ވޯޓުލާ މަރުކަޒެއްގައި އީސީގެ މުވައްޒަފުންތަކެއް ޙަރަކާތްތެރިވަނީ، މާލޭގައި 181 ފޮށި، އައްޑޫގައި 319 ފޮށި...

ހަބަރު

ރައްޔިތުންގެ މަޖިލީސް އިންތިޚާބު: 1 ގަޑިއިރުތެރޭ 24،000 މީހުން ވޯޓުލައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 21 އޭޕުރިލް 2024 , އާދީއްތަ 09:39   421

ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވުމަށް ބާއްވާ ވޯޓުލުން ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ފެށިގެން ކުރިއަށްދާއިރު، އިލެކްޝަނުން ހާމަކޮށްފައިވާ މަޢްލޫމާތުތަކަށް ބަލާއިރު 24،000 އަށް ވުރެ ގިނަ މީހުން ނިކުމެ ވޯޓުގައި ބައިވެރިވެފައިވެއެވެ. އަދި މިއީ ރަނގަޅު ޓާންއައުޓެއްކަމަށް ވެސް އިލެކްޝަނުން ފާހަގަކުރައްވައެވެ.

ވޯޓުލާ ގަޑި:

ވޯޓުލުން ފެށިފައިވަނީ، މިއަދު ހެނދު 8.00 ގައެވެ. އަދި ވޯޓްލުން ނިންމާލާނީ 17.30 ގައެވެ. އަދި ވަޤުތު އިތުރުކުރުމެއް ނޯންނާނެކަމަށް އިންތިޚާބާއި ބެހޭ އިދާރާ، އީސީ އިން ބުނެފައިވެއެވެ.

ވޯޓުފޮށިތައް:

އިންތިޚާބުގައި 602 ވޯޓު ފޮށްޓާއިއެކު ޖުމްލަ 284،663 މީހަކަށް ވޯޓުލުމުގެ ޙައްޤުލިބިފައިވެއެވެ. އެންމެ ގިނަ ފޮށި ބެހެއްޓިފައިވަނީ މާލޭގައެވެ. އެއީ 181 ފޮށްޓެވެ. އައްޑޫގައި 319 ފޮށްޓެއް ބެހެއްޓިފައިވާއިރު ރިސޯޓްތަކުގައި 34 ފޮށްޓެއް ބެހެއްޓިފައިވެއެވެ. ފޮށްޓަކަށް ގިނަވެގެން ވޯޓުލުމަށް ރޭވިފައިވަނީ 500 މީހުންނެވެ.

ގޮނޑީގެ ޢަދަދު:

ނިމިދިޔަ 19 ވަނަ މަޖިލީހަށްވުރެ ކުރިއަށް އޮތް 20 ވަނަ މަޖިލީހުގައި 6 ގޮނޑިއިތުރެވެ. މި ބަދަލާއިއެކު އިންތިޚާބުގައި އިދާރީ 93 ދާއިރާއަކަށް މެމްބަރުން އިންތިޚާބުކުރާނެއެވެ. އިތުރުވެފައިވާ ގޮނޑިތަކަށް ބަލާއިރު މާލެ 2 ގޮނޑި، އައްޑޫއަށް 1؛ މާޅޮސްމަޑުލު ދެކުނު، މާލެ އަތޮޅު އަދި ހުވަދޫ އުތުރަށް ކޮންމެ ދާއިރާއަކަށް ގޮނޑިއެއް އިތުރުވެފައިވެއެވެ.

ގޮނޑީ ޢަދަދު މަދުކުރުމަށް ބައެއް ޕާޓީތަކުން މަޝްވަރާކުރި ނަމަވެސް މައިޕާޓީތަކުގެ ތާޢީދު ނެތުމުން އެމަސައްކަތް ކުރިއަކަށް ނުގެންދެވުނެވެ. ދާދިފަހުން އެޗްއާރުސީއެމް އިން ކުރި ޢާއްމު ސާވޭގައި ގިނަ މީހުން ދެކެނީ ގޮނޑިތަކުގެ ޢަދަދު ގިނަކަމަށާއި ދާއިރާތައް މަދުކުރަންޖެހޭކަމަށެވެ.

މަޖިލީހުގެ ދައުރު ހަމަވުން:

މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވާނީ އަންނަ މޭއިމަހުގެ 30 އަށެވެ.

ޓެގްސް: އިންތިޚާބު އިލެކްޝަންސް ކަމިޝަން މަޖިލީސް އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.