ރައީސް ނަޝީދު އާއި ރައީސް ސޯލިޙް، ދެ ބޭފުޅުންނަކީ ވެސް ކުޑައިރުއްސުރު ދެމިތުރުން

ހަބަރު

ރައީސް ނަޝީދު އާއި ރައީސް ސޯލިޙް ގެ ކޯޅުން އިތުރު ހަރުފަތަކަށް!

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 30 ޖުލައި 2022 , ހޮނިހިރު 11:13 1   476

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދުއަށް ވާދަކުރެއްވޭނެ އެއްވެސް ގޮތެއްނެތިގެން އެމަކުފާނު ވެރިކަމުގެ ތަޚުތު ހަވާލުކުރެއްވީ، އެމަނިކުފާނާއި އެންމެ ގާތް އެންމެ އަރިސް، އިތުބާރުކުރުމުގައި ދެވަނައެއް ނެތްފަދަ "މިތުރު" އިބްރާހިމް މުޙައްމަދު ސޯލިހް (އިބޫ) އަށެވެ.

ދެބޭފުޅުންނަކީ ވެސް ވަރަށް ގިނަ ދުވަހު އެކުގައި ސިޔާސީ މަސައްކަތައް ކޮށްފައިވާ ދެފަރާތެވެ. އަދި އެމްޑީޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެދި ވުޖޫދުވުމުގައި ދެބޭފުޅުންނަކީ ވެސް މައި ބިޔަ ދެތަނބެވެ.

މީގެކުރިން މިދެބޭފުޅުންނަކީ ޚިޔާލާއި ވިސްނުމާއި ޙަރަކާތުގެގޮތުން، ތަފާތުބައެއްގެ ގޮތުގައި ރައްޔިތުންނަށް ވެސް ފެނިފައިނުވެއެވެ. ނަމަވެސް، މިއަދު އެހުރިހާކަމެއް ބަދަލުވެ، ކުރީގެ ދެމިތުރުން ހަތުރުންނަށް ވަމުންދާމަންޒަރު ދަނީ ފެންނަމުންނެވެ.

ރައީސް ނަޝީދު ގެންދަވަނީ، ވަޓްސްއެޕް ގްރޫޕްތަކުގެ އިތުރުން، ސޯޝަލް މީޑިއާގައި ވެސް މިސަރުކާރަށް ފާޅުގައި ހަޖޫ ޖައްސަވާ ގޮންޖައްސަވަމުންނެވެ. ރައީސް ނަޝީދު ސިފަކުރައްވާގޮތުން، އެމަނިކުފާނު ވަނީ ބާކީވެވަޑައިގެންފައެވެ. ރައީސް ސޯލިޙްއާއި ދެބޭފުޅުން އެކުގައި އިށީދެވަޑައިގެން ކަމެއްގައި މަޝްވަރާނުކުރައްވާތާ އެތަކެއް ޒަމާން ފާއިތުވެއްޖެއެވެ.

މިލިޔުމުގެ މަޤަޞަދަކީ، ދެބޭފުޅުންކުރެ ކޮންބޭފުޅެއްތޯ ރަނގަޅީ ދެނެގަތުމެއް ނޫނެވެ. އެކަމަކު ހިނގަމުންދާ ކަންކަމާއި ގުޅޭގޮތުން އަލިއަޅުވާލައި ބަލާލުމެވެ.

މިސަރުކާރު އުފެދިގެން އައިއިރު ދެބޭފުޅުންގެ ދައުރު އެހާ ސާފުކޮށް ފެންނާކަށް ނެތެވެ. ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމަށް ވަޑައިގެންނެވީ ކުއްލިގޮތަކަށެވެ. ދެން ފެނިވަޑައިގަތީ ބަރުލަމާނީ އަށް ތާއީދުކުރައްވާ، ބައެއް މަސައްކަތްތައް ހަލުވިކޮށްލެއްވިތަނެވެ. ނަމަވެސް ސަރުކާރުން އެމަސައްކަތަށް އިޖާބަ ނުދެއްވިއެވެ. އަދި ސަރުކާރާއި ގުޅިފައިވާ ޕާޓީތަކުން ވެސް ބަރުލަމާނީ އާއި ދެކޮޅުވެރިވިއެވެ.

ދެން ސަރުކާރުތެރެއިން ބައެއް ވަޒީރުންނާއި ރައީސް ނަޝީދާއި ޚިޔާލުތަފާތުވެ ޖަދަލުކުރަން ފެށުނެވެ. ރައީސް ނަޝީދުގެ އިސްނެންގެވުމުގެ މަތިން، ބައެއް ވަޒީރުންގެ އިތުބާރުނެތްކަމުގެ ވޯޓުތަކެއް ނެގުމަށް މަސައްކަތްކުރެވުނެވެ. އޭގެތެރޭގައި މިސަރުކާރުތެރޭގައި އެންމެ ނުފޫޒުގަދަ އެއް ވަޒީރު، ފައްޔާޒު އިސްމާއިލް ހިމެނެވެ. ނަމަވެސް، ސަރުކާރުން ވިދާޅުވީ ހުރިހާ މިނިސްޓަރުންނަށް ވެސް ފުރިހަމަ ތާޢީދު އޮތްކަމަށެވެ.

ދެން އައީ ޕާޓީގެ އެތެރޭގެ އިންތިޚާބުތަކެވެ. މިއިންތިޚާބުތައް ވެސް ނިމިދިޔައީ ރައީސް ނަޝީދު އުއްމީދުކުރެއްވިގޮތާއި ޚިލާފަށެވެ. ނަތީޖާއަކަށްވީ، އެމަނިކުފާނަށް ޕާޓީގެ ގައުމީ މަޖިލީހުގެ ކޮންޓްރޯލް ގެއްލުމެވެ. ގައުމީ މަޖިލީހަކީ ޕާޓީގެ އެންމެ ނުފޫޒުގަދަ ގުނަވަނެވެ. ހަމަ އެއާއިއެކު އެމަނިކުފާނާއި އެންމެ ދެކޮޅުވެރިވި މިނިސްޓަރު ފައްޔާޒު އިސްމާއިރު، ޕާޓީގެ ރައިބް ރައީސަކަށް އިންތިޚާބު ކުރެވުނެވެ. އެމަނިކުފާނު ތާޢީދު ކުރައްވަމުން ގެންދެވީ އިމްތިޔާޒް ފަހުމީއަށެވެ.

ދެން މިހާރު އަނެއްކާވެސް ކަންތައް ވަނީ އިތުރަށް ގޯސްވެފައެވެ. އެއީ، ރައީސް ނަޝީދުގެ އެއްބަނޑު އެއްބަފާ ކޮށްކޯފުޅު ނާޒިމް ސައްތާރު، ލިވާޠު ކުރާ މަންޒަރު ދައްކައިދޭ ވީޑިއޯތަކެއް ޢާއްމުވުމާއި ގުޅުގެންނެވެ.

ނާޒިމް ސައްތާރު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އަދި އޭނާ އަށް ކޯޓުން ވަނީ، ހަތް ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެ ދެއްވާފައެވެ.

މިކަންވެގެންދިޔައީ، ރައީސް ނަޝީދުގެ ލޭ ކަކުވާލިކަމަކަށެވެ. ރޯވެފައިވާ ހުޅުގަނޑު ފަޅައިގެން ދިޔައެވެ. ޓްވީޓްކުރައްވަން ފެއްޓެވިއެވެ. އަދި ބައިނަލްއަޤްވާމީ މީޑިއާތަކުގެ ސަމާލުކަމަށް މައްސަލަގެނައެވެ.

ރައީސް ނަޝީދު ވިދާޅުވަނީ އެމަނިކުފާނުގެ ކޮއްކޯފުޅު ހައްޔަރުކުރެވިފައިވަނީ ސިޔާސީ ވިސްނުމެއްގައި ކަމަށެވެ. ހަމަ މިއާއި ވިދިގެން، ރައީސް ސޯލިޙް ހިލޭ އަންހެނަކާއި އެކު ބަދުއަޚްލާޤީ ގުޅުން ހިންގާ މަންޒަރު ދައްކުވައިދޭ ވީޑީއޯތަކެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާކަމަށް ވިދާޅުވިއެވެ. ރައީސް ސޯލިޙް ވެސް އިންނަވާ ވަޓްސްއެޕް ގްރޫޕެއްގައި އެމަނިކުފާނު ވިދާޅުވީ އެވީޑިއޯތައް ވެސް ލީކް ކޮށްލާނެކަމުގެ ބިރު ނުވަތަ އިންޒާރު ދެއްވާފައެވެ.

ރައީސްގެ ތަރުޖަމާން ރައްދުގައި ވިދާޅުވީ "އެފަދަ ހަޑިމުޑުދާރު ޢަމަލެއް" ރައީސް ސޯލިޙް ނުކުރައްވާނެކަމަށެވެ.

އެހެންކަމުން މިހާރު މިއާދެވުނީ، މިކޯޅުންގަނޑުގައި އިތުރު ހަރުފަތަކަށްކަމަށް ބެލެވިދާނެއެވެ. ކުރިއަށް މިއޮތް އަހަރަކީ ރިޔާސީ އިންތިޚާބު ވެސް އޮންނަ އަހަރެވެ.

ދެބޭފުޅުން ވެސް ވަނީ ވާދަކުރައްވާނެކަން އިޢްލާނުކުރައްވާފައެވެ. އަދި ގެންދަވަނީ، އެކި ސިފަސިފައިގައި ކެމްޕޭންކުރައްވާ މަސައްކަތް ކުރައްވަމުންނެވެ. ނޭގެނީ ކޯޅުންގަނޑު ދެންދާނެ ހިސާބެކެވެ. މިހާރު ހުރިގޮތުން އަދި ހުރީ ނިމޭ ހިސާބެއްގައި ހެން ނީނުވެއެވެ. މިކޯޅުންގަނޑުގައި އެކަކު އަނެކަކަށް އިތުރަށް ފަޞީޙަތްވެ ބޭޒާރުވުމަކީ ވެސް ދުރުކަމެއް ނޫނެވެ!

ޑިމޮކެރެޓިކް އުސޫލްތައް ތަޢާރަފްކުރެއްވި ބޭފުޅުންނަށް، މިފަހަރު މިއޮތީ ނަމޫނާދެއްކުން ދަތިއުނދަގޫކަމަކަށް ވެފައެވެ.

ޓެގްސް: ރައީސް މުހައްމަދު ނަޝީދު ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް ޚިޔާލު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.