އާދީއްތަ ދުވަހުގެރޭ އެ ހޮސްޕިޓަލުގައި ބަލިމީހުން ޑޮކްޓަރަށް ދައްކަން މަޑުކޮށްލައިގެން

ހަބަރު

އައްޑޫގައި ހަލުވިކަމާއިއެކު ރޯގާ ފެތުރެނީ، އޭއީއެޗްގެ އިމަޖެންސީ ރޫމް ހުރީ ފުލްވެފައި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 19 ސެޕްޓެންބަރ 2022 , ހޯމަ 11:02   444

މޫސުމީ ރޯގާ (ވައިރަލް ހުން) މުޅިރާއްޖޭގައި ވެސް ފެތުރެމުންދާ މިދަނޑިވަޅުގައި، އައްޑޫ ސިޓީގައި ރޯގާގެ އެކި ވައްތަރުތައް ފެތުރެމުންދާކަމަށް ކަމާއިގުޅޭ އިދާރާތަކުން ބުނެފިއެވެ.

ސިއްޙީ ދާއިރާގެ އޮފިޝަލަކު އެކްސްޕްރެސް ނިއުސްއަށް މަޢްލޫމާތު ދެއްވަމުން ވިދާޅުވީ، މިމަހުގެ ކުރީކޮޅުން ފެށިގެން އައްޑޫގައި ވަރަށް ގިނަ ބަޔަކަށް ރޯގާ ޖެހި، ބޭރަށް ހިނގުމާއި ހޮޑުލުން ވަރަށް ބޮޑަށް ޢާއްމު ވެފައިވާކަމަށެވެ. ވަކިން ޚާއްސަކޮށް ބައެއް ސްކޫލްތަކުގެ ދަރިވަރުންގެ ތެރޭގައި އޮތީ ވަރަށް ބޮޑަށް ފެތުރިފައިކަމަށެވެ.

ބައެއް ސްކޫލްތަކުގެ ކްލާސްތަކުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ކުދިންނަށް ހުންޖެހިފައިވޭ. އަދި ފެތުން ފަދަ ބައެއް ޙަރަކާތްތަކުގެ ތެރެއިން ވެސް ހުން ބޮޑަށް ފެތުރޭކަން ފާހަގަކުރެވޭ. އަޅުގަނޑުމެން އެދެން، ސްކޫލްތަކުން ވެސް އަދި އެހެން ފަރާތްތަކުން ވެސް ވީހާވެސް ބޮޑަކަށް ސަމާލުވުމަށް. މިދުވަސްކޮޅު ކުދިން އެހާ ގައިގޯޅިކޮށް ނުބޭތިއްބުމަށާއި، އަތް ދޮވެ ސެނިޓައިޒާރ ފަދަ ތަކެތި ބޭނުންކުރުމަށް ސަމާލުކަން ދިނުމަށް.

~ ސިއްހީ ދާއިރާގެ އޮފިޝަލަކު، އައްޑޫ ސިޓީއިން

އަޅުގަނޑުމެންނަށް ހޮސްޕިޓަލުން މަޢްލޫމާތު ދެއްވާގޮތުގައި، ޙާލަތު ގޯސްވަމުން ދިޔަނަމަވެސް، އަދި މެނޭޖެ ނުކުރެވޭވަރަށް ޙާލަތު ގޯސްވެފައިނުވެއެވެ.

ނަމަވެސް ހޮސްޕިޓަލުގެ އެހެން މުވައްޒަފަކު ހާމަކުރިގޮތުގައި، ބައެއް ވޯޑުތައް ފުރި، އީއެންޓީ ރޫމް ފަދަ ރޫމްތަކަށް ވެސް ބަލިމީހުން ވައްދަމުންދާކަމަށެވެ.

އާދީއްތަ ދުވަހުގެރޭ ދަންވަރު ވެސް ގިނަ ޢަދަދެއްގެ ބަޔަކު ކިއުގައި ތިބިކަން ފާހަގަކުރެވެއެވެ. އަދި ހުރިހާ އެނދެއް ފުރިފައެވެ. އަދި ޢާއްމު ބަލިތަކުގެ އޭރު ބައްލަވަމުން ގެންދެވީ އެންމެ ޑޮކްޓަރެކެވެ. ކޮންމެ ޕޭޝަންޓަކަށް ފަރުވާ ދިނުމަށް ގިނަ ވަގުތު ހޭދަވާއިރު، ގިނަވަގުތު ކިއުގައި މަޑުކުރަންޖެހޭތީ ކިއުގައި ތިބި ގިނަބަޔަކު ދިޔައީ ނުރުހުން ފާޅުކުރަމުންނެވެ. ބައެއް މީހުން ބަނޑުގައި ރިއްސާ ހޮޑުލަމުން ދިޔައިރު ކިއުގައި 2 ގަޑިއިރު ހޭދަކުރަމުން ދިޔަ މީހުންވެސް ތިބިކަމަށް އެތަނުން ބައެއް މީހުން ބުނެފައިވެއެވެ.

މޫސުމީ ރޯގާ ފެތުރޭ މިފަދަ ދުވަސްވަރެއްގައި ޢާއްމު ސާފްތާހިރުކަމަށް ސަމާލުކަން ދިނުމަށް މީގެ ދުވަސްކޮޅެއް ކުރިން އެޗްޕީއޭ އިން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ޓެގްސް: އައްޑޫ ސިއްޙަތު ބަލިމަޑުކަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.