ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެކި ފެންވަރުގެ ހޮސްޕިޓާތައް އެޅުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. މިހާތަނަށް ހާމަވެފައިވާ މަޢްލޫމާތުތަކަށް ބަލާއިއިރު، 21 ހޮސްޕިޓަލް އެޅުމުގެ މަސައްކަތައް ގާތްގަނޑަކަށް ޖުމްލަ 2 ބިލިއަން ރުފިޔާގެ ލޯނު ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކިއެކި ފަރާތްތަކުން ނަގާފައިވެއެވެ.
ކުވައިތު ފަނޑުން ލޯނު ނަގައިގެން މިހާރުވެސް ގދ. ތިނަދޫގައި ޓާޝިއަރީ ހޮސްޕިޓަލެއް ހަދަމުން އަންނައިރު, ކެންސަރަށް ފަރުވާދިނުމަށް ޚާއްސަކުރެވިގެން ލާމު އަތޮޅު ގަމުގައި އެންމެ ޒަމާނީ ފެންވަރު ހޮސްޕިޓަލެއް ހެދުމަށް ސަރުކާރުން ވަނީ 200 މިލިއަން ރުފިޔާއަށް އަށް ވުރެ ގިނަ ފައިސާ އިންޑިއާގެ އެގްޒިމް ބޭންކުން ނަގާފައެވެ. މީގެ އިތުރުން ވެސް ސަރުކާރުން އަންނަނީ، 14 ހޮސްޕިޓަލެއްގެ މަސައްކަތްކުރަމުންނެވެ.
މިހާރު އަލަށް ހަދަން ނިންމާފައިވާ 7 ހޮސްޕިޓަލަކީ ވެސް ސަރުކާރުން ލޯނުނަގައިގެން ހަދަން ނިންމާފައިވާ ހޮސްޕިޓަލްތަކެވެ. އަދި މިލޯނުތަކުގެ ބޮޑުބައެއް މިފަހަރު ހޯދުމަށް ނިންމާފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިންނެވެ.
ޖުމްލަ 30 އެނދުގެ ކޮންމެ ހޮސްޕިޓަލެއްގައި އަޅާއިރު މަދުވެގެން 160 މިލިއަން ދިވެހި ރުފިޔާ ޚަރަދުވާނެކަމަށް އަންދާޒާކުރެވެއެވެ. އެ ހޮސްޕިޓަލްތަކަކީ؛
- ހދ. ހަނިމާދޫ
- ށ. މިލަންދޫ
- ނ. ވެލިދޫ
- ކ. ތުލުސްދޫ
- ވ. ފުލިދޫ
- އދ. މާމިގިލީ
- ތ. ވިލުފުށި
މިހުރިހާ ހޮސްޕިޓަލެއް ވެސް މިހާރު ވަނީ، ބިޑް އެވޯޑްކުރުމުގެ މަރުޙަލާގައިކަމަށް މަޢުލޫމާތު ލިބެއެވެ.
