އެމްއެންޔޫގެ ނެވިކަމުގެ ސިމުލޭޝަން ޕްރޮގްރާމެއްގެތެރެއިން

ހަބަރު

އިންސާނީ ވަޞީލަތް، އިޤްތިޞާދީ ނަޒަރަކުން މަތީތަޢުލީމު

އިދްހާމް ފަހުމީ - އެހެނިހެން | 8 ސެޕްޓެންބަރ 2022 , ބުރާސްފަތި 20:47   608

18 ވަނަ ޤަރުނުގެ އިިޤްތިޞާދީ ޢިލްމުވެރިންނާއި ހިސާބުން ފެށިގެންވެސް ޤަބޫލްކުރަމުން އައި އެއްކަމަކީ ޤައުމެއްގެ އުފެއްދުންތެރިކަމާއި އިިޤްތިޞާދީ ކުރިއެރުން ގުޅިފައިވަނީ ހަމައެކަނި މެޝިނަރީއާއި ޤުދުރަތީ ވަޞީލަތްތަކަކާ (މިސާލަކަށް ބިން) ނޫން ކަމަށެވެ. އެކަމަކު، ޤައުމެއްގައި ދިރިއުޅޭ މީހުންގެ ޢިލްމާއި ހުނަރުވެރިކަން އިތުރު ކުރެވިއްޖެ ނަމަ އިިޤްތިޞާދީ ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.

އިިޤްތިޞާދީ ޢިލްމުވެރިއެއް ކަމަށްވާ ގެރީ ބެކާ (1964، 1976) ކުރެއްވި ދިރާސާތަކުން ފަރުދުންގެ ޢާމްދަނީއާއި މަތީތަޢުލީމާ ހުންނަ ގުޅުން ފެނިގެންގޮސްފައި ވެއެވެ. މިފަދަ ދިރާސާތަކުގެ އަލީގައި "ހިއުމަން ކެޕިޓަލް ތިއަރީ" އުފެދިގެން އައެވެ.

ހިއުމަން ކެޕިޓަލް ތިއަރީގެ އަލީގައި ފަރުދުންގެ ޢިލްމާއި ހުނަރު އަދި ލިބިފައިވާ ޤާބިލްކަން ދެނެގަންނަން ފަސޭހަވެގެން ދިޔައެވެ. ޤައުމެއްގެ މަސައްކަތްކުރާ އާބާދީގެ އެންމެންނަށް ލިބިގެންދާނެ އާމްދަނީ އާއި އިޤްތިޞާދީ ކުރިއެރުން ގުޅިފައިވާތީ، ޤައުމުތަކުގެ ސަރުކާރުތަކުން ވަކި ފެންވަރަކަށް ކިޔެވުން އެއީ މަޖްބޫރުކަމެއްގެ ގޮތުގައި ހަދައިފައިވަނީ މިސަބަބާއި ގުޅިގެންދެއެވެ.

ހިލޭ ޑިގްރީ ފެންވަރަށް ކިޔެވޭނެ ގޮތް ދިވެހިރާއްޖޭގައި ވެސް މަގުފަހި ކޮށްދެއްވާފައި ވަނީ ވެސް، މިދެންނެވި "ހިއުމަން ކެޕިޓަލް ތިއަރީ" ގެ އަލީގައި މީހުންނަށް މަތީ ތަޢުލީމު އުނގެނިގެން މުސްތަޤްބަލުގައި ލިބޭނެ އާމްދަނީ ވަރަށް ބޮޑަށް އިތުރުވުމުގެ ފުރުޞަތު އޮތުމުންކަމަށް ޤަބޫލް ކުރެވެއެވެ. ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ޤައުމީ ޔުނިވަރސިޓީ ފަދަ މަތީ ތަޢުލީމްދޭ މަރުކަޒުތައް ބިނާކުރުމަށް ހޭދަވާ ޚަރަދާއި މުދައްރިސުންނަށް އެކަށީގެންވާ އުޖޫރައެއް ދިނުމަށް ބަޖެޓުން ކުރެވޭ ޚަރަދު، އަދި ހިލޭ މަތީ ތަޢުލީމު ޙާޞިލްކުރެވޭނެ ފުރުޞަތުތައް ހުޅުވައިލުމަކީ މުސްތަޤްބަލަށް ކުރެވޭ ބޮޑު އިންވެސްޓްމަންޓެއްކަމަށް ސަރުކާރުތަކުން ދެކެނީ ހިއުމަން ކެޕިޓަލް ތިއަރީގެ "ކޮސްޓް އެންޑް ބެނެފިޓް" އެނަލިސިސްގެ އަލީގައި އަޅާކިޔުމަށް ފަހުއެވެ.

ޤައުމުގައި ވަޞީލަތްތައް މަދު ނަމަވެސް، ދެކުނުުކޮރެއާ އާއި ސިންގަޕޫރު ފަދަ ޤައުމުތަކުގެ ކާމިޔާބީ ގުޅިފައިވަނީ ގިނަބަޔަކަށް މަތީތަޢުލީމު ހިލޭ ނުވަތަ ހެޔޮއަގެއްގައި ލިބޭނެ އިންތިޒާމް ހަމަޖެހިފައި އޮތުމުގެ ސަބަބުން ކަމަށް ބެލެވިދާނެއެވެ. ޤައުމުގެ އާބާދީއަކީ ކިޔަވައިގެން ހުނަރާއި ޤާބިލްކަން ލިބިފައިވާ އާބާދީއެއް ނަމަ، ޤައުމުގެ އުފެއްދުންތެރިކަން މަތިވާނެއެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ގެ ދަރިވަރުން ތަމްރީނު ޕްރޮގްރާމެއްގެތެރެއިން

ޔުނިސެފްގެ ރިޕޯޓެއްގައި ވާގޮތުން، ގްރޭޑް 10 ނިންމުމަށްފަހު، 45 އިންސައްތަ ކުދިން މަތީ ޘާނަވީއަށް ކިޔަވަން ވަދެއެވެ. ދިވެހިރާއްޖޭގައި ގްރޭޑް 12 އާއި ހަމައަށް ހިލޭ ކިޔެވޭއިރު މިމަގު ކުދިން ޚިޔާރުނުކުރަނީ ކީއްވެތޯ؟ މީ އުފެދޭ ސުވާލެކެވެ.

ކޮންމެ ކުއްޖެއްގެ މުސްތަޤްބަލް ބިނާކުރުމަށް އެންމެ މުހިއްމު އެއްކަމަކީ ސްކޫލް ސިސްޓަމްގެ ތެރެއިން މަތީ ޘާނަވީއާ ހިސާބަށް ކިޔެވުން ކަމުގައި އޮތުމަކީ މުހިއްމު ކަމެވެ. އަދި އެޙާޞިލްކުރާ ތަޢުލީމް އެއީ ކޮންމެ ކުއްޖެއްގެ ވެސް ޙަޔާތުގެ ބިންގާކަމަށް ވެގެންދާހިނދު، މަތީ ތަޢުލީމް އެއީ ކޮންމެ ކުއްޖަކަށް މުސްތަޤްބަލްގައި ލިބޭނެކަމަށް ބެލެވޭ އާމްދަނީ ބިނާވާ، ތަޢުލީމާއި ތަމްރީނެވެ.

ކުރެވިފައިހުރި ދިރާސާތަކުގެ އަލީގައި ކުރުކޮށް އެއްޗެއް ދަންނަވާ ނަމަ ޤައުމެއްގެ މަސައްކަތް ކުރާ އާބާދީއަކީ ތަޢުލީމާއި ހުނަރު ނެތް އާބާދީއެއް ނަމަ، އެއާބާދީއަށް ޖުމްލަކޮށް ލިބޭނެކަމަށް ލަފާކުރެވޭ އާމްދަނީ (ފިއުޗަރ އާނިންގ) ދަށްވުމުގެ ސަބަބުން ޤައުމުގެ އިޤްތިސާދީ ކުރިއެރުން ދަށްވާނެކަމަށް އިޤްތިޞާދީ މާހިރުން ޤަބޫލު ކުރައްވައެވެ.

- - -

އެޑިޓަރުގެ ނޯޓު : އިދްހާމް ފަހުމީ އަކީ ޤައުމީ ޔުނިވާސިޓީގެ ހިތަދޫ ކެމްޕަހުގެ މެނޭޖަރުގެ އިތުރުން، އިޤްތިޞާދީ ދާއިރާއިން މަތީ ތަޢްލީމް ޙާޞިލުކުރައްވާފައިވާ އެޔުނިވާސިޓީގެ ލެކްޗަރަރ އެކެވެ.

ޓެގްސް: ތަޢްލީމް މަތީ ތަޢުލީމް އެމްއެންޔޫ އެމްއެންޔޫ ހިތަދޫ ކެމްފަސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.