ޔޫކްރޭނާއި ރަޝިއާގެ ބޯޑަރުގައި އޮންނަ، ކްރައިމިއާގައި ހުންނަ ރަޝިޔާގެ އަސްކަރީ މަރުކަޒަކަށް ޔޫކްރޭނުން ދިން ހަމަލާތަކެއް ދިންތާ ހަފްތާއެއް ފަހުން، އަނެއްކާ އެހެން އަސްކަރީ ފެސިލިޓީއެއްގައި ހުރި ހަތިޔާރު ގުދަނެއް ގޮވާލުމުގެ ހާދިސާއެ ހިނގައިފި އެވެ.
ކްރައިމިއާގެ މައިސްކޯޔޭ އަވަށުގައި ހުންނަ ހަތިޔާރު ސްޓޯރެޖް ގޮއްވާލުމުގެ ސަބަބުން ދެ މީހަކަށް އަނިޔާވެފައިވާ ކަމަށް ކަމާއިގުޅޭ އިދާރާތަކުން އަންގާރަ ދުވަހު ބުނެފައިވެއެވެ.
ކްރައިމިއާގެ އުތުރުގެ ޖަންކޯއީ ސަރަހައްދުގައި އަންގާރަ ދުވަހުގެ ހެނދުނު އަސްކަރީ ފެސިލިޓީއަށް ގެއްލުން ދިނުމުގެ ޒިންމާ ނަގަން ޖެހޭނީ ޔޫކްރޭން ކަމަށް ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ. ރަޝިޔާގެ އޮފިޝަލުން ބުނީ މިހަމަލާގައި، ޖަންކޯއީ ސަރަހައްދުގައި އަލިފާނުގެ ހާދިސާތައް ހިނގައި އިންޖީނުގެއެއްގައި އަލިފާން ރޯވެ ރޭލުމަގަށްވެސް ގެއްލުން ލިބިފައިވާ ކަމަށްވެއެވެ.
ނަމަވެސް، މި ހަމަލާތައް ދިންކަމަށް ޔޫކްރޭނުން އެއްބަސްވެފައެއް ނުވެއެވެ.
ޔޫކްރޭނުން މި ހާދިސާގެ ޒިންމާ ނަގާފައި ނުވި ނަމަވެސް ޔޫކްރޭންގެ ރިޔާސީ ލަފާދޭ މައިޚައިލޯ ޕޮޑޮލިއަކް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރަޝިޔާ މީހުން ހިފާފައިވާ ކްރައިމިއާ އަކީ ގުދަންތައް ގޮވުމާއި އަރައިގަންނަ މީހުންނާއި ވަގުން މަރުވުމުގެ ނުރައްކާ ބޮޑު ތަނެއް ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހު ރަޝިޔާގެ ނޮވޮފެޑޮރިވްކާގެ ވައިގެ މަރުކަޒަށް ދިން ގޮވުންތަކުގައި ރަޝިޔާގެ އަސްކަރީ މަތިންދާބޯޓު ހަލާކުވެފައިވާ ކަމަށް ސެޓެލައިޓް ފޮޓޯތަކުން ދައްކަ އެވެ. އަދި ގޮވުމުގެ ހާދިސާތަކުގައި މަރުވެ 14 މީހަކަށް ޒަހަމްވެފައިވާ ކަމަށް ކްރައިމިއާގެ ހެލްތު މިނިސްޓްރީން ބުނެއެވެ.
ކްރައިމިއާގެ ވައިގެ މަރުކަޒެއްގައި ގޮވުންތައް ގޮއްވާލީ ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގެއެވެ.
ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނީ މިހާދިސާ ހިނގާފައި ވަނީ އެކްސިޑެންޓްވެގެން ބަޑި ގޮއްވާލުމާ ގުޅިގެން ކަމަށެވެ. މި ހާދިސާގެ ޒިންމާ ޔޫކްރޭނުން އާންމުކޮށް ނަގާފައެއް ނުވެއެވެ.