ރާއްޖޭގެ ސްކޫލެއްގައި ދަރިވަރުންނަށް މަރުޙަބާކިޔުން

ހަބަރު

ދިރާސީ އައު އަހަރުގެ ކިޔެވުމާއިއެކު، މުދައްރިސުންނަށް ކިޔަވައިދިނުމުގެ ލައިސަންސް ދޫކުރުމުގެ މަސައްކަތް ފެށިއްޖެ

ދާނިޝް - ދިވެހި ރާއްޖެ | 7 އޯގަސްޓު 2022 , އާދީއްތަ 20:42   291

ރާއްޖޭގެ 217 ސްކޫލެއްގައި މިއަދު ދިރާސީ އައު އަހަރުގެ ކިޔެވުން ކިޔެވުން އައު ލަނޑުދަނޑިތަކަކާއި އުއްމީދު ތަކަކާއި އެކު ފަށައިފިއެވެ.

އައު އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ހުރިހާ ސްކޫލްތައްވެސް ޒީނަތްތެރިކޮށްފައިވާ އިރު އައު އަހަރުގެ ފެށުމާއި ދިމާކޮށް ހަރަކާތްތަކެއްވެސް ވަނީ ކުރަށް ގެންގޮސްފައެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މައުލޫމާތު ދެއްވާ ގޮތުގައި މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާފައިވަނީ 93278 ދަރިވަރުންނާ އެކުގައެވެ. މީގެ ތެރޭގައި ސަރުކާރު ސްކޫލްތަކާއި ޕްރައިވެޓް ސްކޫލްތައް ހިމެނޭހެން، މިއަހަރު އަލަށް ސްކޫލަށް ވަން ދަރިވަރުންގެ އަދަދަކީ 7700އެވެ. ހަމައެހެންމެ މާލެ ސަރަޙައްދަށް އިތުރު 1500 ދަރުވަރުން ބަދަލުވެފައިވާކަން އެ މިނިސްޓްރީން ފާހަގަކުރެއެވެ.

މީގެ އިތުރުން އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށިފައި މިވަނީ ސްކޫލްތަކަށް ބޭނުންވާ ހުރިހާ ޓީޗަރުން ހަމަވެގެން ކަމަށް މިނިސްޓްރީއިން ވިދާޅުވެއެވެ. 8364 ޓީޗަރުންނާއެކު ދިރާސީ އަހަރު ފެށިފައިވާއިރު މީގެ ތެރޭގައި ހިމެނެނީ 6006 ދިވެހި ޓީޗަރުންނާއި 1693 ބިދޭސީ ޓީޗަރުންނެވެ. އަދި އެހެން އަހަރުތަކާއި ޚިލާފަށް ޓީޗަރުން ހޯދުމުގައި މިއަހަރު ދަތިތަކެއް ދިމާނުވާކަމަށް އެޑިއުކޭޝަނުން ފާހަނގަކުރައްވައެވެ. މިކަމުގެ ސަބަބެއްކަމަށް އެމިނިސްޓްރީއިން ވިދާޅުވީ ޓީޗަރުންގެ މުސާރައަށް ސަރުކާރުން ގެނައި ހެޔޮ ބަދަލެވެ.

އައު އަހަރު ފެށުމުގެ މުނާސަބަތާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓަރ ޑރ. އަޢިޝަތް އަލީ ދެއްވި ޚިތާބުގައި ވަނީ ތަޢުލީމީ ނިޒާމުގެ ފެންވަރު މަތިކުރުމުގެ ގޮތުން މިއަހަރުގެ ތެރޭގައި މުދައްރިސުންނަށް ލައިސަންސް ދޫކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވާނެކަމަށް ވިދާޅުވެފައެވެ. އަދި އަލަށް ތަންފީޒުކުރަން ފެށި ތަޢުލީމީ ޤާނޫނާއި ގުޅިގެން ހަދަން ޖެހޭ ހުރިހާ ޤަވާއިދުތަކެއް ހަދާ ނިމިފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ މި ދިރާސީ އަހަރު އެ ޤަވާއިދުތައް ތަންފީޒުކުރަން ފެށިގެންދާނެ ކަމުގައެވެ.

މީގެ އިތުރުން މިނިސްޓަރގެ ވާހަކަފުޅުގައި ވިދާޅުވީ ތަޢުލީމުގެ ޤާނޫނުން ޙަވާލުކުރެވިފައިވާ އެންމެ މުހިއްމު ކަމަކީ ދަރިވަރުންގެ ރައްކާތެރިކަމެވެ. މިއާއި އެކު ތަޢުލީމީ ޤާނޫނުގައި ހުރި ކަންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިއަހަރު އެންމެ އިސްކަމެއްދީގެން މިނިސްޓްން ކުރައްވާނެ އެއްކަމަކީ ތަޢުލީމީ ނިޒާމުގެ ފެންވަރު މަތިކުރުން ކަމަށާއި އެ މަގްސަދާއި ހަމައަށް ވާސިލު ވުމަށްޓަކައި އެޅޭނެ އެންމެ މުހިއްމު އެއް ފިޔަވަޅަކީ މުދައްރިސުންނަށް ކިޔަވައިދިނުމުގެ ލައިސަންސް ދޫކުރުންކަން ފާހަގަކުރައްވިއެވެ. އަދި މިކަމުގެ އަމަލީ މަސައްކަތް ފެއްޓެވުމަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް މިހާރު ތައްޔާރު ކޮށްފައިވާކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިކަމުގެ ނަތީޖާއެއްގެ ގޮތުން މުދައްރިސްކަމުގެ ތަޢުލީމު ހަރުދަނާވެ، ހުނަރުވެރި، އަދި އަބުރުވެރި މުދައްރިސުން ކުރިމަގުގައި ލިބި ދަރިވަރުންގެ ފެންވަރު ރަނގަޅުވާނޭކަމަށް ޢުއްމީދުކުރައްވާ ކަމަށްވެސް މިނިސްޓަރ އާއިޝަތު އަލީގެ ޚުތުބާގައި ވިދާޅުވިއެވެ. މީގެ އިތުރުން މިނިސްޓަރގެ ޚިތާބުގައި ވިދާޅުވީ ވަނީ ބެލެނިވެރިންނަށާއި މުދައްރިސުންނަށް ސްކޫލާއި ސްކޫލުން ބޭރުގައި ދަރިވަރުންނާ މުޢާމަލާތްކުރާ މީހުންނަކީ ކޮންބައެއް ކަން ދެނެގަނެ، އެއްވެސް މީހެއްގެ ފަރާތުން ދަރިވަރަކަށް ގެއްލުމެއް ވިޔަ ނުދިނުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވަން އިލްތިމާސް ކުރައްވާފައެވެ.

ދަރިވަރުންނާއި މުޚާތަބު ކުރައްވަވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވަނީ ކާމިޔާބު ދަރިވަރަކަށް ވުމަށްޓަކައި ދިރާސީ އަހަރުގެ ފުރަތަމަ ދުވަހުނެ ފެށިގެން ޢަޒުމްތައް ކަނޑައެޅުމަށާއި، އެކުއްޖަކު ބޭނުންވާ މަންޒިލަށް ވާސިލުވުމަށްޓަކައި އެއްވާނެއްގައި މަސައްކަތްކުރުމަށް ދަރުވަރުންނަށް ނަސޭހަތްތެރިވެފައެވެ.

ޓެގްސް: ތަޢްލީމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.