މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިއާގެ ސިފައިން ޔީކްރެއިނަށް އަރައި ދޭން ފެށި ހަމަލާތަކާއި އެކު ދިގުދެމިގެން ގޮސްފައިވާ ހަނގުރާމައާއި ގުޅިގެން ރަޝީއާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ވަނީ ގިނަ ވައުދު ތަކެއް ވެފައެވެ.
އެގޮތުން އޭނާ ވެފައިވާ އެއް ވައުދަކީ ހަނގުރާމައިގައި މަރުވާ ސިފައިންގެ އާއިލާ ތަކަށާއި ޒަޙަމްވާ ކޮންމެ ސިފައިންގެ މީހަކަށް ބަދަލުގެ ގޮތުގައި 50،000 އެމެރިކާ ޑޮލަރު ދިނުމަށް ވި ވައުދެވެ.
ބައިނަލްއަޤްވާމީ ބައެއް ރިޕޯޓްތައް ބުނާ ގޮތުން ރަޝިއާގައި މިހާތަނަށް ހަނގުރާމައިގެ ތެރެއިން މަރުވި ސިފައިންގެ އަދަދު 15.000 އަށް ވުރެ މަތިވާނެ ކަމަށް ބެލެވޭއިރު ހަނގުރާމަ ތެރެއިން ޒަޙަމްވެފައިވާ ސަފައިންގެ އަދަދު އެއަށްވުރެ ގިނަވާނެ ކަމަށް ބެލެވެއެވެ. މިއާއެކު އެ ގައުމުގެ ބައެއް ސިފައިން ބުނާ ގޮތުގައި ރައީސް ޕުޓިން ވައުދު ވެވަޑައިގަތް ފާއިސާ ހޯދުމަކީ ފަސޭހަ ކަމެއްވެސް ނޫނެވެ.
މީޑިއާ ތަކަށް މައުލޫމާތު ދިން ބައެއް ސިފައިން ބުނެފައިވަނީ ރައީސް ޕުޓިން ވައުދުވެވަޑައިގަތް ފާއިސާ ދޫކުރުމަށް ކަނޑައަޅައިފައިވާ ޝަރުތުތައް މިހާރު ވަނީ ބަދަލުކޮށްފައެވެ. އަދި ފާއިސާ ހޯދުމަށް ހުށަހަޅަންޖެހޭ ލިޔެ ކިޔުންތައް ހުށަހެޅުމުގައި ވެސް ބޮޑެތި ދަތި ތަކަކާއި ކުރިމަތި ލާން ޖެހެއެވެ.
މި މައްސަލައާއި ގުޅިގެން ރަޝިއާގެ ސިފައިންގެ ތެރޭގައި ސަރުކާރާއި މެދު ހިތްހަމަނިޖެހުން އުފެދެމުން އަންނަ ކަމުގެ ކުލަވަރު ތައް މިވަނީ ފެންނަން ފަށައިފައެވެ.