ހިތަދޫގެ ގެއަކުން ވަގަށް ނަގާފައިވާ ސިނގިރޭޓް ފޮށިތަކެއް.

ހަބަރު

ވައްކަން ކުރި ކަމުގެ ތުހުމަތުގައި އަނެއްކާވެސް ހިތަދޫއިން މީހަކު ހައްޔަރުކޮށްފި

އަމާނީ - އައްޑޫ އަތޮޅު | 5 ސެޕްޓެންބަރ 2022 , ހޯމަ 11:50   285

އައްޑޫސިޓީ ހިތަދޫގެ ފިހާރައަކުން ގިނަޢަދަދެއްގެ ސިނގިރޭޓް ފޮށިތަކެއް ވަގަށް ނަގައި އެތަކެތި ވިއްކަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

އައްޑޫ ޕޮލިސް ސްޓޭޝަނުން ވިދާޅުވީ މިދިޔަ އޯގަސްޓް މަހުގެ 25 ވަނަ ދުވަހުގެ ރޭ ހިތަދޫ ޔޫރޯ ސްޓޯރުން ވައްކަންކޮށްގެން ހުށަހެޅުނު މައްސަލައަކާ ގުޅިގެން، އެތަކެތި ހޯދަން ކުރެވުނު މަސައްކަތުން، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ސިނގިރެޓް ވިއްކަން އުޅުނު 39 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ގެންގޮސްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ކޯޓުންވަނީ އޭނާ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

އައްޑޫ ސިޓީގައި ވައްކަމުގެ މައްސަލަތައް މަދުކުރުމަށާއި އަދި ރައްޔިތުންނަށް އަމާން ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް، އެސިޓީގައި ޚާއްސަ މަސައްކަތްތަކެއް ފުލުހުންދަނީ ކުރައްވަމުންނެވެ. އެގޮތުން، އާންމުކޮށް ކުށުގެ ވެށީގައި ހަރަކާތްތެރިވަމުންދާ މީހުންނާއި މަސްތުވާތަކެތި ބޭނުންކުރާކަމަށް ތުހުމަތުކުރެވޭ މީހުން ހުއްޓުވައި ސުވާލުކުރުމާއި، ކުށްތައް ގިނަކަމަށް ފާހަގަ ކުރެވޭ ސަރަހައްދުތަކުގައި ފުޓް ފެޓްރޯލް ކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. މި މަސައްކަތްތަކުގެ ތެރެއިން އޮގަސްޓް 31 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހިތަދޫ ގެއެއް ބަލައިފާސްކޮށް، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ގޯ ޕްރޯ އަކާއި މޮބައިލް ފޯނުތަކެއް ހޯދާފައިވެއެވެ.

މީގެ އިތުރުން، އައްޑޫ ސިޓީގައި ވައްކަމުގެ މައްސަލަތައް މަދުކޮށް އެކަން ހުއްޓުވުމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ގޭބިސީތަކާއި މީހުން އެއްވެ އުޅޭ ސަރަހައްދުތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ މަސައްކަތް ކުރިއަށް ދެއެވެ. އަދި ވައްކަމުގެ މައްސަލަތައް ގިނަވާ ކަމަށް ބެލެވޭ ގަޑިތަކުގައި ފުލުހުން އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ މިންވަރު ވަނީ އިތުރު ކޮށްފައެވެ.

އައްޑޫ ސިޓީއަކީ ކުށްމަދު އަމާން ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ. އެގޮތުން، ވައްކަން ކުރުމުގެ ފުރުސަތު ނުދިނުމަށް، ފައިސާއާއި އެހެނިހެން ތަކެތި ފަސޭހައިން ނެގޭގޮތަށް ނުވަތަ ފެންނަ ގޮތަށް ގޭތެރޭގައި ނުބެހެއްޓުމަށާއި ގޭގެ ދޮރުތަކާއި ފެންލައިޓުންވެސް ގެއަށް ނުވަދެވޭނެ ގޮތަށް ހެދުމާއި އަދި ރެކޯޑު ކުރެވޭ ގޮތަށް ކެމެރާ ސިސްޓަމް ހަރުކުރުމުގައި ގޭގެވަށައިގެން ފެންނާނޭހެން ބެހެއްޓުމުގެ އިތުރުން ވައްކަމުގެ މައްސަލައެއް ފާހަގަކުރެވިއްޖެނަމަ ފުލުހުންނަށް ރިޕޯޓު ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ޓެގްސް: ކުށްކުރުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.