އ.ދ.ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިޔޯ ގުތުރޭޝްގެ ވަރުގަދަ އިންޒާރެއް މުޅި ދުނިޔެއަށް އަމާޒުކޮށް ދީފިއެވެ.
ނިއުކްލިޔަރ ހަތިޔާރު އުފައްދާ ގެންގުޅުން މަނާކުރާ މުއާހަދާގައި ބައިވެރިވެފައިވާ ޤައުމުތަކުގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ގުތެރޭޝް ވިދާޅުވީ، މިވަގުތު ދުނިޔެ މި އޮތީ ފަނާކުރަނިވި ނިއުކްލިޔަރ ހަނގުރާމައެއްގެ ތުންފަތްމަތީގައި ކަމުގައެވެ.
ނޭގި ނަމަވެސް އެޅޭ ގޯސް، ކަތި ފިޔަވަޅެއްގެ ސަބަބުން ވެސް، ހަނގުރާމައެއް ފެށި މުޅި އިންސާނިއްޔަތައް އެކަމުގެ ނޭދެވޭ އިޔާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ވާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
ހަމައެހެންމެ ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި މިހާރުވެސް ހިނގަމުންދާ ހަނގުރާމަތަކާއި ހަމަނުޖެހުންތަކަށް އަލިއަޅުވައިލައި ވާހަކަދައްކަވަމުން ގުތުރޭޝް ވަނީ ރަޝިއާއަކީ ދުނިޔެއަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ސިފަކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެއީ މީގެ ކުރިން އެގައުމުގެ ރައީސް ވްލަޑިމިއަރ ޕުޓިން ދައްކަވާފައިވާ ވާހަކަފުޅުތަކަށް ރިޢާޔަތް ކޮށްފައެވެ. ޕުޓުން ވިދާޅުވެފައިވަނީ ރަޝިޔާގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވެއްޖެ ހާލަތެއްގައި ނިއުކްލިޔަރ ހަތިޔާރު ބޭނުން ކުރުމަށް އެ ޤައުމުން ފަސްނުޖެހޭނެ ކަމުގައެވެ.
ގުތުރޭޝް މި މޭރުމުން ރަޝިއާ އާއި ބެހޭގޮތުން ވާހަކަ ދައްކަވާފައިވާއިރު ރަޝިއާގެ ރައީސް ވަނީ މި ބައްދަލުމަށް ސިޓީފުޅެއްވެސް ފޮނުއްވަވާފައެވެ. އެ ސިތީގައި އޭނާ ވިދާޅުވެފައި ވަނީ ނިއުކްލިޔަރ ހަނގުރާމައެއްފެށިއްޖެ ނަމަ އެއްވެސް ޤައުމަކަށް ކާމިޔާބީ ނުލިބޭނެ ކަމުގައެވެ. އަދިއެ ފަދަ ހަތިޔާރު ބޭނުންކޮށްގެން ނުވާނެ ކަމުގައި ވެސް އޭނާވިދާޅުވެފައިވެއެވެ.
ކޮންމެއަކަސް ރަޝިއާ އާއި ހުޅަނގުގެ އެހެން ޤައުމުތަކާއި ދެމެދު ފިނި ހަނގުރާމައިގެ ހާލަތެއް އުފެދިފައިވާ އިރު މިހާރު ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމު ތަކުގެ ތެރޭގައި ހިމެނޭ ޗައިނާ އާއި އެމެރިކާގެ ގުޅުމަށް ވެސް މިވަނީ ކަޅު ވިލާތަކެއް އަރައިފައެވެ.
ނިއުކްލިޔަރ "ނަން ޕްލޮރިފެރޭޝަން ޓްރީޓީ" ނުވަތަނިއުކްލިޔަރ ހަތިޔާރު އުފައްދާ ގެންގުޅުން މަނާ ކުރާ މުއާހަދާގައި ދުނިޔޭގެހުރިހާ ބާރަކުން ވަނީ ސޮއިކޮށްފައެވެ. ނަމަވެސް، މި މުއާހަދާގައި އަދިވެސްބައިވެރިނުވާ ބައެއް ޤައުމުތައް ހިމެނެއެވެ. އެގެ ތެރޭގައި އިންޑިޔާ ،ޕާކިސްތާން، އުތުރު ކޮރެޔާ އަދި އިސްރާއީލް ފަދަ ބާރުވެރި ގައުމުތައް ވެސް ހިމެނެއެވެ.