ހިތަދޫ ބަނދަރު ސަރަޙައްދު، ޚިދުމަތް ނުލިބޭ ބަނދަރުތޮއްޓެއް ނެތްތަނަކުން ފީ ނަގާތީ މީގެކުރިންވެސް އޮޑިވެރިން ވަނީ ނުރުހުން ފާޅުކޮށް އަޑު އުފުލާފައި

ހަބަރު

އައްޑޫގެ ބަނދަރުތަކުން ފީނަގަން ފެށުމާއިއެކު، ނައުލު ބޮޑުވެ ތަކެތީގެ އަގަށް ބޮޑު ބަދަލުތަކެއް

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 8 ސެޕްޓެންބަރ 2022 , ބުރާސްފަތި 09:15   500

އައްޑޫ ސިޓީ ކައުންސިލަށް ޢާމްދަނީ އިތުރުކުރުމަށް ކަމަށްބުނެ، އައްޑޫގެ ބަނދަރުތަކުން ފީނަގަން ނިންމާފައިވަނީ މި އަހަރުގެ ޖޫންމަހުގެ މެދެއް ހާތާނގައެވެ.

އެންމެ ފުރަތަމަ ކައުންސިލުން ޢާއްމުކުރި އިޢްލާނުގައި ވެސް ހުރީ ވަރަށް ބޮޑެތި ޢަދަދުތަކުން ފީތައް ޖަހާފައެވެ. އެކްސްޕްރެސް ނޫހާއި ވާހަކަދައްކަމުން އޭރުވެސް އޮޑިވެރިން ދިޔައީ ނުރުހުން ފާޅުކުރަމުންނެވެ. އެމީހުން ބުނަމުން ދިޔައީ، ބަނދަރު ތޮއްޓެއް ނެތް، ފެނެއް ކަރަންޓެއް ނެތް، އަދި ވާރޭ ވެހިއްޖިއްޔާމު ފެންބޮޑުވެ އެތައް ގެއްލުމެއްވާތަނަކުން ބޮޑުފީ ނަގަންޖެހޭ ސަބަބު ނުވިސްނޭ ކަމަށެވެ. އަދި ވެރިރަށް މާލެ އާއި އަޅާބަލާއިރު ވެސް އެތައް ގުނަ އެއް އަގުތައް ބޮޑުކަމަށް ބުނެ، ޝަކުވާ އުފުލިއެވެ.

އަދި އެކަން މޭޔަރާއި ކައުންސިލަރުންގެ ސަމާލުކަމަށް އައުމުން، ފީނެގުން މަޑުޖައްސާލިއެވެ. ނަމަވެސް އަނެއްކާ ހަފްތާއެއްހާ ދުވަސްފަހުން، އަގުތަކަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނައި ނަމަވެސް، އަނެއްކާވެސް ހުރީ ހަމަ ނިސްބަތުން ބޮޑުކޮށެވެ. އެހެންކަމުން، އޮޑިވެރިން ވަނީ ބޯޓު ފަހަރުން ނަގާ ނާލުވެސް ބޮޑުތަނުން ބޮޑުކުރަން ފަށާފައެވެ. އެމީހުން ބުނަނީ، ގެއްލުމުގައި އޮޑިފަހަރު ނުދުއްވޭނެ ކަމަށެވެ. އަދި އައްޑޫގެ ވިޔަފާރިތަކުން ދަނީ ތަކެތީގެ އަގުތަކަށް ވެސް ބަދަލުގެންނަމުންނެވެ.

ބަނދަރު ފީ ތަކާއި ގުޅިގެން ނާލަށް އަައިސްފައިވާ ބަދަލު ހާމަކޮށްދިނުމަށް ފޭދޫގެ ވިޔަފާރިވެރިއަކު ސޯޝަލްމީޑިއާގައި ޢާއްމުކޮށްފައިވާ ޕޯސްޓެއް

މިކަމާއި ގުޅިގެން ކައުންސިލުން ބުނެފައިވަނީ، ބަޖެޓެއް ނެތް ކަމަށާއި، ސަރުކާރުން ވެސް އެކަށީގެންވާ މިންވަރަށް ފައިސާ ނުލިބި އެބަހުރިކަމަށެވެ. ކައުންސިލުން ދައްކަން ޖެހޭ ބިލުތަކުގެ ޢަދަދު މިލިއަނުން ގުނާލެވޭ ކަމަށެވެ. އެހެންކަމުން، ފައިސާ ހޯދުމަށްޓަކައި، ފީތައް ނެގުމާއި، ނަގާ ފީތައް ބޮޑުކުރުން ނޫން ގޮތެއް ނެތް ކަމަށެވެ. އަދި ކުރިއަށް އޮތްތާގައި ވެސް އިތުރު ފީތައް ނަގާނެކަމަށެވެ. މިގޮތުން، ކުރިން ފީނުނެގޭ ބަނދަރުތަކުން ފީނެގުމަށް ވެސް ނިމިދިޔަ ހަފްތާގައި ކައުންސިލުން ވަނީ ފާސްކޮށްފައެވެ.

މިއޮތް ފަދަ ތަދު ދުވަސްވަރު، ކައުންސިލުން މިއުޅެނީ ކީއްކުރަންބާ. ޕެޓްރޯލާއި ކައްކާ ތެލުގެ އަގު ވެސް އެހެރީ އަތް ނުފޯރާ ފަށުގައި. ދުނިޔޭގެ ބާޒާރުގައި ވެސް ތަކެތީގެ އަގު އެދަނީ މަޑުޖެހުމެއް ނެތި މައްޗަށް އުފުލެމުން. އިގްތިސޯދު އޮތީ އެހާ ނާޒުކު ފައްތަރެއްގައި. ވިޔަފާރި އެހާ ދަށް. އަނެއްކާ އިއްޔެ ސަރުކާރުން ވެސް އެއޮތީ ބުނެފަ، ކޮތަޅުން ޑިއުޓި ނެގުން ވެސް މަޑު ޖައްސާލާނާކަމަށް ޙާލަތަށް ބަލާފައި. ކަންކަން މިހެން ހުރިއިރު، ދުރު ވިސްނޭ ބަޔަކު ކުރާނެކަހަލަ ކަންކެމެއް ނޫން މިކުރަނީކީ

~ ނުރުހިފައި ހުރި ހިތަދޫގެ ވިޔަފާރިވެރިއެއް

ކައުންސިލުން ޢާމްދަނީ އިތުރުކުރުމަށް އިތުރު ގިނަ ފީތަކެއް ނަގަން ފަށާފައިވާއިރު، ކައުންސިލަށް ލިބެންޖެހޭ އެތައް މިލިއަން ރުފިޔާ ނުލިބި އެބައޮތެވެ. އަދި ކައުންސިލުން މިދިޔަ ބޮޑު ޢީދާއި ދިމާކޮށް ގިނަ ޚަރަދުތަކެއް ކޮށްފައިވާތީ ރައްޔިތުންގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ. އަދި ނޫސްތަކުން އެޚަރަދުތަކުގެ ތަފްޞީލްދިނުމަށް އެދި ޤާނޫނީ ފޯމު ފުރުމުން ވެސް އިޖާބަ ދީފައި ނުވެއެވެ.

އައްޑޫ ސިޓީ ހިމެނެނީ މަޢްލޫމާތު ހޯދައި ލިބިގަތުމުގެ ޙައްގު (މަލޯހި) ގެ ދަށުން ހިންގާ ޕޯޓަލް ގައި ވެސް ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ ތެރޭގައެވެ. މިކަމާއި ގުޅިގެން އެކްސްޕްރެސް ނޫހަށް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ލިޔުމުން ދީފައިވާ ޖަވާބުގައި ބުނެފައިވަނީ، އައްޑޫ ސިޓީ ކައުންސިލުން ފޯރޮކޮށްދޭން ޖެހޭ މަޢްލޫމާތުތައް ފުރިހަމައަށް ފޯރުކޮށްދީފައި ނުވާކަމަށެވެ.

މިލިޔުމާއި ގުޅޭ:

ހިތަދޫ ބަނދަރު ތޮއްޓަށް ކައިރިކުރާ ކަނޑުއުޅަނދުން ފައިސާނަގަން ފަށައިފިކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި

ޓެގްސް: އައްޑޫ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.