ރައީސް ނަޝީދު

ހަބަރު

ނަޝީދުގެ "ރާއްޖެ ބަރުލަމާނީކުރުމުގެ އެޖެންޑާއަށް" އެއްވެސް ސިޔާސީ ލީޑަރަކު ތާޢީދެއް ނުކުރި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 17 އޯގަސްޓު 2022 , ބުދަ 09:52   297

އަންނަ އަހަރުގެ ރިޔާސީ ރޭހަށް ފޯރިހިފަމުން އަންނައިރު، މިއިންތިޚާބުގައި ގިނަ ޢަދަދަކަށް ކެންޑިޑޭޓުން ބައިވެރިވާނެކަމަށް ބެލެވެއެވެ.

.

މިހާތަނަށް ކުރިމަތިލުމުގެ ޝަޢުގުވެރިކަން ފާޅުކުރައްވާފައިވާ ފަރާތްތަކުގެ ތެރޭގައި މިހާރު ރައީސް ސޯލިޙްގެ އިތުރުން ކުރީގެ ރައީސް ނަޝީދު އާއި ޕީޕީއެމްގެ ފަރާތުން ރައީސް ޔާމީން އާއި، އެމްއެންޕީގެ ފަރާތުން ނާޒިމް މީގެ އިތުރުން އެމްޑީއޭ ފަރާތުން ސަން ޝިޔާމު ވެސް ހިމެނެއެވެ.

މިބޭފުޅުންގެ ތެރޭގައި ހުރި ތަފާތު އެކި ވިސްނުންތަކަށް ބަލާއިރު، ރައީސް ސޯލިޙް ގެންދަވަނީ ދަރަނިތައް ގިނަކޮށްގެން ވިޔަސް، ސަރުކާރުން ވަޢުދުވެފައިވާ ތަރައްޤީގެ ޕްރޮޖެކްޓްތައް ނިންމުމުގައި ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. ރައީސް ނަޝީދު އާއިއެކު މިހާތަނަށް ގިނަ ސިޔާސީ މަސައްކަތްތަކެއް ކުރެއްވިނަމަވެސް، ދެބޭފުޅުންގެ ގުޅުން ގޯސްވެ، ޚިޔާލުތައް ވަނީ ވަރަށްބޮޑަށް ކަފިވެފައެވެ.

ސިޔާސީ މައްސަލަތަކުގެ އިތުރުން ޒާތީ އަދި ޢާއިލީ މައްސަލަތަކެއް ވަނީ މިފަހުން ފެންމަތިވެފައިވެއެވެ. ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ބަދުއަޚުލާގީ މައްސަލައެއްގައި ހައްޔަރުކުރުމާއި ގުޅިގެން ނުރުހުން ފާޅުކޮށް ރައީސް ނަޝީދު ވަނީ، ރައީސް ސޯލިހް ވެސް ބަދުއަޚުލާޤީ ޢަމަލު ހިންގާ ފޮޓޯތަކެއް ހުރިކަމަށް ވިދާޅުވެ ޗެލެންޖްކުރައްވާފައެވެ. ނަމަވެސް، އެވާހަކަތަކުގެ މިސްރާބު ފަހުން ބަދަލުވެފައިވެއެވެ.

"ބަރުލަމާނީ ފިކުރަކީ" ރައީސް ނަޝީދު، އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގެ މެދުތެރެއިން ވިއްކަވަން ފެއްޓެވި ޚިޔާލެކެވެ. އަދިވެސް އެމަނިކުފާނު ހުންނެވީ އެޚިޔާލު ދޫކުރައްވާގޮތަކަށް ނޫނެވެ. މިގޮތުން ކުރިއަށް އޮތް އެމްޑީޕީގެ ކޮންގްރެސް އަށް ބަރުލަމާނީ ނިޒާމް ގެނައުމަށްޓަކައި ޤަރާރެއް ހުށަހަޅުއްވާފައިވީ ނަމަވެސް، ރައީސް ސޯލިޙް ވަނީ އެއަށް ދެކޮޅުހައްދަވާ، އެޤަރާރު އަނބުރާ ގެންދެވުމަށް ގޮވާލާފައެވެ.

ގައުމުގެ ޙާލަތު މިއޮތީ ވޯޓެއް ނަގައި ނިޒާމު ބަދަލުކުރަން އެންމެ ރަނގަޅަކަށް ނޫން. ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވޭ ރައީސަކު، ސަރުކާރު ހިންގުން އެންމެ ރަނގަޅުގޮތަކީ.

~ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް

ރައީސް ނަޝީދު ވަނީ، ރައީސް ޔާމީނު އަށް ވެސް އެފަދަ ޚިޔާލުތަކެއް ހުށަހަޅުއްވާފައެވެ. ނަމަވެސް ރައީސް ޔާމީނު ވަރަށް ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އެމަނިކުފާނަށް ރައީސް ނަޝީދު އާއިއެކު މަސައްކަތްކުރެވޭނެކަމަށް ޤަބޫލުފުޅުނުކުރެވޭކަމަށާއި، ވަރަށް އަސާސީކަންކަމުގައި ދެބޭފުޅުންގެ ފިކުރު ތަފާތުކަމަށެވެ.

ސަން ޝިޔާމު އާއި ރައީސް މައުމޫނުގެ އިތުރުން، ޤާސިމް އިބްރާހިމް ވެސް ވިދާޅުވީ ބަރުލަމާނީ އަކީ ރާއްޖެ އާއި ބީރައްޓެހި ނިޒާމެއް ކަމަށާއި، އެނިޒާމަށް ތާޢީދުނުކުރާކަމަށެވެ. މިހުރިހާ ބޭފުޅުން ވެސް ވަނީ މީގެކުރިންވެސް އެކި ފޯރަމްތަކުގައި ބަރުލަމާނީ އާއި ދެކޮޅުހައްދަވައި ވާހަކަފުޅު ދައްކަވާފައެވެ.

ސަރުކާރަށް ނިސްބަތްވާ މަޖިލީސް މެމްބަރުން އަދި ވަޒީރުން ވެސް ބަރުލަމާނީއަށް ތާޢީދުނުކުރާއިރު، ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ، ބަރުލަމާނީ އަކީ އަދާލަތު ޕާޓީއަށް އެންމެ ރަނގަޅުގޮތްކަމަށް ގަބޫލުކުރެއްވި ނަމަވެސް، އެއީ ޤައުމަށް ފައިދާހުރިގޮތްކަމަށް ދެކެވަޑައި ނުގަންނަވާކަމަށެވެ.

ޓެގްސް: ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް ރައީސް މުހައްމަދު ނަޝީދު އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.