މައި ކޮލެޖްގެ ސްކޫލް އޮފް އެގްރިކަލްޗާރ އިން ދެދުވަހުގެ މުއްދަތަކަށް ގޭގައި ބަގީޗާ ހެއްދުމާއި އަދި ދަނޑުވެރިކަންކުރާނެ ގޮތުގެ ޓްރޭނިން ޕްރޮގްރާމެއް ބާއްވައިފިއެވެ.
މައިކޮލެޖްގެ ހުޅުމާލޭ ކެމްޕަހާއި، އެގްރިކަލްޗަރަލް ސްކޫލް، އަދި ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ކުރިއަށް ގެންދިޔަ މިޕްރޮގްރާމް ބާއްވާފައިވަނީ ސެޕްޓެމްބަރު މަހުގެ 11 އިން 12 އަށެވެ. މިއީ އެކޮލެޖްގެ އިޖްތިމާޢީ ޒިންމާ (ސީސެސްއާރު) ތެރެއިން، ހިލޭ ސާބަހަށް ހިންގައިދެވުނު ޕްރޮގްރާމެކެވެ.
މައިކޮލެޖްގެ ފަރާތުން އެކްސްޕްރެސް ނޫހަށް މަޢްލޫމާތު ދެއްވަމުން ވިދާޅުވީ، މި ޕްރޮގްރާމްގެތެރެއިން ފެހި ވެއްޓެއް ގާއިމުކުރުމަށް، އަދި ތިމާވެއްޓާއި ރައްޓެހި މުޑުވައް އިންދާނެ ގޮތުގެ މަޢްލޫމާތު ބައިވެރިންނަށް ފޯރުކޮށްދެވުމުނު ކަމަށެވެ. އަދި މިފަދަ ޕްރޮގްރާމްތަކާއި އެކު ދަނޑުވެރިކަން އިތުރަށް ފުޅާވެ ރައްޔިތުންގެ ޝައުޤުވެރިކަން ދަނޑުވެރިކަމަށް އިތުރުވެގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.
މިކޯހުގައި ކިޔަވައިދެއްވީ ދަނޑުވެރިކަމުގެ ތަޖްރިބާކާރު ދެބޭފުޅުން ކަމުގައިވާ، ޑރ. މަހްފޫޒު މިރްޒާދް އާއި މިސް. ޒަކިއްޔާ ބޭގަމް އެވެ.
ޕްރޮގްރާމްގެ އަމާޒު އަދި ހިމެނުނު ބައިތަކުގެ ތެރޭގައި:
- ގޭގައި ބަގީޗާގެ ގޮތުގައި ސިއްހަތައްފައިދާ ހުރިކާނާގެ ބާވަތްތައް އިންދުމަށް ހޭލުންތެރިކުރުވުން
- ބިންގަނޑު ރަނގަޅުކުރުމާއި މުޑުވަކުގެ ދުޅަހެޔޮކަން ދެމެހެއްޓުން
- ފަންނީ މަޢްލޫމާތު ފޯރުކޮށްދިނުން
- ޓެކްނޮލޮޖީ ބޭނުންކޮށްގެން ބެލެހެއްޓިދާނެ ގޮތުގެ މަޢްލޫމާތު ފޯރުކޮށްދިނުން
- ތިމާވެއްޓާއި ރައްޓެހި މުޑުވައް ތަޢާރަފްކޮށްދިނުން
މިކޯހުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، މައިކޮލެޖްގެ ރެކްޓަރ، މިސް. ލަމްޔާ އަބްދުލް ހާދީ ވަނީ ތަމްރީންތަކުގެ ބައިވެރިންނަށާއި، ސެޝަންތައް ނަންގަވައިދެއްވި ފަރާތްތަކަށް ސެޓްފިކެޓް އަރުވާފައެވެ.
މައި ކޮލެޖުން ވަނީ ރާއްޖޭގެ ފުރަތަމަ އެގްރިކަލްޗަރަލް ސްކޫލް އައްޑޫ ސިޓީގައި ހުޅުވާފައެވެ. އެސްކޫލްގެ މައިގަނޑު އަމާޒަކީ ރާއްޖެއަށް ބޭނުންވާ ތަރުކާރީ އާއި މޭވާގެ ބާވަތްތައް ބޭރުން ގެނައުމުގެ ބަދަލުގައި އަމިއްލައަށް އުފައްދާނެ ޤާބިލުކަންއިތުރުކުރަން މަސައްކަތްކުރުމެވެ.
އެސްކޫލްގެ ފަރާތުން، ދަނޑުވެރިކަމާއި ގުޅޭ ބައެއް ތަޙްލީލުތައް ކުރަމުން އަންނައިރު، ދަނޑުވެރިކަމަށް މީހުން ހިތްޖައްސައި ހޭލުންތެރިކުރުމުގެ ގިނަ ޕްރޮގްރާމްތަކެއް ވެސް އަންނަނީ ހިންގައިދެމުންނެވެ. މިކަމަށްޓަކައި ތައްޔާރުކުރެވިފައިވާ ދުނިޔޭގެ ފެންވަރުގެ ލެބޯޓްރީއާއި އެކު އެސްކޫލުން ވަނީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ޤަބޫލުކުރާ، ސެކްފިކެޓް ލެވެލް 2 ގެ ކޯސް ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އަދި މައިގަނޑު އަމާޒުތަކުގެ ތެރޭގައި މުޅި ރާއްޖެއަށް މިފަދަ ޕްރޮގްރާމްތައް ފެތުރުން ވެސް ހިމެނެއެވެ.

މިލިޔުމާއި ގުޅޭ:
މައިކޮލެޖް، ހުޅުމާލޭގައި ގޭގައި ބަގީޗާ ހެއްދުމާއި ގުޅޭ ކޯހެެއްބޭއްވުން (ފޮޓޯތައް)
ގަސް ހައްދަން ދަސްކޮށްދޭ ކޯހެއް މައިކޮލެޖުން އައްޑޫގައި ފަށަނީ