އަލްމާގެ، ލޯބީގެ ވާހަކަ: އެކުވެއްޔާ!

މުނިފޫހިފިލުވުން

އެކުވެއްޔާއި!

އަލީ އަޒްޔަން - އެހެނިހެން | 31 ޖުލައި 2022 , އާދީއްތަ 14:15   460

މީހުން ބުނާތީ އަޑުއަހަމެވެ. ލޯބިވާ މީހަކު ދޫކޮށް ދިޔުމުން ހަށިގަނޑުގައި އަޅާ ވޭނަކީ އެހެން އެއްވެސް ވޭނަކަށް ވުރެ ވޭންދެނިވި ކަމެކެވެ. ލޯބިން އެކުގައި އަތުގައި ހިފައިގެން އުޅުމަށްފަހު އަތުން ދޫކޮށްލުމުން މުޅި ދިރިއުޅުން ބަނަވެ ހިނގައިދެއެވެ. ކަންމިހެން އޮތް ނަމަވެސް ހަގީގަތުގައި އެކުގައި ހީފައި އުޅުނު އެކުވެރިއެއްގެ ފަރާތުން ދެރައެއް ލިބިއްޖެނަމަ އެކަމަކުން އަރައިގަންނަން އެތައް ހާސް ބައި އުނދަގުލެވެ. މިހެން މި ބުނަނީ އަމިއްލަ ތަޖްރިބާ އިންނެވެ. އަމިއްލަ ހަޔާތުގެ އަމިއްލަ ދިރިއުޅުމުގައި ދިމާވެފައިވި ހާދިސާ ތަކުންނެވެ. ކުރިމަތިލާންޖެހިފައިވި ކަންތަކުންނެވެ.

ފިރިހެންކުއްޖަކާއި އަންހެން ކުއްޖަކަށް ހަމައެކަނި އެކުވެރިންނަށް ނުވާނެއޭ މީހުން ބުނަނީ މަދަކުން ނޫނެވެ. އެހެންނަމަވެސް މީގެ 3 އަހަރުއްސުރެ އަހަރެންނާއި އެންމެ ގާތުގައި އަހަރެންގެ ހިތާމަތާކާއި އުފާތައް އެންމެ ކައިރިން ދުށް އެއް ފަރާތަކީ ފިރިހެން ކުއްޖެކެވެ. ލޯބިވެރިއެއްނޫނެވެ. ހަމައެކަނި ގާތް ރަހްމަތްތެރިއެކެވެ. ހަގީގަތަކީ އަންހެން އެކުވެރިއަކަށް ވުރެ ރަނގަޅަށް އަހަރެންގެ ކަންތައްތައް ފަރުވާ ބެހެއްޓީ އަހަރެންގެ އެ ގާތް އެކުވެރިޔާކަމެވެ.

ކައިސް އަކީ ސްކޫލް އިން ވަރަށް ގިނައިން ފެންނަ ސަކަ މިޒާޖެއްގެ ކުއްޖެކެވެ. ދުވަހަކުވެސް ވާހަކަ ދެއްކުމުގެ ފުރުސަތެއް ނުލިބެއެވެ. ލިބުނު ނަމަވެސް ވާހަކަ ދެއްކުމުގެ ޝައުގުވެރިކަމެއް ނުހުންނަނީއެވެ. ދެމީހުންގެ މިޒާޖު ވެސް އުޑާއި ބިމާހާއި ތަފާތުވާނެއެވެ. އެއީ މަޖާކުރުމާއި ފޯރި ނެގުމަށް ޝައުގު ވެރިކަން ހުންނަ ކުއްޖަކަށް ވެފައި އަހަރެންނަކީ އާސްމާނުގައި އުދުހުމުގެ ހުވަފެން ދެކެމުން އަންނަ ފޮތުގެ ވަރަށް ގާތް އެކުވެރިޔަކީމެވެ. އެއީ ދެމީހުން ޓިއުޝަން ކްލާހުން ދިމާވުމާ ޖެހެންދެންނެވެ.

ގޮރޭޑް 9 އެއްގެ ފަހު ޓާރމް ގައި ޓިއުޝަން ކްލާހަށް ޖޮއިން ކުރިއިރު ގިނައިން ފެނުނީ ނުދަންނަ މޫނުތަކެވެ. ކައިސް ގެ ފިޔަވައެވެ. މަޑުމަޑުން ގޮސް ކައިސް އާއި ކައިރީ ހުރި ހުސް ގޮނޑީގައި އިށީނދެލުމާއިއެކު އޭނާ އަހަރެންގެ އަތުގައި ވަރަށް ބާރަށް ވިކައިލިއެވެ. މާހައުލުގައި ވަށައިގެން ތިބި އެންމެންގެ ނަޒަރު ހުއްޓުނީ އަހަރެންނަށެވެ.ފުރަތަމަ ދުވަހުވެސް އެއްކަލަ މީހުން ބުނެއުޅޭ "ފަސްޓް އިމްޕްރެޝަން" އެހާ ރަނގަޅެއްނުވިއެވެ. މުދައްރިސް ސުވާލު ކޮށްލުމުން މަދިރި އެއް ހެފީ އޭ ބުނެ ކައިސް އާއި ދިމާލަށް ލޯ އަޅާލީމެވެ. ކައިސް ހުރިތަނުގައި ވަޅެއް ކޮނެ އެ ވަޅުގެ ތެރެއަށް އޭނައި ލައި ބަރާފާނަމޭވެސް ހިތަށް އެރިއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ދެމީހުން އެކަކު އަނެކަކާ ނުކޯޅޭ ވަގުތެއް މަދެވެ. ސްކޫލްގައި ވެސް އަދި ޓިއުޝަންގައިވެސްއެވެ. ޓިއުޝަންގެ މުދައްރިސް ގެ ނަމުން ނަމަ އަހަރެންނާއި ކައިސް އަކީ ޓޮމް އެންޑް ޖެރީ އެވެ. ކައިސް ނާންނަ ދުވަހެއް ނަމަ ޓިއުޝަން ކްލާސް ފޫހިކަމުން ބުނާކަށް ނޭގެއެވެ. މުދައްރިސް ކިޔައިދޭ އެއްވެސް އެއްޗަކަށް ސަމާލުކަމެއް އެހާ ރަނގަޅަކަށް ނުދެވެއެވެ.

ދެމީހުންގެ ދެމެދުގައި އޮތް ނުރުހުންތެރިކަމުގެ ގުޅުން އެކުވެރިކަމަށް ބަދަލުވިއެވެ. ކައިސް ކިޔެވުމަށް ދޭ ސަމާލުކަން އިތުރު ކުރުމަށް އެތައް ފަހަރުމަތިން އަހަރެންނަށް ބުނެވިއްޖެއެވެ. އެހެންނަމަވެސް ކައިސް އުޅެނީ މުޅީންވެސް އެހެން ދުނިޔެއެއްގައެވެ. ކައިސްގެ އަމިއްލަ ދުނިޔެއެއްގައެވެ. މި ދުނިޔޭގައި ހިނގާ އެއްވެސް ކަމެއްގެ ފަރުވާލެއް ނުބަހައްޓައެވެ.

ކިޔެވުމުން ކައިސް ގެ ސަމާލުކަން އިތުރަށް ކުޑަވެގެން ދިޔައީ ކައިސް ރާޔާ އާއީ ލޯބީގެ ގޮތުން ގުޅުމުންނެވެ. ކައިސް ގެ ހަޔާތަށް ހީވަނީ ރަޔާއާއިއެކު ބަހާރުމޫސުމެއް އައިސްގެން އުޅޭހެންނެވެ. އަބަދުވެސް ދެމީހުން ތިބެނީ އެކީގައެވެ. ސްކޫލްގެ އިންޓަވަލް ގަޑި އަދި ސެޝަން ފެށޭ ގަޑިއާއި ނިމޭ ގަޑީގަވެސް ދެމީހުން ތިބެނީ އެކު އެކީ ގައެވެ. އެ ދެމީހުންގެ ވާހަކަ ނޭނގޭ ޓީޗަރެއް ނެތްކަން ޔަގީނެވެ. ޓިއުޝަން ކްލާހުގައި ރާޔާ ނެތަސް ކައިސް ގެ ދުލުން އެ ނަން ނޫން ނަމެއް ބޭރުނުވެއެވެ. އޭނާގެ ވާހަކަ ނޫން އެހެން ވާހަކައެއް ނުދެކެވެއެވެ. އަހަރެންވެސް ވަރަށް ޝައުގުވެރިކަމާއެކު އަޑު އަހަން ހުންނަމެވެ. އެއީ އަހަރެން އަހަރެންގެ ލޯބިވެރިޔާ ރާއިސް ގެ ވާހަކަ ދައްކާއިރު ކައިސް ވަރަށް ކަނުލައި އަޑު އަހަން ހުންނާތީއެވެ. ދެމީހުންވެސް އެކު އެކީގައި ދެމީޙުންގެ ލޯބިވެރިންނާއެކު ހޭދަކުރަމުން ދިޔަ އުފާވެރި ދުވަސް ތައް ދިގު ދެމިގެނެއް ނުދިޔައެވެ.

އަހަރުމެންގެ ދެމެދުގައި ވީ ގުޅުމަށް ހީނަރުކަމެއް އަންނަންފެށީ އެ ގުޅުމަށް އެސްފީނާ އެއް ޖެހިގެން ބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. ކައިސް އާއި އަހަރެންނަށް އެކަކު އަނެކަކަށް ވަގުތު ނުދެވެނީއެވެ. ރާޔާ އަށް ކައިސް ވަގުތު ނުދޭކަމުގެ ޝަކުވާއެވެ. އަހަރެންނަށް ރާއިސް އަށް ވަގުތު ނުދެވޭ ކަމުގެ ޝަކުވާއެވެ. ޖެހިފައިވި މި މައްސަލަ އިތުރަށް ހޫނުވެ އަލިފާންގަނޑު ބޮޑުވުމަށް މެދުވެރިވީ ބަޔަކު މީހުން އަލިފާން ގަނޑަށް ކަރާސީން ތެޔޮ އަދި ދަރު އެޅުމުންނެވެ. ކާކު ފެތުރި ވާހަކައެއް ނޭގި މުޅި ސްކޫލަށް ފަޞީހަތް ވެގެން ދިޔައީ އަހަރެން ރާޔާގެ ދޮގު ވާޙަކަތައް ފަތުރާ ވާހަކައެވެ. ރާޔާ އާއީ ކައިސް އާއި ދެމެދު މައްސަލަ ޖައްސަން އަހަރެން ކެނޑިނޭޅި މަސައްކަތް ކުރާ ވާޙަކައެވެ.

ކައިސް ވެސް މަޑުމަޑުން އެ ވާހަކަތައް ގަބޫލުކުރަން ފެށިކަން އެނގުނީ ކައިސް އަހަރެންނާއި ދުރުވާން ފެށުމުންނެވެ. އަހަރެންގެ ހިތާއި ޖާނުން ލޯބިވި ރާއިސް އަހަރެން އަތުން ބީވެގެން ދިޔައީ މުޅި ދުނިޔޭގެ ކުރިމަތީގައި އަހަރެންގެ ބޮލުގައި "ޑަބްލް ޓޭޕް" ގެ ޓެގް އެޅުވުމުންނެވެ. އާނއެކެވެ. އެފަދަ ޓެގެއްގެ ވެރިއަކާއި އެކު އުޅެން ބޭނުންވާނީ ކާކުހެއްޔެވެ ؟ އަހަރެން އެންމެ ދެރަވީ 3 އަހަރު ވަންދެން އަހަރެންނާއި ކައިސް އާއި ދެމެދު އުފެދުނު އެކުވެރިކަމުގެ މާތް ގުޅުމަށް ހީނަރުކަމެއް އައުމުންނެވެ. ކައިސް ގެ ހިތުގައި އަހަރެންނާއި މެދު ޝައްކު އުފައްދަން ބަޔަކަށް އެހާ ފަސޭހަވުމުންނެވެ. ކައިސް އަހަރެންނަށް އިތުބާރު ކުރާލެއް ކުޑަވުމުންނެވެ. އެ ދުވަހު އެންމެ ފަހަކަށް ކައިސް އާއި ވާހަކަ ދެކެވުނު ވަގުތު ކައިސް އަހަރެންނާއި ދިމާލަށް ކީ ހުރިހާ އެއްޗެއް އަލިފުން ޔާއަށް އަހަރެންގެ ހަނދާނުގައި ހުންނާނެއެވެ. އެ ހުރިހާ އެއްޗެއް އަހަރެންނާއި ދިމާލަށް ކައިސް ހުއްޓައިލުމެއްނެތި ކިޔަމުން ދިޔައިރު އަހަރެންނަށް ހުރެވުނީ ކައިސް އާއި ދިމާލަށް އާޝޯހު ވެފައި ބަލަހައްޓައިގެންނެވެ. މި 3 އަހަރު ތެރޭގައި ކައިސް އަހަރެން މީ ކޮނަކަހަލަ ކާކުކަން ހަމަ ދަސްނުވީބާއެއް އެތައް ހާސް ފަހަރު އަހަރެންގެ ހިތަށް އެރިއެވެ.

ފަހުން އައިސް ކައިސްގެ ކުރިމައްޗަށް ޖެހުނަސް އަހަރެންމީ ކައިސް ދަންނަ މީހެއް ކަމަކަށް ވެސް ނުހަދައެވެ. ޓިއުޝަން ކްލާސް އަށް ނުގޮސް ހުއްޓާލީވެސް އެހެންވެއެވެ. އެކަކު އަނެކަކުގެ ދެފުށްވެސް ހިތުން ދަސް އެހެންނަމަވެސް ދެބީރައްޓެހިން ކަމަށް ވެގެން ދިޔުމަށް ނެގީ މަދު ސިކުންތުކޮޅެކެވެ. ކައިސް ގެ ތަންކޮޅެއް ކުރީގެ ވަރަށް ގާތް އެކުވެރިއެއް ކަމަށްވާ ޔަލްވީ އަހަރެންނާއި ކައިސް އާއި ދެމެދު އޮތް ގުޅުން ކަނޑައިލުމަށް މަސައްކަތްކޮށް ވާހަކަ ފެތުރިކަމަށް އެއްބަސްވީ ކައިސްގެ ކުރިމަތީގައި ބޭއިހްތިޔާރުގައި ކަން އަހަރެންނަށް އެނގުނީ ރާޔާ ގެ ފުށުންނެވެ. އަދި އެވަރު ވާހަކަ އެއް ގަބޫލުކޮށް ނުކުރާ ކަމެއްގެ އިލްޒާމް އަހަރެންގެ ބޮލުގައި އެޅުވުނީތީ މާފަށް ވެސް އެދުނެވެ. އަހަރެން މާފުކުރީމެވެ. އެއް އިރެއްގައި ވެސް އަހަރެންނަކީ އެއްވެސް މީހަކަށް ހިތް ބުރަ ކޮށްގެން އުޅުނު މީޙަކަށް ނުވާތީއެވެ. އެއީ އަހަރެންގެ މިޒާޖު ތަންދޭ ކަމަކަށް ނުވާތީއެވެ.

ރާޔާ އާއި ވާޙަކަދައްކައި އުޅުނު ނަމަވެސް ކައިސް އާއި ވާހަކަ ދައްކައެއް ނޫޅެމެވެ. ދައްކާ ހިތް ނުވަނީއެއް ނޫނެވެ. ކައިސް ވެސް ނުދައްކާތީ ދައްކަން ނުކެރެނީއެވެ. އެދުވަހު ކައިސް އަހަރެންނާއި ދިމާލަށް ކީއެއްޗެހި އަހަރެންގެ ހިތުން ފިލައިގެން ނުދާތީ ފަސް ޖެހެނީއެވެ.

އޭގެ 5 އަހަރު ފަހެވެ. މިއަދު ވެސް އެކަކު އަނެކަކަށް ފެނިއްޖެއްޔާމު ހިނިތުންވުމެއް ހަދިޔާ ކޮށްލަމެވެ. އަހަރެންނާއި ކައިސް އާއި ދެމެދު އޮތްހާ ވެސް ގުޅުމަކީ އެއީއެވެ. އުފެދުނު އޮޅުމެއްގެ ސަބަބުން އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އަހަރެންނަށް ގެއްލުނީއެވެ. އެ ކަމުގެ ސަބަބުން އެދުވަހު އެ އެކުވެރިޔާގެ އަނގައިން ބޭރުވި ހިތި ބަސްތަށް އަހަރެންގެ ހިތުގައި ކަނޑާނެގި ދާއިމަށް އެ ބަސްތައް އަހަރެންގެ ކަންފަތުގައި ގުގުމެން ފެށީއެވެ. އެދުވަހު އެކުގައި ހީފައި އުޅުނު އެކުވެރިޔާގެ ފަރާތުން ކުރިމަތިވި ހިތާމަތާކައި އެ އެކުވެރިޔާ އާއި އޮތް ގުޅުން އަބަދުގެ އަބަދަށް ކެނޑިގެން ދިޔުމުން ހިތަށް ލިބުނު ވޭނުން މިއަދާ ޖެހެންދެން ވެސް އަރައިގަތުން އަހަރެންނަށް ވީ ނުކުޅެދިފައެވެ.

ޓެގްސް: ލޯބީގެ ވާހަކަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.