުޝް ގަލަން އަށް ރާއްޖޭގެ ހުސެއިން ޝާވިން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކްރިތިޝް ރަތްނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު މެޗުގައި ނޭޕާލުން ޖެހި ހަތަރުވަނަ ލަނޑު އެޓީމުން ކާމިޔާބު ކުރީ މެޗުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ އެންމެފަހު މިނެޓުގެ ތެރޭގައެވެ.

މެޗުގައި ރާއްޖޭއިން ވެސް ވަނީ ފުރަތަމަ ހާފުގައި ނޭޕާލުގެ ގޯލާއި އަމާޒުކޮށް ހަމަލާތަކެއް ފޮނުވާފައެވެ. ނަމަވެސް ދެވަނަ ހާފުގައި ރާއްޖޭގެ ކުޅުން ފުރަތަމަ ހާފަށް ވުރެ ދަށްވިކަން ފެނިގެން ދިޔައެވެ.

ރާއްޖެއަށް މި ލިބުނު ބަލިއާއި އެކު މި މުބާރާތުގައި ދެން ރާއްޖެ ވާދަކުރާނީ މިމަހު 29 ވަނަ ދުވަހު ބަންގްލަދޭޝާ އާއި ދެކޮޅަށެވެ. އަދި އޭގެ ދެދުވަސް ފަހުން، މިމަހު 31 ވަނަ ދުވަހު ލަންކާއާ ކުޅުމަށް ފަހު، ލީގު ބުރުގެ ފަހު މެޗުގައި އަންނަ މަހު ދެވަނަ ދުވަހު އިންޑިއާއާ ދެކޮޅަށް ރާއްޖެއިން ކުޅޭނެ އެވެ.

އިންޑިއާގެ ބުބަނޭޝްވަރުގައި ކުޅެމުން އަންނަ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ފަސް ގައުމެއް ވާދަކުރެއެވެ. އެއީ ރާއްޖެއާއި ނޭޕާލުގެ އިތުރުން އިންޑިއާ އާއި ބަންގްލަދޭޝް އަދި ސްރީ ލަންކާއެވެ. މުބާރާތް ކުޅޭނީ ފަސް ގައުމުގެ މެދުގައި ލީގު ބުރެއް ކުޅުމަށްފަހު އެންމެ ގިނައިން ޕޮއިންޓު ހޯދާ ދެޓީމެއް ފައިނަލުގައި ކުޅޭ ގޮތަށެވެ.

ޓެގްސް: ދިވެހި ފުޓުބޯޅަ ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.