އިނގިރޭސި ރާނީ ކުއީން އެލިޒަބަތު

ހަބަރު

އިނރޭސި ރާނީ ކުއީން އެލިޒަބަތު އަވަހާރަ ވެއްޖެ

އަމާނީ - ޔޫރަޕް | 8 ސެޕްޓެންބަރ 2022 , ބުރާސްފަތި 23:53   316

އިނގިރޭސި ވިލާތުގެ ރާނީ ކުއީން އެލިޒަބަތު 2 ވަނަ، އަވަހާރަވެއްޖެއެވެ. އެކަމަނާ އަވަހާރަވިކަން ބަކިންހަމް ޕެލަސްއިން ވަނީ އިޢުލާން ކޮށްފައެވެ. ކުއީން އެލިޒަބަތުއަކީ އިނގިރޭސި ތާރީޚުގައިވެސް އެންމެ ދިގު މުއްދަތަކަށް ރަނިކަން ކުރެއްވި ކަމަނާއެވެ. އަވާހާރަވީއިރު ޢުމުރުފުޅަކީ 96 އަހަރެވެ. އެކަމަނާ އަވަހާރަވީ އިނގިރޭސިވިލާތުގެ ސްކޮޓް ލޭންޑުގެ ބަލްމޯރަލްގައެވެ.

މިއަހަރުގެ ތެރޭ އެކަމަނާއަށް ހިނގާ ބިނގާވެ އުޅުމަށް ދަތިތަކާ ކުރިމަތިވެވަޑައިގެންނެވި އެވެ. އެގޮތުން ސިއްހީ މައްސަލަތައް ދިމާވުން އިތުރުވެ، ގިނައިން އަރާމު ކުރުމަށް ޑޮކްޓަރުން ލަފާ އެރުއްވިއެވެ. އެސަބަބާހެދި އެކަމަނާގެ ފެނިލެއްވުންތައް މިއަހަރުތެރޭ ވަރަށް ބޮޑަށް މަދުވި އެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހަކީ ވެސް އެކަމަނާގެ ޙަޔާތްޕުޅަށް ހިތާމަތަކެއް ކުރިމަތިވެވަޑައިގެންނެވި ދުވަހެކެވެ. އެއީ އެންމެ އަރިހުގައި 73 އަހަރު ވޭތި ކުރެއްވި ލޮބުވެތި ފިރިކަލުން އަމީރު ފިލިޕް އަވަހާރަވީ ދުވަހެވެ. އެހިތާމަވެރި ޙާދިސާއިން އެކަމަނާއަށް ފުން އަސަރުތަކެއް ކުރެއްވި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ރާނީ އެލިޒަބަތު 2 ވަނަ، އިނގިރޭސި ތަޚުތަށް އިސްވެވަޑައިގަތީ 1952 ވަނައަހަރުއެވެ. އޭގެފަހުން ވޭތުވެދިޔަ 70 އަހަރު ވެގެންގޮސްފައިވަނީ މުޅި އިނގިރޭސި ވިލާތަށް ސިޔާސީ ގޮތުންނާއި އިޤްތިސާދީ އަދި އިޖްތިމާޢީ ގޮތުންވެސް ހެޔޮ ބަދަލުތަކެއް ގެނެވުނު ދުވަސްވަރަކަށެވެ.

ރާނީއަށްފަހު އިނގިރޭސިވިލާތުގެ ރަސްކަމަށް އިސްވެވަޑައިގެންނެވީ ދޮށީ ދަރިކަލުން ޗާލްސްއެވެ. އެމަނިކުފާނު ރަސްމީކޮށް ރަސްކަމާ ޙަވާލުވެ ވަޑައިގަންނަވާނެ ވަގުތެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މަންމާފުޅު އަވަހާރަ ވުމާއެކު ވެރިކަމުގެ ޚާންދާނުގެ އެންމެހާ ޒިންމާތަކާ އެމަނިކުފާނުވަނީ ޙަވާލުވެ ވަޑައިގެންފައެވެ.

ޓެގްސް: އިނގިރޭސިވިލާތް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.