މަޖްލީސް ރައީސްކަމަށް ވާދަ ކުރައްވަފާނެ ބައެއް ބޭފުޅުން

ހަބަރު

ރައީސް ނަޝީދު އެކަހެރިކޮށްފިނަމަ، ދެން މަޖިލީހުގެ ރައީސްކަންކުރާނީ ކާކު؟

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 1 އޯގަސްޓު 2022 , ހޯމަ 10:13   503

މަޖިލީހުގެ ރައީސް އަލްފާޞިލް މުޙައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ކަމަށް ޝައްކުކުރެވޭ މީހަކު، ބަދުއަޚްލާޤީ ޢަމަލުހިންގާ ވީޑިއޯ ފުޓޭޖްތަކެއް ލީކުވެފައިވާތީ، އޭނާ ހައްޔަރުކޮށްފައިވާ މައްސަލައިގައި، އެމަނިކުފާނު ހުންނެވީ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވާ، ސަރުކާރު ދެކެ ހިތްޕުޅާނުވެފައެވެ.

މިކާރިޘާ ގެ ފަހަތުން، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް ވެސް ބަދުއަޚުލާޤީ ޢަމަލު ހިންގާ ފޮޓޯ ތަކެއް ލިބިވަޑައިގެންފައިވާކަމަށް ރައީސް ނަޝީދު ވަނީ މަޖިލީސް މެމްބަރުން ހިމެނޭ ވަޓްސްއެޕް ގްރޫޕެއްގައި ވިދާޅުވެފައެވެ. ދެން ފެނުނީ، ސިޔާސީގޮތުން ވަނީ ވަރަށް ބޮޑު ހަލަބޮލިކަމެއް ރާއްޖޭގައި އުފެދިގެން ދިޔަ މަންޒަރެވެ.

އަދި ނަތީޖާއެއްގެ ގޮތުން، ސަރުކާރަށް ތާޢީދުކުރާ ބައެއް މެމްބަރުން ދަނީ، މަޖިލީހުގެ ރައީސްގެ އިސްތިއުފާއަށް ގޮވާލަމުންނެވެ. އަދި އެމަނިކުފާނު މަގާމުން ދުރުކުރުމަށްޓަކައި ބައެއް ފަރާތްތަކުން އަންނަނީ ޕެޓިޝަންތައް ހެދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. ނަމަވެސް މިހާތަނަށް އައިއިރު ރަސްމީ ސިފައެއްގައި މިމައްސަލަ މަޖިލީހަށް ވައްދާފައި ނުވެއެވެ.

ފަހަކަށް އައިސް ދެބޭފުޅުންގެ ވެސް ކޯޅުންގަނޑު ބޮޑުވެ ބަހުގެ ގިނަ ޙަމަލާތަކެއް އަންނަނީ ދެއްވަމުންނެވެ. ވަކިން ޚާއްޞަކޮށް އާދައުރެއްގެ އުއްމީދު ދެ ބޭފުޅުންވެސް ޢާއްމުކުރައްވާ އިޢްލާންކުރެއްވި ހިސާބުންނެވެ.

އެމްޑީޕީގައި 65 މެމްބަރުން ތިބެ، ސުޕަރ މެޖޯރިޓީ އޮތެއްކަމަކު އަސްލު މެޖޯޓީ އޮތްކަމަށް ދައްކަނީ ސަރުކާރު ހިންގާ ފެކްޝަންކަމަށްވާ، ރައީސް ސޯލިހްގެ ފެކްޝަނަށެވެ. އެހެންކަމުން މިމައްސަލަ ވައްދައިފިނަމަ ރައީސް ނަޝީދު އާއި ދެކޮޅަށް މައްސަލަ ނިމުމުގެ ފުރުޞަތު ބޮޑެވެ.

އެހެން އެކަން އެގޮތަށްވެއްޖެނަމަ، ދެން ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އަންނާނީ ކޮންބޭފުޅެއް ހެއްޔެވެ؟ ރައީސް ފެކްޝަންގެ ތާޢީދު އޮތް ބޭފުޅަކަށް ނުވާނެހެއްޔެވެ؟ ރައީސަށް އެންމެ އިތުބާރު އޮތް ބޭފުޅަކަށް ނުވާނެހެއްޔެވެ؟

އެންމެ ފުރަތަމަ ޤާސިމް އިބްރާހީމް އަށް ބަލާލަމާ ހިނގާށެވެ. ޤާސިމް އަކީ ރައީސް ސޯލިހް އާއިއެކު މީގެކުރިން ވެސް ގިނަގުނަ މަސައްކަތްކުރެއްވި ފަރާތެކެވެ. ކުރިންވެސް މަޖިލީހުގައި ރައީސްކަން ކުރެއްވި ބޭފުޅެކެވެ. ސިޔާސީ ޕާޓީއެއްގެ އެންމެ އިސް ފަރާތެއްގެ އިތުރުން، ވެރިކަންކުރާ ކޯލީޝަންގެ މައި ތަނބެކެވެ. ކުރިއަށް އިންތިޚާބެއް ބޯމަތިވަމުން އަންނައިރު، ވެރިކަމުގެ ހުވަފެން އަބަދުމެ ދެކެވަޑައިގަންނަވާ ފަރާތެކެވެ. ކާމިޔާބު ވިޔަފާރިވެރިއެއް ވެސްމެއެވެ. ކުރިއަށް އޮތް ދައުރުގައި ވެސް ކޯލީޝަން ދަމަހައްޓަން މަސައްކަތް ކުރައްވާނެކަމަށް ރައީސް ސޯލިޙް ވިދާޅުވެފައިވާއިރު، ގާސިމް މިކަމަށް ރުހިއްޖެނަމަ މިވެރިކަމުގައި ރައީސް ސޯލިޙްއަށް ހެއްދެވޭނެ އެންމެ ރަނގަޅު އެއްޑީލަކަށް އެޑީލް ވެގެން ހިނގައިދާނެއެވެ.

ދެން އޮތީ ނުރައްކަލަށް ބަލާއިރު، ރައީސް ނަޝީދުގެ ސަރުކާރާއި ޚިލާފަށް، ރައީސް ސޯލިހް ގެންދަވަނީ ގާސިމް ރަނގަޅަށް "މެނޭޖް ކުރައްވަމުން" ކަމަށް މަންޒަރު ދައްކައެވެ.

ދެވަނަ އަށް ލިސްޓުގައި އޮތީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) ގެ ނަމެވެ. ބިގޭ އާއި ރައީސް ނަޝީދު އާއި އޮތީ ގޯސް ގުޅެމެކެވެ. ނަމަވެސް، ބިގޭ އަކީ ރައީސް ސޯލިހް އާއި ޢާއިލީ ގޮތުންނާއި އިތުބާރުގެ ގޮތުން ވަރަށް ގާތް ފަރާތެކެވެ. ރައީސް ސޯލިހް އެންމެ ގިނައިން މަޝްވަރާ ހޯއްދަވާ އެއްފަރާތަކީ ބިގޭކަމުގައި ވުން ގާތެވެ. މިދިޔަ އަހަރުގެ އޯގަސްޓްމަހު ފަހުކޮޅު، ފަނޑިޔާރުންގެ މައްސަލައިގައި، ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރައީސް ސޯލިޙް އާއި ގަސްތުގައި ދޭތެރެޖެއްސުމަށް ބިގޭ މަސައްކަތްކުރައްވާކަމަށެވެ.

ނުރައްކަލަށް ބަލާއިރު، ބިގޭ އަކީ ގާސިމަށް ވުރެ ވެސް ފައްކާ ފަރާތެކެވެ. އެއީ ރައީސް އެންމެ އިތުބާރުކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނޭތީއެވެ.

ލިސްޓުގައި ޖަހާލަންޖެހޭ ތިންވަނަ ފަރާތަކީ، ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް އެވެ. އަފީފް އަކީ ވެސް ރައީސްގެ އިތުބާރު ލިސްޓުގައި ހިމެނޭ ފަރާތެކެވެ. ނަމަވެސް، ފަހަކަށް އައިސް އަފީފް ވަނީ ސަރުކާރު ހިންގުމުގައި ކަރަޕްޝަނަށް މަގުފަހިވާ ގިނަ ކަންކަމާއިމެދު އަޑު އުފުލާފައެވެ. ނަމަވެސް އެ އަޑުތައް އަނެއްކާވެސް ވަނީ ފަނޑުވެފައެވެ. ހެލްތް މިނިސްޓަރު އަމީން ބޭރުކުރެއްވުމުގައި އަފީފް އިސް ދައުރެއް އަދާކުރެވިކަމުގެ ވާހަކަތައް ތިލަވެފައިވެއެވެ.

ލިސްޓުގެ ހަތަރު ވަނައިގައި ހިމަނާލާ ފަރާތަކީ ވެސް ގިނަ ދުވަހު މަޖިލީހުގައި އިންނެވި ފަރާތެކެވެ. އެއީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް އެވެ. ދެ ރައީސުންނަކީ ވެސް އަސްލަމް ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާނެ ދެ ބޭފުޅުންނެވެ. މާކުރިން ވެސް އަސްލަމް މަސައްކަތްކުރެއްވީ ރައީސް ނަޝީދުގެ ވަރަށް އަރިސް ފަރާތެއްގެ ގޮތުގައެވެ.

ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ރައީސް ނަޝީދުގެ ފަރާތުން ކެމްޕެއިން މެނޭޖަރަކަށް އަސްލަމް އައްޔަން ކުރެވުނު ނަމަވެސް، އެމަޤާމް ވެގެންދިޔަކީ ބޮޑަށް ރަމްޒީ މަޤާމަކަށެވެ. މަޖިލީސް އިންތިޚާބު އަސްލަމް ކާމިޔާބުކުރެއްވީ ރައީސް ނަޝީދުގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެކުއެވެ. އަދި އޭގެ ފަހުން، ރައީސް ނަޝީދުގެ ފަރާތްޕުޅުން، މަޖިލީހުގެ ރައީސްކަމަށް ވާދަކުރައްވާ، ވަރަށް ވާދަވެރި ކެމްޕޭނެއް ވެސް ހިންގާފައިވެއެވެ. އޭރުވެސް ރައީސް ސޯލިހް އަސްލަމް އަށް ތާޢީދުކުރައްވާފައި ނުވެއެވެ. އޭރު ބޮޑަށް ފެނިގެންދިޔައީ، ރައީސް ސޯލިޙް، އަފީފް އާއިއެކު މަސައްކަތް ކުރެއްވި މަންޒަރެވެ. އަދި ފަހުވަގުތު ހުރިހާކަމެއް ބަދަލުވެ "ކޮމްޕްރޮމައިޒް" އަކަށް ދިޔައެވެ. ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމާއި ޙަވާލުވެވަޑައިގެންނެވިއެވެ.

އެއާއި އެކު، އަސްލަމް އާއި ނަޝީދުގެ ގުޅުން ހީނަރުވިއެވެ. އަސްލަމް އާއި އަސްލަމް އަށް ތާޢީދުކުރައްވާ ބައެއް ފަރާތްތަކުން ދެކެނީ، އަސްލަމް އަށް ރައީސް ނަޝީދު "ދޯކާ" ދެއްވާފައިވާކަމަށެވެ.

އަސްލަމް އަކީ ރައީސް ސޯލިހް އެއްވެސް އިރެއްގައި އެހާ ގަޔާވި ބޭފުޅެއް ނޫނެވެ. މާބޮޑު ބަދަހި ގުޅުމެއް ފެނިފައިނުވެއެވެ. އަދި އިތުބާރު ލިސްޓުގެ އެއްވެސް ހިސާބެއްގައި ހިމެނޭކަމަށް ފާހަގަ ނުކުރެވެއެވެ. ނަމަވެސް މިނިސްޓަރ ފައްޔާޒު އިސްމާއިލް އާއި ގާތް ބޭފުޅަކަށް ވުމުގެ ސަބަބުން ވެރިކަމުގެ ކިއްލާތެރެއަށް ފަސޭހައިން ވަދެވެއެވެ. ނިމިދިޔަ މަޖިލީސް 19 އިންތިޚާބުގައި އަސްލަމް އަށް ލިބުނު ވޯޓަށްވުރެ، އަސްލަމްއާއި އިދިކޮޅަށް ލިބިފައިވާ ވޯޓުތައް ގިނައެވެ. އެއްއިރެއްގައި ރާއްޖެއިން އެންމެ ގިނައިން ވޯޓު ހޯއްދެވި ނަމަވެސް، އަސްލަމް އަކީ ފަހަކަށް އައިސް ރައްޔިތުންގެ ތާޢީދުވެސް ކުޑަ ފަރާތެކެވެ. މިލިސްޓުގެ އެންމެ ނާކާމިޔާބު ފަރާތެއްގެ ގޮތުގައި މިވަގުތަށް ފެންނަނީ މެމްބަރު އަސްލަމް އެވެ.

އެހެންކަމުން އެފަދަ ޙާލަތަކަށް ގޮސްފިނަމަ މަޖިލީހުގެ ރައީސްކަމުގެ ގޮނޑި ކާމިޔާބުކުރައްވާނެކަމަށް ބޮޑަށް ބެލެވެނީ ބިގޭ ނުވަތަ އަފީފަށް ކަމަށެވެ.

މިއީ، ރައީސް ނަޝީދު މަޖިލީހުގެ ރައީސްގެ ގޮނޑިން ފުރޮޅާލެވިއްޖެނަމަ ދެން ދެން ވެދާނެ ގޮތަކާއިމެދު އަލި އަޅުވައި ލިޔެފައި ސިނޭރިއޯތަކެކެވެ. ޚިޔާލެކެވެ!

ރައިސް ނަޝީދާއި މިހާރުވެސް ވާދަކުރައްވަމުން ގެންދަވާ ބައެއް ފަރާތްތައް

މިލިޔުމާއި ގުޅޭ :

އެޅިހައި ބަތަކަށް ރިހަ ނިމުމަކަށް؟

ޓެގްސް: ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.